ރަމަޟާންމަހު ގްރޭޓަރ މާލޭ ސަރަޙައްދުގައި ކޯވިޑް ވެކްސިން ޖެހުން ކުރިއަށްދާނީ ރޭގަނޑު 9 އިން 11 އަށްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.
އެޗް.ޕީ.އޭއިން ވަނީ ރަމަޟާންމަހު ގްރޭޓަރ މާލޭ ސަރަޙައްދުގައި ވެކްސިން ސެންޓަރުތައް ހުޅުވާފައި ބަހައްޓާ ގަޑިތަކަށް ބަދަލުގެނެސްފައެވެ. އެގޮތުން ރަމަޟާންމަހު މާލޭ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށްދާނީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައެވެ. މި ދެ ހޮސްޕިޓަލުންވެސް ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 9 އިން 11 އަށް ވެކްސިން ޖެހުން ކުރިއަށްދާނެއެވެ. މި ދެ ސެންޓަރުގައިވެސް ޖަހާނީ ފައިޒަރ ވެކްސިނެވެ.
ރަމަޟާންމަހު މާލޭ ސަރަޙައްދުގައި ކޯވިޑް ސާމްޕަލް ނެގުން ކުރިއަށްދާނީ ސިނަމާލޭ ބްރިޖް ކައިރީ ހުރި ޕާކިންގ ޒޯނުގައި ހަދާފައިވާ ސެންޓަރުންނާއި، ވިލިމާލޭ ފްލޫ ކްލިނިކުގެ އިތުރުން ހުޅުމާލޭ ރުއްގަނޑު އެކެއް ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ސެންޓަރުންނެވެ. މި 3 ސެންޓަރުންވެސް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭ 9 އިން 11 ސާމްޕަލް ނެގުން ކުރިއަށްދާނެއެވެ.
މީގެ އިތުރުން ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރީގެ އެފް.އޭ.އެމް އިމާރާތުގައި ޤާއިމުކޮށްފައިވާ ޕޮޒިޓިވް ކްލިނިކުގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 1 އިން 3 އަކަށް ލިބޭނެއެވެ. ހުކުރު ދުވަހު މި ކްލިނިކު ހުޅުވިފައި ހުންނާނީ މެންދުރު 2 އިން ހަވީރު 4 އަކަށެވެ.
ބަރަކާތްތެރި ރަމަޟާންމަހަކީ ގިނަ ބަޔަކު ޢުމުރާގެ މަތިވެރި އަޅުކަމަށް ދަތުރުކުރާ ދުވަސްވަރެއްކަމުން، ޢުމްރާއަށް ފުރާވަޑައިގަންނަވާ ފަރާތްތަކުންވެސް ފުރުމުގެ 2 ހަފްތާ ކުރިން ކޯވިޑް-19 ގެ ބޫސްޓަރ ޑޯޒް ޖެހުން މުހިއްމުކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ރަމަޟާންމަހު ޢުމްރާއަށް ފުރާ ފަރާތްތަކުންވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެ އެޖެންސީން މީގެ ކުރިން ވަނީ ދަންނަވާފައެވެ. އެގޮތުން ޢުމްރާއަށް ފުރާވަޑައިގަންނަވާ ފަރާތްތައް ކޯވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމަށްފަހު 6 މަސް ފުރިހަމަވެފައިވާނަމަ ފުރަން ހަމަޖެހިފައިވާ ތާރީޚުގެ 2 ހަފްތާ ކުރިން ބޫސްޓަރ ޑޯޒް ޖެއްސެވުމަށް އެޗް.ޕީ.އޭއިން ވަނީ އިރުޝާދުދެއްވާފައެވެ.
ކޮމެންޓު ފޮނުވާ