ހުސްވެފައިވާ ވިލިމާލޭ އަންހެނުންގެ ކޮމެޓީގެ ގޮޑިއަށް އިދިކޮޅު ކޯލިޝަނުން ވާދަކުރަން ނިންމައިިއެވެ.
ވިލިމާލޭ އަންހެނުންގެ ކޮމެޓީ ގޮޑި ހުސްވެފައިވަނީ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް ހާނީއްކަތަކެއް ލިބި އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް، އެދާއިރާގެ ގޮޑި ފުރުއްވަމުންދިޔަ އައިމިނަތު އީމާން ނިޔާވުމާއި ގުޅިގެންނެވެ. އިމާންއަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރެކެވެ.
އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ އަންނަ މަހުގެ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީ ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ 2 ޕާޓީ (ޕީ.ޕީ.އެމް އަދި ޕީ.އެން.ސީ) ގެ އެތެރޭގެ ޕްރައިމަރީ އެއް ބޭއްވުމަށް ވަނީ ނިންމާފައިކަމަށެވެ.
އެގޮތުން ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ޕީ.ޕީ.އެމް ގެ ނަމުގައި ވާދަ ކުރަން އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީގެ ވޯޓު ނެގުން 2022 އޭޕްރީލް 9 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00 އިން 5:00 އަށް ވިލިމާލެ އަދި މާލޭގައި ކުރިއަށް ގެންދާ ގޮތަށްވަނީ ނިންމާފައިކަމަށެވެ. އަދި ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ޕީ.ޕީ.އެމްގެ ޓިކެޓްގައި ވާދަ ކުރުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ހުޅުވާލައިފައިވާކަމަށެވެ.
އެކޯލިޝަނުން ބުނެފައިވަނީ ޝަރުތު ފުރިހަމަވާ އެކޯލިޝަނަށް ނިސްބަތްވާ 2 ޕާޓީ (ޕީ.ޕީ.އެމް އަދި ޕީއެންސީ) ގެ މެންބަރެއްގެ ގޮތުގައި 2022 މާރިޗް 31 އާއި ހަމައަށް ރަޖިސްޓްރީ ވެފައިވާ މެންބަރުންގެ ތެރެއިން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބައި އިލެކްޝަންގައި ޕާޓީ ޓިކެޓްގައި ވާދަކުރުމަށް އެދި ހުށަހަޅާ ފޯމު ޕާޓީ އޮފީހަށް ހުށަހެޅުއްވުން އެދޭކަމަށެވެ.
ފޯމާއިއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި ތަކެތި ފުރިހަމަ ކުރެއްވުމަށްފަހު އެ ތަކެތިވެސް ހުށަހެޅުވުމަށް ވަނީ އެދިފައެވެ. އަދި މި ޕްރައިމަރީގައި ވޯޓު ލެވޭނީ 2022 އޭޕްރީލް 5 އާއި ހަމައަށް އެކޯލިޝަން ނިސްބައިތްވާ 2 ޕާޓީން ކުރެ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ވަނީ ބުނެފައެވެ.