ފެނަކަ އެމްޑީ ސައީދަށް އެކުންފުނީގެ މަގާމަށް އާދެވުނުގޮތް އޭނާއަށް އޮޅިވަޑައިގެންފައި ވާކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕޭނަށް ނުފުޒު ފޯރުވާ، ވަކިފަރާތަކަށް ވޯޓު ދިނުމަށް ސައީދު ފެނަކައިގެން މުވައްޒަފުންނަށް ގުޅުއްވަމުން ގެންދަވާކަމަށް ތުހުމަތު ކުރައްވަމުން އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕުގައި ރޭކުރެއްވު މެސެޖުތަކުގައި ރައީސް ނަޝީދުވަނީ، ފެނަކަ ސައީދު އެމަނިކްފާނު އެމްޑީޕީން ބޭރުކުރުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ.
ސައީދު އަޅުގަޑު މި ޕާޓީން ވަކިކުރަން އުޅުނަސް، ފެނަކަ ހުރިހާ މުވައްޒަފުން އެކަމާ ނުރުހޭނެ.
ސައީދަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގައި ތިބޭ ފެނަކައިގެ މުވައްޒިފުންނަށް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވަކި ގޮތަކަށް ވޯޓުލުމަށް އަންގާތީ އެކަމާއި ނުރުހުން ފާޅުކޮށް ރައީސް ނަޝީދު ލިޔުއްވި މެސެޖްތަކަށް، ސައީދު ވަނީ ޖަވާބު ދެއްވާފައެވެ. ސައީދުވަނީ ވަކި ކުރީކޮން މުވައްޒިފެއްތޯ، އެފަދަ ފިޔަވަޅެއް އެޅުއްވި މުވައްޒިފެއް ހުރިނަމަ އެއީ ކާކުތޯ ސުވާލު ކުރައްވާފައެވެ.
ސައީދުގެ މެސެޖްތަކަށް ރައްދު ދެއްވާ ނަޝީދު ވަނީ ސައީދު "ޖަދަލު" ކުރައްވަނީތޯ ސުވާލު ކުރައްވާފައެވެ. އަދި ސައީދަށް މިހާރު ފެނަކައިގެ އެމްޑީކަން ލިބުނު ގޮތް އޮޅިފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ސައީދަށް ތިޔަ ތަނަށް އާދެވުނު ގޮސްވެސް ސައީދަށްވެސް އޮޅުނީ. އަޅެ ސައީދު އަޅުގަނޑު މި ޕާޓީ އިން ބޭރުކޮށްބަލަ.
– ނަޝީދު ވިދާޅުވިއެވެ.
އެމްޑިޕީގެ ގައުމީ މަޖިލިސް އިންތިޚާބުގައި ވަކި ގޮތަކަށް ވޯޓު ލުމަށް އަންގާ ފެނަކަ މުވައްޒަފުންނަށް ސައީދު ގުޅުއްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވަމުން ރައީސް ނަޝީދުވަނީ، "ތިޔަހާ މުނާފިގު ނުވުމަށާއި" "ދޮގު ނުހެދުމަށް"ވެސް ވިދާޅުވެ ސައީދަށް ރައްދުކޮށް ވަޓްސްއަޕް ގުރޫޕަށް މެސެޖު ކުރައްވާފައެވެ.
ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ އާއި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރު ފައްޔާޒު އިސްމާއިލްއެވެ. ގައުމީ މަޖިލީހުގެ ގިނަ މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނުގެ އެންމެ އަރިސް އަދި ވަފާތެރި މެންބަރުންގެ ތާއީދު އޮތީ އިންތިއަށެވެ. ރައީސް ނަޝީދުގެ އާއިލީ ބޭފުޅުން ގެންދަވަނީ އިންތި ހޮއްވެވުމަށް ރަށްރަށަށް ދަތުރުކުރައްވާ ކެމްޕެއިން ކުރައްވަމުންނެވެ.
ރައީސް ނަޝީދު ވަނީ ވަޒީފާގެ ބިރުދައްކައި، ކަންކަން ކުރާނަމަ ފާޅުގައި މިކެމްޕެއިންގައި ނިކުންނަން ޖެހިދާނެކަމުގެ އިންޒާރުވެސް ދީފައެވެ. ނަޝީދު ފާޅުގައި ނިކުންނާނެކަމަށް ބުނަމުންދާއިރު، މިހާރުވެސް ގެންދަވަނީ އިންތިއަށް ކެންޕެއިން ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ