މުޒާހަރާގައި ހަރަކާތެރިވީ މެޑިކަލް އޮފިސަރެއް: ފުލުހުން

މުޒާހަރާގައި ހަރަކާތެރިވީ މެޑިކަލް އޮފިސަރެއް: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2022 12:30
0

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ބޭއްވި "ނޭވާހޮޅިއަށް" އެއްވުމުގައި ރީނދޫ ކުލައިގެ ގަމީހެއް ލައިގެން ހުރީ ފުލުހުންގެ ވަޒީފާގައި ސިއްހީ ހިދުމަތްދޭ ބަހާގައި މަސައްކަތް ކުރާ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަ މީހާ މުޒާހަރާގެ ވަގުތުގައި މަސައްކަތް ކުރީ ފުލުހުންގެ މެޑިކަލް ޓީމާއެކު ކަމަށެވެ. އިއްޔެ، މީޑިއާ ތަކުގައި އޭނާގެ ފޮޓޯ ދައުރުވުމާއެކު، އޭނާއަށް އިންޒާރުތައް ލިބެމުންދާ ކަމަށް އޭނާ ބުނި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ފޮޓޯތަކުން އޭނާ މުޒާހަރާ ހިނގި ސަރަހައްދުގައި ހަރަކާތްތެރި ވާތަން ފެނެއެވެ. މަންޒަރުދުށް ބައެއް މީހުން ބުނި ގޮތުގައި އޭނާ ފުލުހުންގެ ވެހިކަލްތެރޭ އިނދެގެން ފުލުހުންނަށް "އިރުޝާދު ދެމުންދާ"ތަން ވަނީ ފެނިފައެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭވި މުޒާހަރާގައި މިމީހާ ވަނީ މުޒަހަރާގެ ކަންކަން ކޮންޓްރޯ ކުރުމަށް އިރުޝާދުދީ ހަދާފައެވެ. އޭނާ އިރުޝާދުދީ ހަދާ މަންޒަރު ފެންނަ ވީޑިއޯވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ފުލުހުންނަށް ކޮމާންޑް ކުރަން ހުރީ ކޮން ގައުމެއްގެ މީހެއްތޯ ސާފުކުރަން ފުލުހުންނާއި ސުވާލު ކުރި ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެސުވާލަށް ޖަވާބު ލިބިފައި ނެތް ކަމަށެވެ. މީގެ ކުރިން ފުލުހުން މުޒާހަރާ ކޮންޓްރޯލް ކުރާއިރުވެސް އަދި އެހެން ކަންތައްތަކުގައިވެސް ބޭރުގެ މީހުން ހަރަކާތްތެރިވާތަނެއް ނުފެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.