ރާއްޖޭގައި 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) އިންވެސްޓްކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކޮށްފައިވަނީ ތިރީސް އަހަރުގެ ވެރިކަމުގެ ފިކުރުގެ ތެރެއިން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށް ތަޅުމަށް ހުށައެޅި ރިޕޯޓްގައި ވަނީ، ވާރކް ޕާރމިޓްގެ މައްޗަށް ބިނާކޮށް، ވާރކް ވީޒާއަށް އެދޭ ފަރާތްތަކަށް، އިތުރު ފީއެއް ނުވަތަ ޝަރުޠަކާ ނުލައި، ވާރކް ވީޒާ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ދޫކުރަންވާނެކަމަށާއި، އެހެންނަމަވެސް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގައި ރިޢާޔަތްކޮށް ވާރކް ވީޒާ ދޫނުކުރުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަންއަށް ލިބިގެންވާކަމަށެވެ.
އަދި ބިޒްނަސް ވީޒާއާއި، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރާނީ، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ދޫކުރާ ހުއްދައިގެ މައްޗަށް ބިނާކޮށް އިތުރު ޝަރުޠަކާ ނުލައި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކަމަށާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކޮށް ވީޒާތައް ދޫނުކުރުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަންއަށް ލިބިގެންވާކަމަށް މަޖިލީހުން ފާސްކުރި އިޞްލާހުގައިވެއެވެ.
މިކަމާއި ގުޅިގެން މޫސަ ވިދާޅުވީ އެއްމެ ޑޮލަރެއް އިންވެސްޓުކުރުމެއްނެތި ލޭބަރުންގެ ގޮތުގަ ގެނައިބަޔަކަށް، ވިސާއަކާނުލައި މި ޤައުމުގަ ވިޔަފާރިކޮށް މީހުނާ އިނދެ އުމުރަށް އެވެރިން ބޭނުންގޮތަކަށް އުޅެން މަގުފަހި ކޮށްދިން ތިރީސް އަހަރުގެ ފިކުރުކަމަށެވެ. އާ ޕާޓީ އެއް ހެދިއަސް އެފިކުރެއް ބަދަލެއް ނުވާނެކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.
މަޖިލީހުން ފާސްކުރި އިތުރު އިޞްލާޙުތަކުގެ ތެރޭގައި، ވާރކް ވީޒާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން، ރާއްޖޭގައި ވަޒީފާއަދާކުރުމަށް އަންނަ ބިދޭސީއަކަށް، އޭނާ ރާއްޖޭގައި މަސައްކަތްކުރުމަށް ދޫކޮށްފައިވާ ހުއްދަ ކަމުގައިވާ ވާރކް ޕާރމިޓަށް ބިނާކޮށް، ވާރކް ޕަރމިޓްގެ މުއްދަތަށް ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައެއް ކަމަށް ބުނެފައިވެއެވެ.
އަދި ރެސިޑެންޓް ވީޒާއަކީ، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން، ކައިވެނީގެ މުއްދަތުގައި ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނާއި، އަދި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެއްސަކާ ކައިވެނިކޮށްގެން ދަރިއެއް ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ޙާލަތުގައި ނުވަތަ އޭނާ ކައިވެނިކޮށްގެން އުޅުނު މީހާ ނިޔާވެފައިވާ ޙާލަތުގައި، އޭނާގެ ދަރިންނާއެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައެއްކަމަށާއި، މި ޙާލަތްތައް ނިމުމަކަށް އަތުވެއްޖެނަމަ، އެފަރާތްތަކަށް ރާއްޖޭގައި ހުރުމަށް ދޫކުރެވިފައިވާ ރެސިޑެންޓް ވީޒާ ކެންސަލްވާނެކަމަށްވެސް ރިޕޯޓްގައިވެއެވެ.
ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކަށް، ކައިވެނީގެ މުއްދަތުގައި ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީން އަދި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެއްސަކާ ކައިވެނިކޮށްގެން ދަރިއެއް ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ޙާލަތުގައި ނުވަތަ އޭނާ ކައިވެނިކޮށްގެން އުޅުނު މީހާ ނިޔާވެފައިވާ ޙާލަތުގައި، ދަރިންނާއެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދޫކުރާ ރެސިޑެންޓް ވީޒާ ކޮންމެ 5 އަހަރަކުން އާ ކުރަންވާނެކަމަށާއި، އެހެންނަމަވެސް، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފަރާތްތަކުގެ ތެރެއިން އަލަށް ރެސިޑެންޓް ވީޒާއަށް އެދި ހުށަހަޅާ ފަރާތެއްނަމަ، ފުރަތަމަ ފަހަރު 1 އަހަރު ދުވަހުގެ މުއްދަތަށް އެފަރާތަކަށް ރާއްޖޭގައި ހުރުމަށް ހުއްދަ ދޫކުރަންވާނެކަމަށްވެސް އިމިގްރޭޝަން ޤާނޫނަށް ގެންނަ އިޞްލާހުގައިވެއެވެ.
ކޮމެންޓު ފޮނުވާ