ނަރީޝްއާއިއެކު، 8 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ނަރީޝްއާއިއެކު، 8 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
27 މާރޗް 2022 08:10
0

އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ "ނޭވާހޮޅިއަށް" މުޒާހަރާގައި ހައްޔަރުކުރި، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ނަރީޝްއާއިއެކު، އިތުރު 8 މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ފުލުހުން ބުނީ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 17 މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލި އިރު، ހަ މީހަކު ދޫކޮށްލާފައި ވަނީ ޝަރުތުތަކެއް ކުރުމަށް ފަހުގައި ކަމަށެވެ. އެކަމަކު، އެ ހަ މީހުންނަށް ކުރީ ކޮން ކަހަލަ ޝަރުތުތަކެއް ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ ބާކީ ތިބި 9 މީހުންގެ ތެރެއިން ތިން މީހަކަށް ތިން ދުވަސް، ދެ މީހަކަށް ހަތް ދުވަސް އަދި ހަތަރު މީހަކަށް ދެ ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށެވެ.

ޕީޕީއެމުން ބުނީ، މުޒާހަރާގައި އެންމެ ކުރިން ހައްޔަރުކުރު ނަރީޝް ބަންދުގައި ބަހައްޓަން ކޯޓުން ނިންމީ ދެ ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި ޕީޕީއެމްގެ މުޒާހަރާތަކާއި އެއްވުންތައް ރޭވުމުގައި އިސްކޮށް އުޅުއްވާ، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްމަބަރު މުހައްމަދު އިސްމާއިލް ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމީ ހަތް ދުވަހަށް ކަމަށް އެ ޕާޓީން ބުނެއެވެ.

ކޯޓުން ދޫކޮށްލި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން އާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.