މިހާތަނަށް އެގައުމުން ޓެސްޓުކުރި އެންމެ ބޮޑު އިންޓަރ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިން (ICBM) އުތުރު ކޮރެއިން ޓެސްޓު ކޮށްފިއެވެ. އިންޓަރ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލަކީ އެއްބައްރުން އަނެއް ބައްރަށް ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ، ބައެއް ހާލަތްތަކުގައި ނިއުކުލިއަރ ވާހެޑްތައްވެސް އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ.
އުތުރު ކޮރެއާއިން ބުނެފައިވަނީ، މި މިސައިލް ޓެސްޓު ކޮށްފައިވަނީ، އެމެރިކާއާއެކު ދިގު މުއްދަތަކަށް ކުރިމަތި ލާންޖެހިދާނެ ހަމަނުޖެހުމަކަށް އެގަމުގެ ދިފާޢު ވަރުގަދަ ކުރުމުގެ ގޮތުން، އެގައުމުގެ ލީޑަރު ކިމް ޖޮންގ އުންގގެ އޯޑަރަށް ކަމުގައެވެ.
މި މިސައިން އުދުއްސާލި މަންޒަރު، ކަޅު ކުލައިގެ ޖެކެޓެއްގައި، އަދި ކަޅު ކުލައިގެ އަވި އައިނެއް އަޅުއްވައިގެން ހުންނެވި، ލީޑަރު ކިމް ޖޮންގ އުންގ ވަނީ ބައްލަވާ ލައްވާފައެވެ. އުތުރު ކޮރެއާއިން ބުނެފައިވަނީ މިއީ އާވައްތަރެއްގެ، ހުވާސޮންގ-17 ގެ ނަން ދެވިފައިވާ އިންޓަރ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލް (ICBM) އެއް ކަމުގައެވެ.
މިއީ ނިއުކުލިއަރ ހަތިޔާރުގެ ގާބިލްކަން ހުރި، އުތުރު ކޮރެއާއިން އުފައްދާފައިވާ، 2017ގެ ފަހުން ޓެސްޓު ކޮސްފައިވާ އެންމެ ފުރިހަމަ އިންޓަރ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލްއެވެ. މި މިސައިލް އުތުރު ކޮރެއާއިން ޓެސްޓު ކުރުމާއި ގުޅިގެން، ދެކުނު ކޮރެއާ، ޖަޕާން އަދި އެމެރިކާއިންވަނީ އެގައުމަށް ފާޑު ކިޔާފައެވެ. އަދި ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވަނީ، މިއީ، އުތުރު ކޮރެއާއިން މިސައިލް ޓެސްޓު ކުރުން މަނާކޮށް ޔޫއެންއިން ފާސްކޮށްފައިވާ ގަރާރާއި ޚިލާފަށް ކޮށްފައިވާ ޓެސްޓެއް ކަމަށް ވިދާޅުވެ އުތުރު ކޮރެއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، މި މިސައިލް ލޯންޗު ކޮށްފައިވަނީ ޕިޔޮންގޔަންގ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. އަދި މިސައިލްވަނީ 6,248 ކިލޯ މީޓަރު މަތިން ދަތުރުކޮށް، 1,090 ކިލޯ މީޓަރު ދުރަށް ދަތުރު ކޮށްފައެވެ. މި މިސައިލް ޖަޕާނުގެ ކަނޑަށް ވެއްޓިފައިވަނީ 67 މިނިޓްގެ ދަތުރަކަށް ފަހުއެވެ.