އިގްތިސާދީގޮތުން ހިންދެމިލެވިއްޖެކަމަށް ނިންމާ މެޑަލް ޖެހުން އަދި މާ އަވަސް!

އިގްތިސާދީގޮތުން ހިންދެމިލެވިއްޖެކަމަށް ނިންމާ މެޑަލް ޖެހުން އަދި މާ އަވަސް!

މުޅި ދުނިޔޭގައި އާންމުވެގެން ދިޔަ ކޯވިޑްގެ ނުރައްކާތެރި އާލަމީ ވަބާއިން ދުނިޔޭގެ ގައުމުތަމަށް އަރައިގަނެއްވިއްޖެ ކަމުގެ އިހުސާސްތައް މިހާރުވަނީ ކުރެވެން ފަށާފައެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ، ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލާ، އަދި ގިނަ ގައުމުތަކުގައި ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ގިނަ ފިޔަވަޅުތައްވެސް މިހާރު އުވާލާފައި ވުމެވެ. މީގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.

މީގެ 2 ހަފްތާކުރިން ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވަނީ، 2020ވަނަ އަހަރު މުޅި ދުނިޔެއަށް ކޯވިޑްގެ އާލަމީވަބާ އާންމުވެގެން ދިއުމާއެކު އާންމުކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަށްފަހު، މި ހާލަތުގެ ދަށުން އަޅާފައިވާ ގިނަ ފިޔަވަޅުތައްވެސް އުވާލާފައެވެ. ރާއްޖޭގައި މި ފިޔަވަޅުތައް އުވާލާފައި މިވަނީ، ކޯވިޑްގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދަނޑިވަޅުގައިވެސް، ރާއްޖޭގެ ބޯޑަރުތައް ބަންދުނުކޮށް، "އޯޕެން ބޯޑަރ" ޕޮލިސީއެއް ރާއްޖެއިން ގެންގުޅެމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ގޮސްވައި ވަނިކޮށްކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ.

އަދި ރާއްޖެއިން ގެންގުޅެފައިވާ، ބޯޑަރުތައް ބަންދު ނުކުރުމުގެ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން، ފަތުރުވެރިން ރާއްޖެއަށް އަންނަމުންދާ މިންވަރު އިތުރުވަމުން އައިސް، 2021ވަނަ އަހަރު ނިމިގެން ދިޔައިރު، ފަތުރުވެރިން އަންނަ ނިސްބަތަށް، ކޯވިޑް19ގެ ކުރިއާއި ގާތްކުރާ މިންވަރަކަށް ވަނީ ކުރިއެރުން ލިބިގެން ގޮސްފައެވެ. އޭގެ ހެޔޮ ނަތީޖާ ފާއިތުވެދިޔަ ތަނުގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުން ވަނީ ފެނިގެން ގޮސްފައެވެ.

ކޯވިޑްގެ ގިންޖެހުންތަކުން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތީވީ ގޮންޖެހުންދައްކުވަައިދޭ ޗާޓެއް

އެހެންނަމަވެސް ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު އެއް ނުކުތާއަކީ، ރާއްޖޭގެ ފަތުރުވެރިކަން، ކޯވިޑް19ގެ ކުރީގެ މިންވަރަށް ކުރިއަރައިގެން އައިނަމަވެސް، އަދި އެނިސްބަތުން އެކުރިއެރުން އިގްތިސާދުން ފެނިގެން ގޮސްފައިވި ނަމަވެސް، ރާއްޖޭގެ އިގްތިސާދުގެ ހަގީގީ ހާލަތު ވަޒަން ކުރުން އެންމެ ރަގަޅީ ފަތުރުވެރިކަމަށް އައިސްފައިވާ ކުރިއެރުމުގެ ނިސްބަތުން އެކަނި ނޫންކަމެވެ.

ކޯވިޑްގެ އާލަމީ ވަބާއިން އަރައިގަތުމަށް ސަރުކާރުން ކުރި ހޭދަތަކާއި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން ސަރުކާރު ދަރަނިވެރި ވެފައިވާ މިންވަރާއި، ރައްޔިތުންގެ ޖީބުތައް ފަގީރު ވެގެން ގޮސްފައިވާ މިންވަރާއި، ވަޒީފާތައް ގެއްލި، ވަޒީފާ ނެތް މީހުންގެ ނިސްބަތަށް އައިސްފައިވާ ބަދަލުތަކާއި، އަދި މިނޫނަސް ފާއިތުވެދިޔަ 2 އަހަރު އިގްތިސާދަށް ކުރިމަތިވެގެންދިޔަ ގޮންޖެހުންތަކުގެ އަސަރު އިގްތިސާދުން ކުރިޔަށް އޮތްތަކުގައި ފެންނާން ހުންނާނޭ މިންވަރަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު ވަޒަން ކޮށްލުމުގައި ރިއާޔަތް ކުރުން މުހިންމު ކަންކަމުގެ ގޮތުގައި އިގްތިސާދީ މާހިރުން ފާހަގަ ކުރައްވައެވެ.

 

އިގްތިސާދުގެ އަސްލު ހާލަތަކީ ކޮބާ؟

ދިވެހިރާއްޖެ ހިމެނިގެން ދިޔައީ، ކޮވިޑް19ގެ ސަބަބުން އިގްތިސާދަށް އެންމެ ބޮޑަށް ނޭދެވޭ އަސަރުކުރި ގައުމުތަކުގެ ތެރޭގައެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށް ވެގެން ދިޔައީ، ކޯވިޑާއި ދެކޮޅަށް އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރަންޖެހި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ގިނަ ރިސޯޓުތައް އެކީއެކަށް ކަހަލަގޮތަކަށް ބަންދުކުރަން ޖެހުމެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ބޭރު ފައިސާ ވަންނަ މަގުތައް ބަންދުވެ، ރާއްޖޭގެ އިގްތިސާދު ފާއިތުވެދިޔަ ކައިރި މާޒީއެއްގައި ދަށްވެގެން ނުދާ މިންވަރަށް ދަށްވެގެން ދިއުންވެސް މެއެވެ.

މިގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވީ ލޮޅުންތަކުގެ ނަތީޖާއެއްގެ ގޮތުން، އެސިނާއަތުގެ %60 ހުއްޓުމަކަށް އައިސް، 2019ވަނަ އަހަރު ނިމިގެން ދިޔައިރު ރާއްޖޭގެ އިގްތިސާދު %30 ދަށަށް ދިޔައެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު، އިގްތިސާދީގޮތުން އެންމެބޮޑަށް އަސަރުކޮށްފައިވާ ގައުމަކީ ރާއްޖެ

ދައުލަތުގެ އާމްދަނީއަށް މިގޮތުން ލިބިގެންދިޔަ ހީނަރުކަން ފޫބެއްދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. މީގެތެރޭގައި އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވެގެން ދަނީ، ބަޖެޓް މެނޭޖުކުރުމަށް ސަރުކާރުން ނަގާފައިވާ ލޯންތަކެވެ. މިކަން އެންމެ ބޮޑަށް ފާހަގަވާން އޮތީ، ކޯވިޑް 19ގެ ކާރިސާ އާންމުވާން ފެށުނުފަހުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ގެންދަފާއިވާ ދައުލަތުގެ ބަޖެޓުތަކުންނެވެ.

2021 ވަނަ އަހަރަށް ބަލާއިރު،، 2022ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް މި ބަޖެޓުގައި ލަފާ ކޮށްފައިވަނީ 34.0 ބިލިޔަން ރުފިޔާއެވެ. އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.9 ބިލިޔަން ރުފިޔާއެވެ. މި ބަޖެޓަކީ 9.7 ބިލިޔަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން %11.1އެވެ.

ކޯވިޑް19 މެނޭޖު ކުރުމަށް ސަރުކާރުން ކޮށްފައިވާ ބޮޑެތި ހޭދަތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ޖީޑީޕީ ނިސްބަތުން ދަރަނި 2019 އަހަރު %62.5 ގައި ހުރިއިރު ކޯވިޑް އާއި އެކު ޙަރަދުތަށް އިތުރުވެ، އާމްދަނީ ލިބޭ މިންވަރު ދައްވުމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ދަރަނި %115 އަށް 2020ވަނަ އަހަރު ވަނީ އަރާފައެވެ. 2020ވަނަ އަހަރު ނިމިގެން ދިޔައިރު ދައުލަތުގެ ދަރަނި ވަނީ 70.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އަދި 2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި، ގެރެންޓީ ހިމަނައިގެން 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން 2020ވަނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ވިދާޅުވެފައި ވެއެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 124.8 އިންސައްތައެވެ.

އެހެންކަމުން، ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައަކީ، އަދި މިހާތަނަށް ރައްޔިތުންގެ އާންމު ދިރިއުޅުމާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުގެ ތެރެއިން އާދަޔާއި ޚިލާފް ގޮތެއްގައި ފާހަގަވެގެން ގޮސްފައިވާ ކަމަށް ނުވިނަމަވެސް، ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން %124 އަށް އަރައިގެން ދިއުމުން، އެއީ ނުރައްކަލުގެ ރަގަބީލެއްގެ ގޮތުގައި މެނުވީ ބެލެވޭނެ އެއްވެސް ޖާގައެއް އޮތް ކަމުގައި ނުބެލެވެއެވެ.

ސަބަބަކީ އަވައްޓެރި ސްރީ ލަންކާގެ އިގްތިސާދީ ހާލަތު، ގައުމު ބަނޑަށް ޖެހޭ ހާލަތަށް ގޮސްފައި ވަނީވެސް އެއްދުވަހަކުން ދެދުވަހަކުން ނޫންކަމަށް ވާތީއެވެ. އެގައުމުގެ ސަރުކާރުތަކުން އިންތިހާއަށް ގައުމު ދަރަނިވެރިކޮށް، އެގޮތުގެ މަތީން އެތައް ސަރުކާރެއް އައިސް ގޮސްފައިވަނިކޮށެވެ. އަންނަ ސަރުކާރެއް ދައުރު ފުރިހަމަ ކޮށްފައި ދާނެއެވެ. އެހެންނަމަވެސް، ޖީޑީޕީއާއި ނުބައްދަލު ދަރަންޏަކާއެކީ ދަތުރުކޮށް، ގައުމު ބަނޑަށް ޖެހިގެންދާއިރު ގުރުބާންވާން ތިބޭނޭ ބަޔަކީ ގައުމުގެ ރައްޔިތުކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

ނަޝީދު ވިދާޅުވަނީ ބޯޑަރު ހުޅުވުމަށް ސަރުކާރުން ދެކޮޅުހެދި މިންވަރު ހާމަކޮށްދެއްވާނެ ކަމަށް

 

އިގްތިސާދު ހަމަޔަކަށް އެޅުނީ ކަމަށް ނިންމާ އެންމެ "ކުރެޑިޓް" ނަގަންވީތަ؟

ރާއްޖޭގައި ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ، ޑޮލަރުގެ ކަޅު ބާޒާރުގައި ދިވެހި ރުފޔާގެ އަގު ދަށަށް ގޮސްފައި އޮންނަތާ 2 އަހަރެއްހާ ދުވަސް ފާއިތުވެގެން ދިއުމަށް، މިހަފްތާގައި މިވަނީ ޑޮލަރުގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށާފައެވެ.

އަދި ޑޮލަރުގެ އަގަށް އައިސްފައިވާ ހެޔޮ ބަދަލު ކުއްލިގޮތަކަށް ފެންނާން ފަށާފައި މިވަނީ، ކޯވިޑްގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންކަމަށް މޭރުންކޮށް، ބޯޑަރުތައް ހުޅުވާލުމަށް އެއްބަޔަކު ވަކާލާތު ކުރިކުމަކީ މީގެ އަސްލުކަމުގައި ސިޔާސީ ފަރާތްތަކުން މިވަނީ ވަކާލާތުވެސް ކުރަން ފަށާފައެވެ. އަދި މިކަމުގެ ހުރިހާ ޝަރަފަކާއި، ހުރިހާ ތައުރީފެއް ހައްގުވަނީ ވަކި ސިޔާސީ ފަރުދަކަށް ކަމުގައި ދައްކުވައިދީ، އެމޭރުމުން މެޑަލް ޖެހުމަށްވެސް ސިޔާސީ ފަރާތްތަކުން އަވަސް ވެގެންފައިވާތަންވެސް މިހާރު ދަނީ ފެންނަމުންނެވެ.

އެހެންނަމަވެސް، ފެންނާން އޮތް ހަގީގަތަކީ، ކޯވިޑުންވެސް އަދިވެސް ދުނިޔެއަށް އަރައިގަނެވިފައި ނުވާތަނެވެ. ކޯވިޑަކީ އާލަމީ ވަބާއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާން ކޮށްފައި އޮތް އޮތުމަށް އަދިވެެސް ނިމުމެއް ގެނެސްފައެއް ނުވެއެވެ. ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ، މުޅި ދުނިޔޭގެ އާބާދީގެ %70އަށް ވެކްސިން ދީ ނިންމާ ނުލެވެނީސް މުޅި ދުނިޔެއަށް ކޯވިޑުން އަރައިގަނެވުމަކީ ނާދިރު ކަމެއް ކަމުގައެވެ.

ހަމައެއާއެކު، ކޯވިޑުގެ ކާރިސާއަށް ލުޔެއް ލިބުނުތަނާ ކަހަލަ ގޮތަކަށް، ދުނިޔެ މިވަނީ ޔޫކުރެއިން ހަގުރާމައިގެ ކާރިސާއާއި ކުރިމަތިލާން ޖެހިފައެވެ. ތެލުގެ އަގު ދަނީ އިންތިހާއަށް އުފުލެމުންނެވެ. އޭގެ ސަބަބުން މުޅި ދުނިޔޭގެ ދަތުރުފަތުރަށް ދަނީ އޭގެ ނޭދެވޭ އަސަރުކުރަމުންނެވެ.

އެހެންކަމުން މިހާލަތުގައި ދުނިޔެ އޮއްވާ، ރާއްޖޭގެ ބޯޑަރުތައް ހުޅުވުމަށް ވަކާތު ކުރިކަމުން މެޑަލްޖަހާ، އިގްތިސާދަށް ހަމަ ކިރިޔާ ހިންދެމިލެވޭވަރު ވާއިރަށް، އޭގެ "ކުރެޑިޓް" ނެގުމަށް ސިޔާސީ ބައެއް ފަރާތްތަކުން އަވަސް ވެގަތުމުން ދައްކުވައިދެނީ، މި ބޭބޭފުޅުންގެ ސިޔާސީ އެޖެންޑާގެ އަސްލު ހަގީގަތް މެނުވީ ދެން އެހެން ކޮން ސިފައެއްބާވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *