ފަހުގެ ޒަމާނެއްގައި ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކީ، ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް، ފާއިތުވެދިޔަ އަހަރުގެ މޭމަހުގެ 6ވަނަ ދުވަހު ދިން ބޮމުގެ ހަމަލާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
ސަބަބަކީ މި ހަމަލާއަކީ، މީގެކުރިން ރާއްޖޭގައި ދީފައިވާ އެހެން ޓެރަރިސްޓް ހަމަލާތަކާއި ޚިލާފަށް، ސީދާ ވަކި ފަރުދަކަށް އަމާޒުކޮށް، އަމީ ރިމޯޓު ކޮންޓްރޯލުގެ ބޭނުން ކޮށްގެން ބޮން ގޮއްވާލައިގެން، ފުރާނަ ދުއްވާލުމަށް ދެވިފައިވާ ނުރައްކާތެރި ހަމަލާއަކަށް ވާތީއެވެ. އަދި މިހަމަލާ ރާވާ، ހަމަލާއަށް އަމަލީސިފަ ގެނައި ފަރާތްތަކަށް، ސީދާ އަމާޒަށް ވާސިލް ނުވެވުނު ނަމަވެސް، މިހަމަލާގެ ސަބަބުން ނަޝީދަށް ބޮޑެތި ޒަޚަމްތަކެއް ލިބި، އެ ޒަޚަމްތަކަށް ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަންވެސް ޖެހިވަޑައިގަތެވެ. އަދި މި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް 6 މަހެއްހާ ދުވަހު ނަޝީދަށް ރާއްޖެއިން ބޭރުގައި ހުންނަވަންވެސް ޖެހިވަޑައިގަތެވެ.
އެއަށްފަހު ހިންގުނު ފުލުހުންގެ ތަހުގީގުތަކާއެކު، ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާކުރެވި، މިހަލާގައި އަމަލީގޮތުން އެންމެ އިސްދައުރެއް އަދާކޮށްފައިވާ، އަދުހަމް އަހްމަދަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފެށުމާއެކު އޭނާ ވަނީ ދަޢުވާތަކަށް އިއުތިރާފް ވެފައެވެ. އަދި ދަޢުލަތާއެކު އިއުތިރާފް އެއްބަސްވުމެއް ހަދާ، ތަހުގީގަށް އެއްބާރުލުން ދީ، އަދަބެއްގެ ގޮތުން އޭނާގެ މައްޗަށް މިހާރުވަނީ 22 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވާފައެވެ.

ކޮންމެއަކަސް، 6 މޭގެ ޓޭރަރިސްޓު ހަމަލާއަށްފަހު، ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުން ހުރި އެތައް ކަމަކަށް ބޮޑެތި ބަދަލުތަކެއް ގެނައި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. ވަކީން ޚާއްސަކޮށް، އެއަށްފަހު ދައުލަތުގެ އިސްވެރިން ދިރިއުޅުއްވުމަށް ގެތައް ޚާއްސަކުރެވި، ދައުލަތުގެ މާލިއްޔަތުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން، ނަޝީދު ދިރިއުޅުއްވުމަށްވެސް ގެއެއް ޚާއްސަ ކުރެވިފައިވާއިރު، އެމްއެންޑީއެފްއިން އާންމުކޮށް ނަޝީދަށް ދެމުން އަންނަ ސެކިއުރިޓީވެސް ވަރުގަދަ ކޮށްފައިވާ މިންވަކީ، ފާއިތުވެދިޔަ ތަނުގައި ރާއްޖޭގައި ވެރިކަން ކޮށްފައިވާ އެއްވެސް ބޭފުޅަކަށް ދައުލަތުން އަރުވާފާއިވާ ސަލާމަތާއި ރައްކާތެރިކަމާ ނުބައްދަލު ސެކިއުރިޓީއެއްކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
ސެކިއުރިޓީއާއި ގުޅޭ އާންމު ގިނަ ޝަކުވާތަކެއް!
ހަގީގަތުގައިވެސް ވެރިރަށް މާލެއަކީ މިއަދު ދުނިޔޭގައި އޮތް އެންމެ ބޮޑަށް ތޮށްޖެހިފައި އެއް ސިޓީއެވެ. އެއް ބިތުން އަނެއް ބިތަށް 2 ކިލޯމީޓަރު ހަމަނުވާ ތަނެއްގައި 200،000 އަށްވުރެ ބޮޑު އާބާދީއެއް ދަނީ ދިރިއުޅެމުންނެވެ. އެހެންކަމުން، މި ދަރަޖައަށް ތޮށްޖެހި، އަދި ސިޔާސީ ހަލަބޮލިކަންވެސް ބޮޑު ތަނެއްގައި، ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލަ އޭގެ އިންތިހާއަށް ނުއޮވެ ނުދާނޭ ކަމުގައި ގަބޫލުކުރަން ޖެހެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، 6 މޭގެ ޓެރަރިސްޓު ހަމަލާއަށްފަހު، އެމްއެންޑީއެފްއިން އޭރު ނަޝީދަށް ފޯރުކޮށްދޭން ފެށި ސެކިއުރީޓީގެ ނަތީޖާއެއްގެ ގޮތުން، ކާރުކޮޅާއެކު، މޮޓޯކޭޑެއް އޮތުމާއި، ރޭގަޑުގެ ދަންވަރުގެ ވަގުތުތަކުގައި ނަމަވެސް، ތަނަކަށް ވަޑައިގަންނަވަނާވަމަ، މޮޓޯކޭޑުން އަޅުވާ ސައިރެންގެ އަޑުފަށްގަޑުން މުޅި ސަރައްދު ގުގުމާލާފައި އޮތުމާއި، އަދި ވަޑައިގަންނަވާ ގެއެއް ނުވަތަނަ ތަނެއް ހިމެނޭ ސަރަހައްދުގެ މަގުތައް އެކީ ބަންދު ކުރަންޖެހުމުގެ ސަބަބުން އާންމު ދަތުރު ފަތުރަށް ބުރޫއެރުންފަދަ އެތައް މައްސަލަތަކެއް ފާއިތުވެދިޔަ ތަނުގައި ކުރިމަތިވެ، މި ދަތިތަކާއި ގުޅޭގޮތުން ބައެއް އާންމު ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް މަތިވެ، ގިނަބައެއްގެ ފާޑިކިއުން ވަނީ މިކަންކަމަށް އަމާޒުވެގެން ގޮސްފައެވެ.
އަދި ވަކީ ޚާއްސަކޮށް، ނަޝީދުގެ މައިފުނުގެ، ގ. ކެނެރީގޭ ހުންނަ ސަރަހައްދުގެ ޕާކިންއަށާއި ޓްރެފިކަށް، 6 މޭގެ ޓެރަރިސްޓު ހަމަލާއަށްފަހު ބޮޑެތި ބަދަލުތަކެއް ގެނެވިފައި ވާކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. މިގޮތުން، ނީލޯފަރު ހިންގުމާއި ކެނެރީގެ ހުންނަ ދިމާލުން މަޖީދީމަގުގެ ބޮޑު ސަރަހައްދެއްގައި ވެހިކަލް ޕާކުނުކުރެވޭ ގޮތް ހެދީ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނަަށް ދޭ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުންނެވެ.

އަދި، އެކި ދުވަހު، ނަޝީދު މިގެއަށް ވަޑައިގަންނަވާ ވަގުތުތަކުގައި، އެކިދުވަހު އެކި ފަހަރުމަތި އެކީއެކަށް މުޅި މަގު ބަންދުކޮށްފައި ބާއްވަން ޖެހުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ފޯރާ އުދަގުލާއި ދައްޗާއި، އެނޫން ގޮތްގޮތުންވެސް އާންމު ދަތުރުފަތުރަށް މި ސަރަހައްދުގައި އެވަގުތަށް ކުރިމަތިވާ ދަތިތަކުގެ ޝަކުވާ ގިނަވެގެން ގޮސްފައިވަނީ، ކެނެރީގޭ ހިމެނޭ ސަރަހައްދަކީ މާލޭގެ މެދަށްވާގޮތަށް، ހަނިގޯޅިތަކެއް ހިމެނޭ، އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ދިރިއުޅެމުންދާ ސަރަހައްދަކަށް ވާތީއާވެސް އެކީގައިކަން ފާހަގަ ކޮށްލާން ޖެހެއެވެ.
އަދި މިގޮތުން ކުރެވޭ ޝަކުވާތަކުވާތަކުގެ ތެރޭގައި، ނަޝީދުގެ ކާރުކޮޅު މަގުގައި ބާއްވާފައި އޮންނަ ވަގުތުތަކުގައި ސައިކަލެއްހާ މިންވަރުވެސް މަގުން ދަތުރު ނުކުރެވޭގޮތަށް މަގުން ބަންދުކޮށްފައި ބޭއްވުމުގެ ޝަކުވާ ވަކީން ބޮޑުވެފައި ވާއިރު، މިއީ ނަޝީދަށް ދައުލަތުން ފޯރުކޮށްދޭ ސެކިއުރީޓީއާއި ގުޅުންހުރި ޝަކުވާތަކަކަށްވާތީ، މި ޝަކުވާތަކަށް ސީދާ ޖަވާބު ދެއްވަން އެމްއެންޑީއެފްއިންވެސް ފާއިތުވެދިޔަ ތަނުގައިވަނީ ދެކޮޅު ހަދާފައެވެ.
މިނޫންގޮތެއް އެބައޮތްތަ؟
ގައުތަކުގެ ވެރީންނަށާއި ރިސްކުބޮޑު ސިޔާސީ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އަދުގެ ދުނިޔޭގައި، އެންމެ ކުރިއަރާފައިވާ ގައުމުތަކަށްވެސް އޮތް ބޮޑު ގޮންޖެހުމެކެވެ.
ސަބަބަކީ މިފަދަ، ގިނަ ބައެއް ސިޔާސީ ފަރާތްތަކަކީ، ދުނިޔޭގެ އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތަކުން އަމާޒަކަށް ހަދާފައިވާ ފަރާތްތައް ކަމުގައިވާތީއެވެ. މިގޮތުން ބަލާއިރު، ދީނީ ކަންކަމުގައި ނަޝީދު ފާއިތުވެދިޔަ ތަނުގައި ދައްކަވާފައިވާ ވާހަކަތަކުގެ ސަބަބުންނާއި، އަދި ގެންގުޅުއްވާ ވިސްނުންފުޅުތަކަށް، ރާއްޖެއާއި ގައުމުން ބޭރުގެވެސް، ދީނީގޮތުން ތަފާތު ވިސްނުންތައް ގެންގުޅޭއް ފަރާތްތަކުގެ ފާޑުކިއުމާއި ރުޅިވެރިކަން އަމާޒުވެގެން ގޮސްފައިވާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. 6 މޭގެ ޓެރަރިސްޓު ހަމަލާގެ ތަހުގީގުންވެސް ހާމަވެގެންދިޔަ އެއްކަމަކީ، މިހަމަލާ ރާވާ، އަދި އަމަލީގޮތުން ހަމަލާގައި ބައިވެރިވީ ފަރާތްތަކުންވެސް ހަމަލާދިން ސަބަބުތަކުގެ ތެރޭގައި މި ޚިޔާލުތަފާތުވުންތައް ހިމެނިގެން ގޮސްފައިވާކަމެވެ.
އެހެންކަމުން، ހަގީގަތުގައި ދަންނަވާކަމަށް ވާނަމަ، ދުނިޔޭގެ ނިސްބަތުން ބެލިކަމުގައިވި ނަމަވެސް، ނަޝީދު މިއަދު ހިމެނިގެންދާނީ، އެންމެ ރިސްކުބޮޑު ސިޔާސީ ފަރާތްތަކުގެ ލިސްޓުގައި ކަމުގައި ދެންނެވެން އެބައޮތެވެ. ސަބަބަކީ، ދީނީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން އުފެދިގެންދާ ރުޅިވެރިކަމާއި ދެކޮޅުވެރިކަމުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ޓެރަރަރިސްޓު ޖަމާއަތްތަކުގެ އަމާޒު އެމީހަކަށް ހުއްޓި، ރިސްކު އިންތިހާއަށް މަތިވެގެންދާތިއެވެ.

އަދި 6 މޭގެ ޓެރަރިސްޓު ހަމަލާއަށްފަހު، އާދަޔާ ޚިލާފު (ދިވެހިން ފާއިތުވެދިޔަ ތަނުގައި ތަޖުރިބާ ކޮށްފައިނުވާ) ސެކިއުރިޓީއެއް ނަޝީދަށް ފޯރުކޮށްދޭން އެމްއެންޑިއެފްއަށް މަޖުބޫރުވެގެން ދިޔައީވެސް މިސަބަބުތަކާހެދި ކަމުގައި ގަބޫލުކުރެވެއެވެ. އެހެންކަމުން، ނަޝީދުގެ ސެކިއުރީއާއި ގުޅިގެން އާންމު ދަތުރުފަތުރަށާއި، ޓްރެފިކަށް ކުރިމަތިވާ އުދަގޫތަކަށް، މާލެފަދަ ތޮށްޖެހިފައިވާ ތަނެއްގައި ހައްލު ހޯދުން ފަސޭހަކަމަށް ވެގެން ނުދާނޭކަމީ ކަށަވަރުވެ ޔަގީންވާން އޮތްކަމެކެވެ.
އަދި ވަކީ ޚާއްސަކޮށް، މިގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން އަންނަ ޝަކުވާތަކާއެކުވެސް، އެމްޑީއެފްއަށް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން "ކޮންޕްރޮމައިސް" ކުރެވެން ނޯންނާނޭކަމީވެސް ގަބުލުރަން ޖެހިފައިވާ އެއް ހަގީގަތްވެސްމެއެވެ.
އެހެނަމަވެސް، ޓެކްނޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި ގައުމުތަކުގެ ވެރީންނަށް ސެކިއުރީޓީ ފޯރުކޮށްދިނުމަކީ، ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ބޭނުންވެސް އޭގެ އިންތިހާއަށް ކޮށްގެން ކުރާކަމަކަށް ވުމާއެކު، މި ޚިދުމަތް ފޯރުކޮށް ދިނުމުގައި، މިގޮތުން ހޯދިފައިވާ ކުރިއެރުންތަކުގެ ބޭނުންކޮށް، ދޭ ސެކިއުރިޓީއާއި ރައްކާތެރިކަމަކީ، އެޚިދުމަތެއް ފޯރުކޮށްދޭ ތަނަކަށް ކަސްޓަމައިޒް ކުރެވޭ ދެވޭ ޚިދުމަކަތަށް ވާންޖެހެއެވެ. އަދި މިވިސްނުން، އެމްއެންޑީއެފްގެ މުޅި ސެކިއުރީޓީ ސްޓްރަކްޗަރގެ ތެރެއަށް ގެނެސް، މިއުސޫލުން މައްސަލައަށް ހައްލު ހޯދަން މަސައްކަތްތަކެއް ކުރެވިއްޖެނަމަ، މާލެފަދަ ތޮށްޖެހިފައިވާ ތަނެއްގައި ފޯރުކޮށްދޭ ސެކިއުރިޓީގެ ޚިދުމަތުން އާންމު ރައްޔިތުންނަށް ފޯރަމުންދާނޭ އުދުގޫތައް ކުޑަކުރެވި، އެންމެންގެ އުދާސްތަކަށްވެސް އެކަށީގެންވާ ފިނިކަމެއް ގެނެވިދާނެކަމުގައި ގަބޫލުކުރެވެއެވެ.
One Response
ފަހުގެތަރީޚެއްގައެއް ނޫންތަ ރައީސްޔާމީން މަރާލަން ބޮންގޮއްވާލުމުގެ ޙަމަލާ ދިނީ