އެމެރިކާގެ ކެޕިޓަލް ހިލްއަށް ދިން ހަމަލާގައި ތުހުމަތު ކުރެވޭ މީހަކަށް ބެލަރޫސްއިން ސިޔާސީ ހިމާޔަތް ދީފި

އެމެރިކާގެ ކެޕިޓަލް ހިލްއަށް ދިން ހަމަލާގައި ތުހުމަތު ކުރެވޭ މީހަކަށް ބެލަރޫސްއިން ސިޔާސީ ހިމާޔަތް ދީފި

Author
ހުސެއިން
23 މާރޗް 2022 01:34
0

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަން ނިމެމުން ދަނިކޮށް، އެގައުމުގެ ގާނޫނުހަދާ މަޖިލިސްކުރާގެ، ކެޕިޓަލް ހިލްއަށް ދިން ހަމަލާތަކުގައި ތުހުމަތު ކުރެވޭ މީހަކަށް ބެލަރޫސްއިން ސިޔާސީ ހިމާޔަތް ދީފިއެވެ.

އެމެރިކާގެ ކެލިފޯނިއާއަށް ނިސްބަތްވާ، އީވާން ނިއުމޭން ނަމަކަށް ކިޔާ މިމީހާ ފިލައިގެން އެމެރިކާ ދޫކޮށް ގޮސްފައިވަނީ، ކެޕިޓަލް ހިލްއަށް ދިން ހަމަލާތަކާއި ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނިކޮށެވެ.

އުމުރުން 48 އަހަރުގެ ނިއުމޭން އެމެރިކާއިން ފިލައިގެން އެންމެ ފުރަތަމަ ގޮސްފައިވަނީ ޔޫކުރެއިންއަށެވެ. އަދި އެއަށްފަހު ބެލަރޫސްއަށް އެތެރެވެ އޭނާވަނީ އެގައުމުގެ ސިޔާސީ ހިމާޔަތަށް އެދިފައެވެ. އޭނާ ބެލަރޫސްގެ ސިޔާސީ ހިމާޔަތަށް އެދިފައިވަނީ، އެމެރިކާގައި އޭނާއަށް ކުރިމަތި ލާންޖެހިފައިވަނީ ސިޔާސީ ތުހުމަތުތަކަކާއި ކަމަށް ބުނެއެވެ.

ބެލަރުސްގެ އޮފިޝަލުން ބުނެފައިވަނީ، ނިއުމޭން އެގައުމުގައި ވަކި މުއްދަތެއް ނެތި ހުރުމުގެ ހުއްދަ ދީފައި ވާކަމުގައެވެ. އަދި އޮފިޝަލުން ބުނެފައިވާ ގޮތުގައި، ނިއުމޭން ގަވާއިދާ ޚިލާފަށް ބެލަރޫސްގެ ބޯޑަރު ހުރަސް ކޮށްފައިވަނީ، ޔޫކުރެއިންގެ ސިއްރު ފުލުހުން އޭނާއަށް ފާރަލާން ފެށުމާއި ގުޅިގެން ކަމުގައެވެ.

ބަލަރޫސްއިން ސިޔާސީ ހިމާޔަތް ލިބުމަށްފަހު، ނިއުމޭން ވަނީ ބެލަރުސްގެ ސަރުކާރުގެ ނޫސް އޭޖެންސީ، ބެލްޓާގައި ވާހަކަ ދައްކަމުން ވަރަށް ތަފާތު އިހުސާސެއް ކުރެވޭކަމަށް ބުނެފައެވެ.

"ބެލަރޫސްއިން އަހަރެންނަށް އެހީތެރި ވެދިނީތީ ވަރަށް އުފާކުރަން. އަހަރެންގެ އަމިއްލަ ގައުމާއެކީ މައްސަލަތަކެއްގެ ތެރެއަށް ދާން ޖެހުނީތީ ވަރަށް ހިތާމަ ކުރަން."

ފާއިިތުވެދިޔަ އަހަރުގެ ޖުލައިމަހު އެމެރިކާ ސަރުކާރުންވަނީ، ނިއުމޭންގެ މައްޗަށް 6 ދައުވާއެއް އުފުލާފައެވެ. އޭގެ ތެރޭގައި، ގާނޫނުހަދާ މަޖިލިސް ކުރާގެއަށް ގަދަކަމުން ވަދެގަތުމާއި، އަދި ފުލުހުންނަށް ހަމަލާ ދިނުމުގެ ތުހުމަތުވެސް ހިމެނެއެވެ.

ނިއުމޭން ބުނެފައިވާ ގޮތުގައި އޭނާ ޔޫރަޕް މަގުން ޔޫކުރެއިންއަށް ދަތުރު ކޮށްފައިވަނީ، އޭނާގެ ގެ ވިއްކާލާފައެވެ. އަދި ޔޫކުރެއިންގައި އޭނާ އުޅެމުން ދަނިކޮށް، އެގައުމުގެ އިދާރާތަކުން އޭނާ އުޅޭ ނޫޅޭގޮތް ބަލަން ފެށިކަމަށް ހީވެގެން އޭނާ ޔޫކުރެއިން ބެލަރޫސް ބޯޑަރު ހުރަސް ކޮށްފައިވަނީ ފައި މަގުގައި، ފާއިތުވެދިޔަ އޮގަސްޓުމަހު ކަމަށްވެސް ބުނެފައިވެއެވެ.

ބެލަރޫސްއަކީ އެމެރިކާއާއެކީ މީހުން ބަދަލު ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ގައުމެއް ނޫނެވެ. ނިއުމޭން ބުނެފައިވާ ގޮތުގައި އޭނާ މިހާރުވަނީ އެގައުމުގައި އާ ދިރިއުޅުމެއް ފަށާފައެވެ. އަދި އޭނާ ބޭނުންވަނީ އާއިލާވެސް ބެލަރޫސްއަށް ގެންދިއުމަށެެވެ. އެހެންނަަމަވެސް އޭނާ ބުނެފައިވާ ގޮތުގައި އެއީ އޭނާގެ އަންހެނުން ބޭނުންވާ ނަމައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.