ތިޔަވިދާޅުވާ އިންޓެލިޖެންސް ހާމަކޮށްދެއްވާ، މޯދީ ކޯލިޝަނަކަށް މިކަމެއް ނުހުއްޓުވޭނެ: ޔާމީން

ތިޔަވިދާޅުވާ އިންޓެލިޖެންސް ހާމަކޮށްދެއްވާ، މޯދީ ކޯލިޝަނަކަށް މިކަމެއް ނުހުއްޓުވޭނެ: ޔާމީން

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2022 10:12
0

ދިވެހި ފަސްގަނޑުގެ ހައްހުގައި ދިވެހި ރައްޔިތުން މިއަދު ކުރަމުންދާ ޖިހާދުގެ މަސައްކަތަކީ އިންޓެލިޖެންސުގެ މައުލޫމާތުތަކެއް ކަމަށްބުނެ ހުއްޓުވޭ ވަރަށްވުރެ މާބޮޑު ހަރަކާތެއް ކަމުގައި ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ ހައްގުގައި ދިވެހި ރައްޔިތުން ނިކުންނަން ޖެހުނީ، ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން، ރައްޔިތުންގެ މުސާރަދީގެން ތިބި ޤައުމުގެ ސަލާމަތީ ބާރުތަކުން އެމަސްއޫލިއްޔަތު އަދާ ނުކުރާތީކަމަށެވެ. ދިވެހި ރައްޔިތުން މިމަސައްކަތް ކުރަމުންދަނީ އެއްވެސް އުޖޫރައެއްނެތި ހިލޭ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިއީ މިފަސްގަނޑުގެ ހައްގުގައި ކުރެވޭ މަސައްކަތެއްކަމަށެވެ. އިއްޔެ ބޭއްވި މުޒާހަރާގެ މާކުރިން މާބޮޑު އިންޓެލިޖެންސެއް ލިބިގެންކަމަށްބުނެ މުޒާހަރާ ހުއްޓުވައި، ގަދަބާރުން އެތައް ބަޔަކު ހައްޔަރުކޮށް އަނިޔާކުރުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ މާބޮޑު އިންޖެލިޖެންސެއް ލިބިގެންކަމަށް ބުނާއިރު، މިއިންޓެލިޖެންސަކީ ކިހާ ނުރައްކާ އޮތް އިންޓެލިޖެންސެއް އޮތް ކަމެއްކަން ކޯޓުގައި ހާމަކޮށްދޭންޖެހޭ ކަމަށެވެ. ނަމަވެސް ކޯޓަކުގައި ފުލުހުންނަށް އެކަން ހާމަ ނުކޮށް ދެވުނުކަމަށެވެ.

ރައްޔިތުންގެ ބަސްބުނަން ރައްޔިތުން މަގުތަކަށް ނިކުތުމަށް އޮތް ހައްގަކަށް އަރައި ނުގަނެވޭނެ. މިއަދު މަގުތަކަށް މީހުން ނިކުންނާތީ އުދަގޫވެގެން މިއުޅެނީ މޯދީގެ ކޯލިޝަނަށް. އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތު ކޯޓުގައި ހާމަ ނުކުރާތީ ކަންބޮޑުވޭ. މި އިންޓަލިޖެންސަކީ އުފައްދާ އިންޓެލިޖެންސެއް. އަދި މިއަދު އިންޓެލިޖެންސް ހޯދަނީވެސް އިންޑިއާއިން.

– ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތަކީ އެއްވެސްގޮތަކަށް ރާއްޖޭގައި ތިބި އިންޑިއާގެ ޚިދުމަތްތެރިންނާއި ދެކޮޅަށް ހިންގާ ހަރަކާތެއް ނޫންކަމަށެވެ. މިޤައުމަށް އެތައް އަހަރަކު ޚިދުމަތްކޮށްފައިވާ އިންޑިއާގެ ބޭފުޅުންނަށް ނުހަނު އިޚުތިރާމް ކުރާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށް ހިންގާ ހަރަކާތަކީ ދިވެހި ފަސްގަނޑުގެ ހައްގުގައި ހިންގާ ހަރަކާތެއްކަމަށެވެ.

އައުޓްކިޔައިގެން ނުނިކުންނަން އިންޑިއާ ޓީޗަރުންނާއި، އިންޑިއާގެ ޚިދުމަތްތެރިންނާއި ދެކޮޅަށް. މިނިކުންނަނީ ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާއި ދެކޮޅަށް. އިންޑިއާ އަސްކަރިއްޔާ ދެކޮޅަށް މިތެދުވަނީ. އަޅުގަނޑުމެން މިކުންނަނީ އެމީހުން ބޭލުމަށް.

– ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިފަސްގަނޑުގެ މުގައްދަސް ކަމަށްވުރެ ބޮޑު އެއްޗެއް ދިވެހިންގެ ހައްގެއް ނޯންނާނެކަމަށެވެ. ރައީސް ޔާމީން ވަނީ މިބައްދަލުވުމުގައި ސަރުކާރުން ހިންގަމުންދާ ވައްކަންތަކަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުގައި ތިބި ވަގުން މާގިނަ ކަމަށެވެ. ކުރީ ސަރުކާރާއި ދިމާލަށް ވަގުންނޭ ކިޔާއިރު އެންމެ ބޮޑު ވަގުން ތިބީ މިސަރުކާރުގައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ސިޔާސީ ލީޑަރުންނަށްވެސް އިލްތިމާސްތަކެއް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މިއަދު ވެރިކަމުގެ ކޯލިޝަނުން ނިކުމެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި މަޢާފަށް އެދި ދިވެހި ފަސްގަނޑުގެ ހައްގުގައި މަސައްކަތް ކުރަންޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.