އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދުނުމުގެ ގޮތުން ބާޖަމާލުއްދީނުގެ ބިމުގައި ޖާގަ ތަނަވަސް އައު ޢިމާރާތެއް އެޅުމަށްޓަކައި އެއިމާރަތް ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޢިމާރާތަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށް ދާއިމީ ސްކޫލް ޢިމާރާތެއް ލިބެންދެން ވަގުތީ ހައްލެއްގެ ގޮތުގައި ފޮރިން މިނިސްޓްރީ ހިންގި ވަގުތީ ޢިމާރާތް ސަރުކާރުންވަނީ ހަމަޖައްސާފައެވެ. ޢަރަބިއްޔާގެ އައު އިމާރާތެއް އެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ނިންމާވަފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާއި ބެހޭ މަރުކަޒު ހުރި، ބައު ޖަމާލުއްދީނުގައެވެ.
އިލެކްޝަންސް ކޮމިޝަންސްގެ ސެކެރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ހަފްތާ ބަންދުގެ ތެރޭގައި އިމާރާތް ހުސްކުރުމަށް ރައީސުލްޖުމްހޫރޮއްޔާގެ އޮފީހުން އަންގަވާފައިވާކަމާށެވެ. އިމާރާތުގައި އިލެކްޝަންސް ކޮމިޝަންގެ ގިނަ އަދަދެއްގެ ސަމާނު ހުރުމުން އެތަކެތި ވަގުތީގޮތުން ޢަރަބިއްޔާގެ އިމާރާތަށް ބަދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. ނަމަވެސް އެއިދާރާގައި މަސައްކަތް ކުރާ މުވައްޒިފުންނަށް މިވަގުތަށް މަސައްކަތްކުރާނެ ތަނެއް ނެތްކަމަށާއި، ތަނެއް ހޯދުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާކަމަށެވެ.
މިހާރު އަޅުގަނޑުމެންނަށް މިއޮތީ މިހުކުރު ހޮނިހިރުގައި އެތަން ކޮންމެހެންވެސް ހުސްކުރަން މަޖުބޫރުވެފަ. އަޅުގަނޑުމެންވެސް ގަބޫލުުކުރަން ވަރަށް ގިނަ ދަރިވަރުންގެ މަސްލަހަތާއި ގުޅުން އޮތް ކަމެއްގައި ސަރުކާރުން ތަންހުސްކުރުމުގެ މަސައްކަތް ކުރިއަށް އެގެންދަވަނީ. ވަރަށް އަވަހަށް އެތަނުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި. އަޅުގަނޑުމެން މިހާރު މިކުރަނީ އެމަސައްކަތް.
– ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދުނުމުގެ ގޮތުން ބާޖަމާލުއްދީނުގެ ބިމުގައި ޖާގަ ތަނަވަސް އައު ޢިމާރާތެއް ހަދަން ސަރުކާރުން ނިންމަވާފައިވަނީ މިދިޔ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިގޮތަށް ނިންމެވިކަން ރައީސް ޢިއުލާންކުރެއްވީ ޢަރަބިއްޔާގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ޢަރަބިއްޔާގެ ދަރިވަރުން އެހެންތަނަކަށް ބަދަލުކުރަން ޖެހުނީ އެސްކޫލުގެ ޢިމާރާތުގެ ޙާލަތަށް ބަލާއިރު އެއީ ކިޔަވައިދޭން އެންމެ ރައްކާތެރި ތަނެއް ނޫންކަމަށްވާތީއެވެ.