މުޒާހިރާތައް ހުއްޓުވުމަށް، ސްރީ ލަންކާގައި އިތުރު 36 ގަޑިއިރުގެ ކާފިއު އިއުލާން ކޮށްފި

މުޒާހިރާތައް ހުއްޓުވުމަށް، ސްރީ ލަންކާގައި އިތުރު 36 ގަޑިއިރުގެ ކާފިއު އިއުލާން ކޮށްފި

Author
ހުސެއިން
02 އޭޕްރިލް 2022 06:15
0

ސްރީ ލަންކާގައި ކާބޯތަކެއްޗާއި ބޭހަށް ދަތިވެ، ދުވާލުގެ ގިނަ އިރުތަކެއްގައި ކަރަންޓު ނެތި އާންމު ރައްޔިތުން ދިރިއުޅެން ޖެހުމާއި ގުޅިގެން އެގައުމުގައި ހިގަމުންދާ ބޮޑެތި މުޒާހިރާތައް ހުއްޓުވުމަށްޓަކާ އެގައުމުގެ ސަރުކާރުން އިތުރު 36 ގަޑިއިރުގެ ކާފިއު އިއުލާން ކޮށްފިއެވެ.

ސްރީ ލަންކާގެ ސަރުކާރުން އިތުރު 36 ގަޑިއިރުގެ ކާފިއު އިއުލާން ކޮށްފައި މިވަނީ، އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅު މުޒާހިރާއަކަށް ތައްޔާރުވަމުން ދަނިކޮށެވެ.

ހޮނިހިރު ދުވަހުގެ އިރު އޮއްސޭވަގުތުން ފެށިގެން މިހަފްތާގެ ހޯމަދުވަހުގެ ނިޔަލަށް ކުރިޔަށް ދާގޮތަށް ސްރީ ލަންކާގެ ފުލުން މިފަހަރު އިއުލާންކުރި ކާފިއު އިއުލާން ކޮށްފައި މިވަނީ، ހިގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، މީގެ އެއްދުވަސްކުރިން އެގައުމުގެ ރައީސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށެވެ.

ގައުމު އިގްތިސާދީ ބޮޑު ވަޅުގަޑެއްގައި ވަނިކޮށް، އަދި ހިގަމުންދާ ބޮޑެތި މުޒާހިރާތަކާއެކު، ގޮޓަބަޔަ އިއުލާންކުރި ކުށްލި ނުރައްކަލުގެ ހާލަތުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރަށްވަނީ ބޮޑެތި ބާރުތަކެއް ލިބިގެން ގޮސްފައެވެ. މިގޮތުން، ކުއްލި ނުރައްކަލުގެ ހާލަތާއި އަދި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތުތަކުގައި، ކުރިން އެންގުމަކާނުލާ މީހުން ހިފާ ހައްޔަރުކުރުމުގެ ބާރު އެގައުމުގެ އަސްކަރިއްޔާއަށް ލިބިގެން ދާނެއެވެ.

ކޯވިޑް19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި، ޓުއަރިޒަމަށް ނޭދެވޭ އަސަރުކޮށް، އަދި ގައުމަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިންތިހާއަށް ދަށްވެގެން ދިއުމާއި ގުޅިގެން، އެގައުމުގެ ފައިސާގެ އަގު ހިފެހެއްޓުމަށް މަޖުބޫރުވެ، ސްރީ ލަންކާގެ ސަރުކާރުންވަނީ، އެގައުމަށް މުދާ އެތެރެކުރާ މިންވަރު މަދުކޮށްފައެވެ.

އަދި، އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ސްރީ ލަންކާގެ ސަރުކާރުން އެގައުމުގެ އިގްތިސާދުގެ ބޭނުން ނާޖާއިޒު ގޮތުގައިކޮށް، އަދި ނަގާފައިވާ ބޮޑެތި ލޯނުތަކާއި، މާބޮޑު ޕްލޭނެއް ނެތި ޓެކްސް ދަށްކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ގައުމުގެ ގޯސްވަމުންދާ އިގްތިސާދީ ހާލަތަށް ދަނީ ނޭދެވޭ އަސަރު ކުރަމުންނެވެ.

އިގްތިސާދީ ހާލަތު ދަށްވެ، ސްރީލަންކާއިން މިހާރުވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީތެރިކަމަށް އެދިފައެވެ. އަދި ޗައިނާއާއި އިންޑިއާގެ އެހީތެރިކަމަށްވެސް ވަނީ އެދިފައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިންޑިއާއި ޗައިނާއިން ދަނީ، ސްރީލަންކާއަށް 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓިއެއް ދޫކުރުމާމެދު މަޝްވަރާ ކުރަމުންނެވެ. މިއީ ގޮޓަބަޔަގެ ސަރުކާރުން، މި ދެގައުމުން ނެގުމަށް މަސައްކަތައް ކުރައްމުންދާ އިތުރު ބޮޑެތި ލޯންތަކުގެ އިތުރަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ފައިސާގެ އެހީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.