ސްރީލަންކާގެ އިގްތިސާދީ ހާލަތު ގޯސްވެ، ގައުމުގެ އެކި ހިސާބުތަކުގައި ކަރަންޓު ނެތި މީހުން އުޅެންޖެހުމާއި ގުޅިގެން، ވެރިރަށް ކޮލޮމްބޯގައި ހިގަމުންދާ މުޒާހިރާތައް ފުޅާވެ، މުޒާހިރާ ކުރާ ފަރާތްތަކުން ރިޔާސީ ގަނޑުވަރަށް ހަމަލާ ދޭން މަސައްކަތް ކުރުމާއި ގުޅިގެން، ވަކި މުއްދަތެއް ނެތި، ވެރިރަށް ކޮލޮމްބޯގައި ކާފިއު އިއުލާން ކޮށްފިއެވެ.
މިހަފްތާގެ ބުރާސްފަތި ދުވަހުގެ ފަހުގެ ވަގުތެއްގައި ސްރީލަންކާގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސީޑީ ވިކްރަމަރަންޓެ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، ވެރިރަށް ކޮލޮމްބޯގެ ގިނަ ސަރަހައްދުގައި، ފުލުހުން ވަކި އެއްޗެއް އަންގަންދެން ކާފިއު ދެމި އޮންނާނޭ ކަމުގައެވެ.
ވެރިރަށް ކޮލޮމްބޯގައި ފުލުހުން ކާފިއު ހިންގާފައި މިވަނީ، މުޒާހިރާކުރަމުންދިޔަ އެތައް ސަތޭކަ ބަޔަކު ކޮލޮމްބޯގެ މިރިހަނަ ޑިސްޓްރިކްޓުގައި ފުލުހުންގެ ސަފުތަކަށް ގާއުކާ، ފުލުހުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމަށްފަހު، މުޒާހިރާގެ ބައިވެރިން ރައީސް ގޮޓަބޭ ރާޖަޕަކްސަގެ އަމިއްލަ ގެކޮޅަށް ދާން އޮންނަ މަގުގައި ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު ކުރިޔަށް ދާން މަސައްކަތް ކުރުމާއި ގުޅިގެންނެވެ.
މުޒާހިރާ ކުރާ ފަރާތްތަކުން ދިޔައީ އެގައުމުގެ ރައީސް އިސްތިއުފާ ދިނުމަށާއި، އަދި އޭނާއަކީ ޑިކްޓޭޓަރެއް (ޚުދުމުޚްތާރު ވެރިއެއް) ކަމުގައި އަޑު އުފުލަމުންނެވެ.
ފޭސްބުކުގައި އަޕްލޯޑު ކޮށްފައިވާ ވޯޑިއޯތަކުން ފެންނަ ގޮތުގައި، ފުލުހުންގެ ބަހެއްގައި ރޯ ކޮށްލާފައިވާއިރު، ލޭތައް އޮހެރެމުންދިޔަ ބައެއް މީހުންވެސް ވަނީ މުޒާހިރާތަކުން ފެނިފައެވެ.

ސްރީލަންކާގައި ބޮޑެތި މުޒާރާތައް ކުރިޔަށް މިދަނީ، އެގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ، ފައިސާގެ އަގު ވެއްޓި، ގައުމަށް އެތެރެކުރާ ތެލާއި، އަދި ކެއިންބުއިމަށް ބޭނުންވާ ތަކެއްޗަށް، އެގައުމުގެ ސަރުކާރަށް ފައިސާ ނުދެއްކޭ ހާލަތަށް ދިއުމާއި ގުޅިގެންނެވެ. އަދި ތެލުގެ ދަތިކަން ފޯރާ، ސްރީލަންކާގައި ދަނީ ކޮންމެ ދުވަހަކުވެސް 13 ގަޑިއިރަށް ކަރަންޓު ކެނޑެމުންނެވެ. އަދި ސަރުކާރުގެ ބައެއް ހޮސްޕިޓަލްތަކުގައި ދަނީ، މުހިންމު ބައެއް އޮޕަރޭޝަންތައްވެސް ސަސްޕެންޑް ކުރަމުންނެވެ.
އިގްތިސާދީ ހާލަތު ދަށްވެ، ސްރީލަންކާއިންވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީތެރިކަމަށް އެދިފައެވެ. އަދި ޗައިނާއާއި އިންޑިއާގެ އެހީތެރިކަމަށްވެސް ވަނީ އެދިފައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިންޑިއާއި ޗައިނާއިން ދަނީ، ސްރީލަންކާއަށް 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓިއެއް ދޫކުރުމާމެދު މަޝްވަރާ ކުރަމުންނެވެ. މިއީ ގޮޓަބޭގެ ސަރުކާރުން، މި ދެގައުމުން ނެގުމަށް މަސައްކަތައް ކުރައްމުން އިތުރު ބޮޑެތި ލޯންތަކުގެ އިތުރަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ފައިސާގެ އެހީއެކެވެ.
ކޮމެންޓު ފޮނުވާ