އިންޑިއާ އެމްބަސީން އަންގާ އެންގުންތަކަށް ސަލާމަތީ ބާރުތަކުން އަމަލު ކުރަން ނުޖެހޭ ކަމަށާއި، މިއަދުގެ ސުލްހަވެރި އިހުތިޖާޖުން ހައްތަރު ކުރި އެންމެން މިހާރުން މިހާރަށް ދޫކޮށްލުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީ.ޕީ.އެމް. ގެ ފަރާތުން މިއަދު ކާނިވާ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ރެލީ ގައި ބައިވެރިވުމަށް ދިޔަ ޢާންމު ރައްޔިތުން ރެލީގައި ބައިވެރިވުމަށް ހުރަސްއަޅާ، ކާނިވަލަށް ވަންނަ ދިޔަ ޢާންމު ރައްޔިތުންގެ މޫނަށާއި ލޮލަށް ޕެޕަރ ސްޕްރޭ ޖަހާފައިވާތީ، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
މިގޮތުން އެކޯލިޝަނަށް ނިސްބަތްވާ ދެ ނާއިބު ރައީސުން ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ސަޢީދު އަދި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޣައްސާން މައުމޫންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖެހުމަށްފަހު، މަޖިލީހުގެ މެންބަރުން ހައްޔަރު ކުރުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކާއި ޚިލާފަށް ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
އިންޑިއާ އެމްބަސީއިންނާއި، ސަރުކާރުން އަންގާ ޣައިރު ޤާނޫނީ އެންގުނަތަކަށް ތަބާނުވުމަށާއި، ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކަށް އަރައި ނުގަތުމަށް ދިވެހި ފުލުހުންނަށް އިލްތިމާސްކުރަން. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދިވެހި ރައްޔިތުން ކުރިއަށް ގެންދާ ސުލްޙަވެރި ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ މަގު ފަހިކޮށްދިނުމަށްވެސް ފުލުހުނަށް ގޮވާލަން.
– އިދިކޮޅު ބަޔާނުގައި ވެއެވެ.
އެހެންކަމުން، މަޖިލީހުގެ ދެ މެންބަރުންނާއި، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރާއެކު މިއަދު ހައްޔަރުކޮށްފައިވާ އެންމެންވެސް ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށްވާތީ، އެ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ. އަދި ޤާނޫނުއަސާސީގެ 27 އަދި 32 ވަނަ މާއްދާއިން ލިބިދީފައިވާ އަސާސީ ޙައްޤަށް އަރައިގަނެ، އެ ހައްޤު ހަނިކޮށް ޕީޕީއެމްގެ ރެލީ ކުރިއަށް ގެންދެވޭނީ ކާނިވަލުގައި ކަން އެންގުމާއެކު، ކާނިވަލްގައި ކުރިއަށް ގެންދިޔުމަށް ނިންމި ރެލީވެސް ހުއްޓުވުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީއިން އެންގުމާއެކު، އެކަން ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން ފުލުހުންގެ މައްޗަށް ޣައިރު ޤާނޫނީ ޢަމުރުކޮށް، އަދި މި ޣައިރު ޤާނޫނީ ޢަމުރު ތަންފީޒު ކުރުމަށް ފުލުހުން މަސައްކަތް ކުރުމަކީ ހިތާމަހުރި ކަމެއްކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.