ޕާކިސްތާންގެ އިދިކޮޅު ފަރާތްތަކުން ގާނޫނުހަދާ މަޖިލީހަށް ވައްދާފައިވާ، ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.
އިމްރާންޚާންގެ މައްޗަށް އިތުބާރު ނެތްކަމަށް ގާނޫނުހަދާ މަޖިލިހުގައި ވޯޓު ނެގުނަށް ވެއްދި މައްސަލަ ކުރިޔަށް ގެންދެވޭގޮތް ނުވީ އެ މައްސަލަ ގާނޫނު އަސާސީގެ 5ވަނަ މާއްދާއާއި ޚިލާފްކަމަށް ބުނެ މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް، ގާނޫނުހަދާ މަޖިލިހުގެ ނާއިބު ރައީސް ނިނެމެވުމާއި ގުޅިގެންނެވެ.
ގާނޫނުހަދާ މަޖިލިހުގެ ނާއިބު ރައީސަކީ އިމްރާން ޚާންގެ ތަހުރީކު އޭ އިންސާފު (PTI) ޕާޓީއަށް ނިސްބަތްވާ މެމްބަރެކެވެ.
ގާނޫނުހަދާ މަޖިލިހުން އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭތިކޮށްލިއިރު، އޭނާ ވަނީ ގާނޫނުހަދާ މަޖިލިސް އުވާލުމަށްފަހު އިންތިޚަބެއް ބޭއްވުމަށް އެގައުމުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.
އިދިކޮޅު މެމްބަރުންގެ އިއްތހާދުން އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ ކުރީކޮޅު ގާނޫނުހަދާ މަޖިލިހަށް ވައްދާފައި މިވަނީ، ޚާންގެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް އޭނާއަށް އޮތް އިތުބާރު އަބުރާ ގެންގޮސްފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.
ޕާކިސްތާންގެ ތާރީޚުގައި މިހާތަނަށް އެއްވެސް ބޮޑުވަޒީރަކަށް އިންތިޚާބީ ދައުރެއްގައި މަގާމްގެ މުއްދަތު ފުރިހަމަ ކުރެވިފައެއް ނުވެއެވެ.
ޕާކިސްތާނުގެ ގާނޫނު އަސާސީގައި ވާގޮތުގެމަތިން، އިތުބާރު ނެތްކަމުގެ މައްސަލަ ގާނޫނުހަދާ މަޖިލީހަށް ވައްދާތާ 14 ދުވަހުގެ ތެރޭގައި، ގާނޫނުހަދާ މަޖިލިހުގެ ތިރިގޭގެ ރައީސް، ބޮޑުވަޒީރުގެ މައްޗަށް އިތުވާރު އޮތްތޯ ބެލުމަށްޓަކާ ވޯޓަށް އެހުމަށް ގާނޫނުހަދާ މަޖިލިސް އެއްކުރަން ޖެހެއެވެ.
އިމްރާން ޚާންގެ ޕާޓީން ހަދާފައިވާ ކޯލިޝަންގެ މެމްބަރުންނާއި، އަދި ޚިޔާލު ތަފާތުވެ ޕާޓީއާއި ދުރައް ގޮސްފައިވާ މެމްބަރުންނާއި ނުލާ، މަގާމްގައި ދެމި ހުރުމަށްޓަކާ ގާނޫނުހަދާ މަޖިލިހުގައި އިމްރާން ޚާންއަށް ބޭނުންވާ 172 ވޯޓު އޭނާގެ ޕާޓީއަށް ހަމައެއް ނުކުރެވޭނެއެވެ. ގާނޫނުހަދާ މަޖިލިހުގައި އިމްރާން ޚާންގެ ޕާޓީއަށް އެކަނި ލިބިފައިވަނީ 155 ގޮނޑިއެވެ.
އިމްރާން ޚާންއާއި ޚިޔާލުތަފާތުވެ، އެޕާޓީގެ 17 މެމްބަރަކުވަނީ އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންފައެވެ.
ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލިހުގައި އިދިކޮޅު އިއްތިހާދަށް ހަމަ ކުރެވިފައިވަނީ ޖުމްލަ 163 ގޮނޑިއެވެ. އެހެންނަމަވެސް އިމްރާން ޚާންގެ ޕާޓީއާއި ޚިޔާލު ތަފާތު ވެފައިވާ މެމްބަރުންގެ ތާއީދާއެކީ، އިދިކޮޅު އިންތިހާދަށް އިމްރާން ޚާންއާއި ދެކޮޅަށް ގޮޑިތަށް ހަމަ ކުރުމުގެ ފުރުސަތު ބޮޑެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިމްރާން ޚާން އެގައުމުގެ އިގްތިސާދާއި ޚާރިޖީ ސިޔާސަތު އޮޅުންބޮޅުން ކޮށްފައިވާ ކަމުގައެވެ.
ފާއިތުވެދިޔަ ހަފްތާގެ އާދިއްތަ ދުވަހު ބޭއްވި އެއްވުމެއްގައި، ޕާޓީއާއި ޚިޔާލުތަފާތުވެފައިވާ މެމްބަރުން އަލުން ޕާޓީއާއި ގުޅުމަށް އިމްރާން ޚާންވަނީ ގޮވާލައްވާފައެވެ.