އިދިކޮޅު ޕީޕީއެމުން އިއްޔެ ކުރިއަށް ދިޔަ "ނޭވާހޮޅިއަށް" މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޕީޕީއެންސީގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާނާއި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކޯޓަށް ހާޒިރު ކޮށްފައިވަނީ ބިޑި އަޅުވައިގެން ކަމަށް އެކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް ޣައްސާނާއި ޕީއެންސީގެ ނައިބު ރައީސް ސައީދު، ޝަރުތުތަކަކާ އެކު ކޯޓުން ދޫކޮށްލާފައިވާކަމަށް ޕީޕީއެމްގެ ތަރުޖަމާން ހީނާ ވިދާޅުވިއެވެ. ކޯޓަށް ހާޒިރުކޮށްފައިވަނީ ދެ މެމްބަރުންވެސް ބިޑި އަޅުވައިގެން ކަމަށާއި، މިއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ހީނާ ވިދާޅުވިއެވެ.
މުޒާހަރާގެ ތެރެއިން 17 މީހަކު ހައްޔަރު ކޮށްފައިވާއިރު، ފުލުހުން ބުނެފައިވަނީ އެމީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.
ހައްޔަރު ކުރި ބައެއް ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ އިތުރުން ރައްޔިތުން ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނިވަޑައިގަންނަވައެވެ.
ފުލުހުން ތުހުމަތުކުރި ގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ އެ އެއްވުމަށް ރަށްރަށުން ގިނަ ބަޔަކު ގެނެސް ދުއްވާތަކެތި ބޭނުންކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކުކޮށް، ރައްޔިތުންނާއި އާންމުންގެ ދަތުރުފަތުރުގެ ހިދުމަތަށް ހުރަސް އަޅަން އިދިކޮޅުން އިއްޔެ އޮތީ ރާވައިފަ އެވެ. އަދި މާލޭގައި އުޅޭ ކުށްކުރާ ގްރޫޕުތައް ހޯދައި އެއްވުމުގައި ބައިވެރި ކުރުމަށް ޕީޕީއެމް/ޕީއެންސީން ރާވާފައިވާ ކަމުގެ ތުހުމަތު ވެސް ކުރިއެވެ.
ފުލުުހުން ޣައްސާނާއި، ސައީދު ހައްޔަރުކުރީ ބޮޑު ތަކުރުފާނު މަގުގައި މުޒާހަރާގެ ބައިވެރިންނާއިއެކު އަޑު އުފުލަމުން ދަނިކޮށެވެ.
ޕީޕީއެމުން ބުނެފައިވަނީ ކިތަންމެ ވަރަކަށް ހުރަސް އެޅިޔަސް ޤާނޫނު އަސާސީން ލިބިފައިވާ އެއްވެ އުޅުމުގެ ފުރުސަތުގެ ބޭނުންކުރާނެކަމަށެވެ. އަދިއެކަމެއްނުހުއްޓުވޭނެކަމަށެވެ.