ހަމަކަށަވަރުން اللهސުބުޙާނަހޫވަތަޢާލާ އެކަލާނގެ ރަސޫލުންގެ މައްޗަށް ފޮތްތަކެއް ބާވައިލެއްވިކަން ޤަބޫލުކުރަންޖެހެއެވެ. އެއީ ޢާލަމްތަކުގެ މައްޗަށް (ޖިންނީންނާއި އިންސީންގެ މައްޗަށް) ޙުއްޖަތެއްގެ ގޮތުގައެވެ. އަދި ޢަމަލު ކުރާމީހުންނަށް މަގެއްގެ ގޮތުގައެވެ. އެރަސޫލުބޭކަލުން އެބައިމީހުންނަށް އެފޮތްތަކުގެ ޒަރީޢާއިން ޙިކްމަތް އުނގަންނައި ދެއްވައެވެ. އަދި އުރެދުންތަކުން އެބައިމީހުން ޠާހިރުކުރައްވައެވެ.
ޙަދީދު ސޫރަތުގެ 25ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ
މާނައީ: "ހަމަކަށަވަރުން ތިމަން ﷲ، ތިމަން ﷲގެ ރަސޫލުން ބަޔާންވެގެންވާ ދަލީލުތަކާއިގެން ފޮނުއްވީމެވެ. އަދި އެބޭކަލުންނާއިއެކު ފޮތް ބާވައިލެއްވީމެވެ. އަދި ޢަދުލުގެ ތިލަދފަތްވެސް ބާވައިލެއްވީމެވެ. އެއީ މީސްތަކުން ޢަދުލުވެރިކަމާއެކު ޤާއިމްވެތިބުމަށެވެ.
ﷲ ބާވައިލެއްވި ފޮތްތަކުގެ ތެރެއިން އަހުރެމެން ދަންނަ ފޮތްތައް:
1- توراة: މިފޮތަކީ الله ސުބުޙާނަހޫވަތަޢާލާ މޫސާގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތެވެ. އަދި މިފޮތަކީ بنوإسرائيل މީހުންނަށް ދެވުނު އެންމެ ބޮޑު ފޮތެވެ.
މާއިދާ ސޫރަތުގެ 44ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُواْ لِلَّذِينَ هَادُواْ وَالرَّبَّانِيُّونَ وَالأَحْبَارُ بِمَا اسْتُحْفِظُواْ مِن كِتَابِ اللّهِ وَكَانُواْ عَلَيْهِ شُهَدَاء
މާނައީ: "އެފޮތުގައި ހިދާޔަތާއި ނޫރުވެއެވެ. ﷲގެ ޙިކުމަތްތައް ތަސްލީމްކުރެއްވި ނަބިއްޔުންނާއި، ﷲ ފުރިހަމަގޮތުގައި ދެނެގެންތިބި ދީންވެރިންނާއި، އަދި އެދީނުގެ ޢިލްމުވެރިން އެފޮތުން ޔަހޫދީންގެ މެދުގައި ޙުކުމް ކުރެއްވިއެވެ. އެއީ އެބޭކަލުންނަށް ﷲ ގެ ފޮތް (ތައުރާތު) ރައްކައުތެރިކުރުމަށް އަމުރު ކުރެވިފައިވުމުގެ ސަބަބުންނެވެ. އަދި އެބޭކަލުން އެފޮތުގެ މައްޗަށް ހެކިވެރިންތަކެއް ކަމުގައި ވިއެވެ."
2- إنجيل: މިފޮތަކީ الله ސުބުޙާނަހޫވަތަޢާލާ ޢީސާގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތެވެ. އަދި މިފޮތަކީ ތައުރާތު ތަޞްދީޤު ކުރައްވާ އެފޮތް ފުރިހަމަ ކުރެއްވި ފޮތެވެ.
މާއިދާ ސޫރަތުގެ 45 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَآتَيْنَاهُ الإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ
މާނައީ "އަދި ތިމަން ﷲ އެކަލޭގެފާނަށް (ޢީސާގެފާނަށް) އިންޖީލު ދެއްވީމެވެ. އެފޮތުގައި ހިދާޔަތާއި ނޫރުވެއެވެ. އަދި އެފޮތުގެ ކުރިން ބާވައިލެވުނު ތައުރާތު ތަޞްދީޤު ކުރާ ފޮތެއް ކަމުގައެވެ. އަދި ތަޤުވާވެރިންނަށް ހިދާޔަތާއި ނަސޭހަތެއް ކަމުގައެވެ."
3– زبور: މިފޮތަކީ الله ސުބުޙާނަހޫވަތަޢާލާ ދާވޫދުގެފާނަށް ދެއްވި ފޮތެވެ.
4- އިބްރާހީމްގެފާނާއި މޫސާގެފާނުގެ صحيفة ތައް
5- ކީރިތި قرآن: މިފޮތަކީ الله ސުބުޙާނަހޫވަތަޢާލާ އެކަލާނގެ އެންމެ ފަހުގެ ނަބިއްޔާ محمدرسولاللهصَلَّاللهُعَلَيْهِوَسَلَّمގެ މައްޗަށް ބާވައިލެއްވި ފޮތެވެ.
ބަޤަރާ ސޫރަތުގެ 185ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ
މާނައީ:"(އެފޮތް ބާވައިލެއްވުނީ) މީސްތަކުންނަށް ހިދާޔަތެއް ކަމުގަޔާއި، ހިދާޔަތުގެ އަދި ޙައްޤާއި ބާޠިލްވަކިކުރުމުގެ ދަލީލުތަކެއް ކަމުގައެވެ." ފަހެ، އެފޮތްވެއެވެ.
މާއިދާ ސޫރަތުގެ 48 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ
މާނައީ:"އެފޮތުގެ ކުރިން ބާވައިލެވުނު ފޮތްތައް ތަޞްދީޤުކުރާ ފޮތެއް ކަމުގަޔާއި، އެފޮތްތަކުގެ މައްޗަށް ރައްކާތެރިވި ފޮތެއްކަމުގައެވެ."
ކޮމެންޓު ފޮނުވާ