އިގްތިސާދީ ހާލަތު ގޯސްވެ، ގައުމު ކާބޯ ތަކެއްޗާއި ބޭހަށް ޖެހި، އަދި ބޮޑެތި މުޒާހިރާތަށް ހިނގަމުން ދަނިކޮށް ސްރީ ލަންކާގެ ކެބިނެޓް އިސްތިއުފާ ދީިފިއެވެ.
ކެބިނެޓްގެ 26 ވަޒީރުން އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައި ވިނަމަވެސް، އެގައުމުގެ ބޮޑުވަޒީރާއި އޭނާގެ ބޭބޭ، ރައީސް ގޮޓަބަޔަ ރާޖަޕަކްސް މަގާމުން އިސްތިއުފާ ދެއްވާފައެއް ނުވެއެވެ.
ސްރީ ލަންކާގައި ކާބޯތަކެއްޗާއި ބޭހަށް ދަތިވެ، ދުވާލުގެ ގިނަ އިރުތަކެއްގައި ކަރަންޓު ނެތި އާންމު ރައްޔިތުން ދިރިއުޅެން ޖެހުމާއި ގުޅިގެން އެގައުމުގައި ހިގަމުންދާ ބޮޑެތި މުޒާހިރާތައް ހުއްޓުވުމަށްޓަކާ އެގައުމުގެ ސަރުކާރުންވަނީ މީގެ ދެދުވަސް ކުރިން އިތުރު 36 ގަޑިއިރުގެ ކާފިއު އިއުލާން ކޮށްފައެވެ.
ސްރީ ލަންކާގެ ސަރުކާރުން އިތުރު 36 ގަޑިއިރުގެ ކާފިއު އިއުލާން ކޮށްފައި މިވަނީ، އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅު މުޒާހިރާއަކަށް ތައްޔާރުވަމުން ދަނިކޮށެވެ. އަދި ކާފިއުއަށް ބެލުމެއް ނެތި އާންމުން ގެންދަނީ މަގުތަކަށް ނިކުމެ މުޒާހިރާ ކުރަމުންނެވެ.
ކެބިނެޓްގެ އިސްތިއުފާއާއެކު، ބައެއް މީޑިއާތަކުން އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވެސް ގަމާގުން އިސްތިއުފާ ދެއްވާފައިވާކަމަށް ރިޕޯޓު ކޮށްފައިވި ނަމަވެސް، އޭނާ މަގާމުން އިސްތުއުފާ ދެއްވާފައި ނުވާކަމަށް ގިނަ މީޑިއާތަކުންވަނީ ރިޕޯޓު ކޮށްފައެވެ.
އާދީއްތަދުވަހު ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވަނީ، ބޮޑުވަޒީރު އިސްތިއުފާ ދެއްވާފައިވާކަމަށް ފެތުރުގެން ގޮސްފައިވާ އަޑަކީ ދޮގެއްކަމަށާއި، ބޮޑުވަޒީރު މަގާމުގައި ދެމި ހުންނަވާނޭ ކަމުގައެވެ.
ސްރީ ލަންކާގައި ކާބޯތަކެއްޗާއި ބޭހަށް ދަތިވެ، ދުވާލުގެ ގިނަ އިރުތަކެއްގައި ކަރަންޓު ނެތި އާންމު ރައްޔިތުން ދިރިއުޅެން ޖެހުމާއި ގުޅިގެން އެގައުމުގައި ހިގަމުންދާ ބޮޑެތި މުޒާހިރާތައް ހުއްޓުވުމަށްޓަކާ އެގައުމުގެ ސަރުކާރުން މިހާރުވެސް ވަނީ 36 ގަޑިއިރުގެ ކާފިއު އިއުލާން ކޮށްފައެވެ.
ގައުމު އިގްތިސާދީ ބޮޑު ވަޅުގަޑެއްގައި ވަނިކޮށް، އަދި ހިގަމުންދާ ބޮޑެތި މުޒާހިރާތަކާއެކު، ގޮޓަބަޔަ އިއުލާންކުރި ކުށްލި ނުރައްކަލުގެ ހާލަތުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރަށްވަނީ ބޮޑެތި ބާރުތަކެއް ލިބިގެން ގޮސްފައެވެ. މިގޮތުން، ކުއްލި ނުރައްކަލުގެ ހާލަތާއި އަދި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތުތަކުގައި، ކުރިން އެންގުމަކާނުލާ މީހުން ހިފާ ހައްޔަރުކުރުމުގެ ބާރު އެގައުމުގެ އަސްކަރިއްޔާއަށް ލިބިގެން ދާނެއެވެ.
ނަމާލް ރާޖަޕަކްސަ މިހަފްތާގައިވަނީ، ސްރީ ލަންކާގެ ސަރުކާރުން، އެގައުމުގައި އިންޓަރނެޓް ބްލޮކް ކުރުމަށް ނިންމި ނިންމުމަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ވީޕީއެން ބޭނުންކޮށްގެން ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކުރުމަކީ މިއަދު އާންމު ކަމަކަށް ވުމާއެކު، ސޯޝަލް މީޑިއާ ބްލޮކް ކުރުން ވެގެންދާނީ ބޭކާރު ކަމަކަށެވެ. އަދި އޭނާވަނީ އެ ނިންމުން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ކޯވިޑް19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި، ޓުއަރިޒަމަށް ނޭދެވޭ އަސަރުކޮށް، އަދި ގައުމަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިންތިހާއަށް ދަށްވެގެން ދިއުމާއި ގުޅިގެން، އެގައުމުގެ ފައިސާގެ އަގު ހިފެހެއްޓުމަށް މަޖުބޫރުވެ، ސްރީ ލަންކާގެ ސަރުކާރުންވަނީ، އެގައުމަށް މުދާ އެތެރެކުރާ މިންވަރު މަދުކޮށްފައެވެ.
އަދި، އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ސްރީ ލަންކާގެ ސަރުކާރުން އެގައުމުގެ އިގްތިސާދުގެ ބޭނުން ނާޖާއިޒު ގޮތުގައިކޮށް، އަދި ނަގާފައިވާ ބޮޑެތި ލޯނުތަކާއި، މާބޮޑު ޕްލޭނެއް ނެތި ޓެކްސް ދަށްކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ގައުމުގެ ގޯސްވަމުންދާ އިގްތިސާދީ ހާލަތަށް ދަނީ ނޭދެވޭ އަސަރު ކުރަމުންނެވެ.
އިގްތިސާދީ ހާލަތު ދަށްވެ، ސްރީލަންކާއިން މިހާރުވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީތެރިކަމަށް އެދިފައެވެ. އަދި ޗައިނާއާއި އިންޑިއާގެ އެހީތެރިކަމަށްވެސް ވަނީ އެދިފައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިންޑިއާއި ޗައިނާއިން ދަނީ، ސްރީލަންކާއަށް 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓިއެއް ދޫކުރުމާމެދު މަޝްވަރާ ކުރަމުންނެވެ. މިއީ ގޮޓަބަޔަގެ ސަރުކާރުން، މި ދެގައުމުން ނެގުމަށް މަސައްކަތައް ކުރައްމުންދާ އިތުރު ބޮޑެތި ލޯންތަކުގެ އިތުރަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ފައިސާގެ އެހީއެކެވެ.
ކޮމެންޓު ފޮނުވާ