ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑް ކުރުމުގެ މަސައްކަތް އެމެރިކާއިން ފަށަނީ

ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑް ކުރުމުގެ މަސައްކަތް އެމެރިކާއިން ފަށަނީ

Author
ހުސެއިން
04 އޭޕްރިލް 2022 06:03
0

ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑް ކުރުމަށް ޔޫއެން ޖެނެރަލް އެސެމްބްލީއަށް ހުށަހަޅުއްވާނޭ ކަމުގައި އެމެރިކާއިން ޔޫއެންއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ލިންޑާ ތޯމަސް ގްރީންފީލްޑް ހޯމަދުވަހު ވިދާޅުވެއްޖެއެވެ.

ލިންޑާ ތޯމަސް މިހެން ވިދާޅުވެފައިވަނީ، ރަޝިއާއިން ޔޫކުރެއިންގެ ސިޓީއެއް ކަމުގައިވާ ބުޗާގައި ގަތުލުއާންމެއް ހިންގާފައި ވާކަމަށް ދުނިޔޭގެ ގައުމުތަކުން ބުނަމުން ދަނިކޮށެވެ.

ޖެނީވާގައި ގާއިމް ކުރެވިފައިވާ މި ކައުންސިލްގެ 3 އަހަރުގެ ދަރުގެ މެމްބަރެއްގެ ދައުރު ރަޝިއާއިން އަދާކުރަމުން ދާތާ މިއީ 2 ވަނަ އަހަރެވެ. 193 ގައުމުގެ މައްޗަށް އެކުލެވިގެންވާ ޔޫއެން ޖެނެރަލް އެސެމްބްލީގެ 2/3ގެ އަގުލަބިއްޔަތަކުން ގައުމެއް މި ކައުންސިލުން ސްސްޕެންޑް ކުރުމަށް ނިންމައިފިނަމަ، ޔޫއެން ހިއުމަންރައިޓްސް ކައުންސިލުން މެބަރުގައުމެއް ސަސްޕެންޑް ކުރެވިދާނެއެވެ.

"ރަޝިއާއިން ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގައި ބައިވެރިވުމަކީ ހެއްވާ ކަމެއް،" ތޯމަސް ގްރީންފީލްޑް ހޯމަދުވަހު ވިދާޅުވެފައި ވެއެވެ. "އަދި އެފުރުސަތު ދެވިގެން ނުވާނެ، އެ ސަބަބަށްޓަކާ އަހަރެމެން ގަބޫލުކުރަނީ، ރަޝިއާ މި ކައުންސިލުން ބޭރުކުރުމަށް ޔޫއެން ޖެނެރަލް އެސެމްބްލީއަށް ވޯޓު ދެވިދާނެކަމަށް."

ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށިފަހުން، މިއުދުވާން ކުށްވެރިކޮށް، ޔޫއެން ޖެނެރަލް އެސެމްބްލީގެ 140 ގައުމެއްގެ ތާއީދާއެކީ ވަނީ ގަރާރެއް ފާސްކޮށްފައެވެ.

އެހެންނަމަވެސް ރަޝިއާއިން ބުނެފައިވަނީ އެގައުމުގެ އަސްކަރިއްޔާއިން ޔޫކުރެއިންގައި ކުރިޔަށް ގެންދަނީ، ޔޫކުރެއިންގެ އަސްކަރިއްޔާއި ދެކޮޅަށް ކުރިޔަށް ގެންދާ އަސްކަރީ އޮޕަރޭޝަނެއް ކަމުގައެވެ.

ފާއިތުވި ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށިފަހުން، ވެރިރަށް ކީވްގެ ވަށައިގެން ރަޝިއާގެ ބާރުގެދަށަށް ގެންދިޔަ އަަވަށްތަކުން ރަޝިއާ ސިފައިން މިހާރުވަނި ފައިބައިފައެވެ. އަދި ރަޝިއާއިން ބުނެފައިވަނީ، ހަގުރާމައިގެ ފުރަތަމަ މަރުހަލާ ނިމިފައި ވާކަމަށާއި، އެގައުމުގެ މިހާރުގެ އަމާޒަކީ ޔޫކުރެއިންގެ އިރުމަތީގައި ވަކިވެގަތުމަށް ހަނގުރާމަކުރާ ހަނގުރާވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް ހިމާޔަތްކޮށް ޔޫކުރެއިންގެ ސިފައިންގެ އަތުން މި ސަރަހައްދުތައް އެކީ މިނިވަން ކުރުން ކަމުގައެވެ.

ރަޝިއާން ސިފައިން ފައިބާފައިވާ ސަރަހައްދުތަކުގައި އެގައުމުން ގަތުލުއާންމުތައް ހިންގާފައިވާ ކަމަށް ޔޫކުރެއިން ތުހުމަތު ކޮށްފައިވާއިރު، ޔޫކުރެއިންގެ ވެރިރަށުގެ ރަށްބޭރުގައި އޮންނަ ބުޗާ އަވަށުގައި، ރަޝިއާއިން ގަތުލުއާންމު ހިންގާފައިވާކަމަށް ދުނިޔޭގެ ގައުމުތަކުގެ ވެރިން ދަނީ ތުހުމަތު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.