ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި އެގައުމުގެ އިންފްރާ ސްޓްރަކްޗަރއާއި، އިގްތިސާދަށް ލިބިފައިވާ ގެއްލުން މިހާތަނަށް 560 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމުގައި، ޔޫކުރެއިންގެ އިނކޮނޮމިކް މިނިސްޓަރު ވިދާޅު ވެއްޖެއެވެ.
ޔޫކުރެއިންގެ އިކޮނޮމިކް މިނިސްޓަރ ޔޫލިއާ ސުވިރީޑެންކޯ އޭނާގެ ފޭސްބުކް ޕޭޖުގައި ހާމަ ކޮށްފައިވާ ގޮތުގައި، ހަގުރާމާގައި އެގައުމަށް ދީފައިވާ ހަމަލާތަކުގައި މިހާތަނަށް 8،000 ކިލޯ މީޓަރުގެ މަގުތައް ހަލާކުވެ، 10 މިލިއަން އަކަ މީޓަރުގެ އިމާރާތްތައް ހަލާކު ވެގެން ގޮސްފައިވާ ކަމުގައެވެ.
ޔޫކުރެއިންގެ އިގްތިސާދަށް ހަގުރާމައިގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ހަގުރާމައިން ސަލާމަތްވުމަށް ޔޫކުރެއިންގެ ގިނަ އަދަދެއްގެ ރައްޔިތުން މިހާރުވަނީ އެގައުމު ދޫކޮށް އަވައްޓެރި ގައުމުތަކަށް ހިޖުރަ ކޮށްފައެވެ. މިގޮތުން، މިހާތަނަށް ގައުމު ދޫކޮށް ހިޖުރަ ކޮށްފައިވާ މީހުންގެ އަދަދު ވަނީ 3 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ.
އަވަސް މުސްތަގުބަލެއްގައި ޔޫކުރެއިންގައި ހިގަމުންދާ ހަނގުރާމައަށް ނިމުން ނައިސްފިނަމަ، ކުރިޔަށް އޮތް ދުވަސްތަކުގައި އެގައުމުގެ %90 މީހުން ފަގީރު ހާލަތާއި ކުރިމަތިލާންޖެހޭނެ ކަމުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (UNDP) އިންވެސް ވަނީ ބުނެފައެވެ.
"މުޅި ގައުމުގައި ފެންނަމުންދަނީ ދިރިއުޅުން ގެއްލިފައިވާ މީހުން،" ޔުއެންޑީޕީގެ އެޑްމިނިސްޓްރޭޓަރ އަޝިމް ސްޓެއިނަރ، މިހާރު ކުރިޔަށްދާ ދޯހާ ފޯރަމްގެ ހަވާސާގައި ވިދާޅުވެފައި ވެއެވެ.
ސްޓެއިނަރ ވިދާޅުވި ގޮތުގައި، ޔޫކުރެއިން ސަރުކާރުން އިޖުތިމާޢީ ރައްކާތެރިކަމުގެ ބައެއް މުހިންމު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެގައުމުގައި ވަޒީފާ ގެއްލިގެން ގޮސްފައިވާ އެތައް މިލިއަން ބައެއްގެ ހާލަތު ބެލެހެއްޓުމަކީ އެގައުމުގެ މުވައްސަސާތަކަށް ކުރިމަތިވެގެން ގޮސްފައިވާ ވަރަށްބޮޑު ކާރިސާއެއް ކަމުގައެވެ.
"އިގުތިސާދުވަނީ، ސަޕްލައި ޗެއިނަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި، އަދި މުނިސިޕަލް ޚިދުމަތްތައްވެސް ދަނީ ފޯރުކޮށް ނުދެވޭވަރު ވަމުން،" ސްޓެއިނަރ ވިދާޅުވެފައި ވެއެވެ.
އިގްތިސާދީ މާހިރުން ވިދާޅުވެފައި ވާގޮތުގައި، ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން، ޔޫކުރެއިންގެ އިގްތިސާދު %30 ދަށްވެގެން ދާނެކަމުގައެވެ.
ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ ހަމަލާތަކުގައި ދަނީ ޔޫކުރެއިންގެ އިގްތިސާދަށް މުހިންމު ގިނަ ވަސީލަތައް ހަލާކު ކުރަމުންނެވެ. މިގޮތުން އެންމެ ފަހުން ރަޝިއާއިން ވަނީ، ޔޫކުރެއިންގެ އެކި ކަންކޮޅުތަކުގައި ތެޔޮ ރައްކާކުރުމަށް ހަދާފައިވާ ސްޓޯރޭޖްތައް ހަލާކު ކުރުމަށް މިސައިލް ހަމަލާ ދޭން ފަށާފައެވެ. މިގޮތުން އިއްޔެ ރަޝިއާއިން ދީފައިވާ މިސައިލް ހަމަލާތައް އަމާޒު ކޮށްފައިވަނީ، ޕޮލޭންޑުގެ ބޯޑަރު ކައިރީގައި އޮންނަ ސިޓީއެއް ކަމުގައިވާ ލިވީވްގެ ތެޔޮ ރައްކާކުރާ ޓޭންކުތަކަށެވެ.
ރަޝިއާއިން ބުނެފައިވަނީ، ފާއިތިވެދިޔަ ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ޔޫކުރެއިންއަށް ދޭންފެށި އުދުވާނީ ހަމަލާތަކުގެ ފުރަތަމަ މަރުހަލާ މިހާރު ނިމުމަކަށް އައިސްފައި ވާކަމުގައެވެ. އަދި ދެން އަސްކަރީ އޮޕަރޭޝަންގެ އަމާޒަކަށް ހަދާނީ ޔޫކުރެއިންގެ އިރުމަތީގައި މިނިވަންކަން އިއުލާން ކޮށްފައިވާ ޑޮންބަސް ސަރަހައްދު އެކީ މިނިވަން ކުރުމަށް ކަމުގައެވެ. އެހެންނަމަވެސް ޔޫކުރެއިންގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކަށް އަދި ހުއްޓުމެއް ނުގެންނާނެ ކަމަށްވެސް ރަޝިއާއިން ވަނީ ބުނެފައެވެ.