"ނޭވާ ހޮޅިޔަށް" ނަމުގައި ޤާނޫނާއި އެއްގޮތަށް ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާ ޙަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދު ހަވީރު ކާނިވަލުގައި ކުރިއަށް ގެންދެވޭ ޙަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ޕީޕީއެމް އޮފީސް ހުންނަ ސަރަޙައްދުގެ މަގުތައް ބަންދުކޮށް، ޕާޓީ އޮފީހަށް ވަދެ ނުކުތުން މަނާކޮށް، ކަނޑުދަތުރުފަތުރަށް ހުރަސްއެޅުމުގެ އިތުރުން، ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކާނިވާ ތައްޔާރު ކުރުމަށްޓަކައި، ޕީޕީއެމް އޮފީހުން ކާނިވަލަށް ތަކެތި ގެންދިއުމާއި، އޮފީހުގެ މުވައްޒަފުންގެ ދަތުރުފަތުރަށް ހުރަސް އަޅާ މިމަސައްކަތުގައި އިދާރީ ގޮތުން ޙަރަކާތްތަތެރިވާ ފަރާތްތައް ހައްޔަރު ކުރަމުން ގެންދާކަމަށް ވަނީ ބުނެފައެވެ.
އަދި ޕީޕީއެމްގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން، ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޤާމުތަކުގައި ތިއްބެވި ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މާލޭ ސިޓީގެ މޭޔަރާއި، ޑެޕިއުޓީ މޭޔަރާއި އަދި މާލޭ ސިޓީ ކައުންސިލް މެންބަރުންނާއި އަތޮޅު ކައުންސިލް ރައީސުންނާއި ރަށްރަށުގެ ކައުންސިލް މެންބަރުންނަށްވެސް އޮފީސް ސަރަޙައްދަށް ވަދެ ނުކުތުމަށް ހުރަސްއަޅަމުންދާކަމަށް ވަނީ ބުނެފައެވެ.
އެއާއެކު، ޕީޕީއެމްގެ ކައުންސިލް މެންބަރު މާލޭ ސިޓީ ގެ ޑެޕިއުޓީ މޭޔަރުގެ އިތުރުން، އިތުރު ބޭފުޅުންވެސް އޮފީހަށް ވަންނަން ހިނގާފައި ދަނިކޮށް ޤާނޫނާއި ޚިލާފަށް ހައްޔަރުކޮށްފައިވާކަމަށާއި، އަދި ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރުން ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ. ހަމައެއާއެކު ޕީޕީއެމްގެ ޙަރަކާތް ޤާނޫނުގައިވާ ގޮތުގެ މަތިން ކާނިވާ ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ހުރަސް ނޭޅުއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ