ކެނެޑާއިން ބެލްރޫސްއާއި ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައިފި

ކެނެޑާއިން ބެލްރޫސްއާއި ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައިފި

Author
ހުސެއިން
17 މާރޗް 2022 07:39
0

ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކަށް ޔޫކުރެއިން އެހީތެރިކަން ފޯރުކޮށް ދެމުން ދާތީ، ކެނެޑާއިން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.

މިގޮތުން ކެނެޑާއިން ބެލެރޫސްގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުގައި މިއަދުވަނީ ބެލްރޫސްގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ އިތުރު 22 އިސް އޮފިޝަލަކު ހިމަނާފައެވެ.

ގްލޯބަލް އެފެއާރޒް ކެނެޑާއިން އާންމު ކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، މި އޮފިޝަލުންނަކީ، ރަޝިއާއިން ޔޫކުރެއިން ހަމަލާ ދިނުމަށް ބޭނުންކުރާ ޕްލެޓްފޯރމެއްގެ ގޮތުގައި ބެލަރޫސް ބޭނުންކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތައް ކަމުގައެވެ.

މި ބަޔާނުގައި ބުނެފައިވާ ގޮތުން، ފާއިތުވެދިޔަ ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށިފަހުން ކެނެޑާއިންވަނީ، ރަޝިއާއާއި، ޔޫކުރެއިން އަދި ބެލަރޫސްގެ 500 ފަރާތަކާއި ކުންފުންޏަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ ދޭން ފެށުމުގެ ކުރިން، ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ގާއިމްވެ ތިބެފައިވަނީ، ޔޫކުރެއިންއާއި އިންވެގެން އޮތް ބެލަރޫސްގައެވެ. އަދި ހަމަލާތައް ފެށުމުގެ ކުރިން މިދެގައުމު އެކުވެގެން ވަނީ ވަރުގަދަ އަސްކަރީ ތަމްރީންތައްވެސް ކުރިޔަށް ގެންގޮސްފައެވެ.

ޔޫކުރެއިންއަށް އުދުވާނީ ހަމަލާތައް ދިނުމުގައި ބެލަރޫސް ބޭނުން ކުރުމުގެ ފުރުސަތު ރަޝިއާއަށް ލިބިގެން ދިއުން ވެގެން ގޮސްފައިވަނީ ރަޝިއާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައަކަށެވެ. ސަބަބަކީ، ހަނގުރާމަ ފެށުނުފަހުން، ރަޝިއާއިން ހިފުމަށް މަސައްކަތް ކުރަމުންދާ، ޔޫކުރެއިންގެ ވެރިރަށް ކީވްއަކީ ބެލަރޫސްގެ ބޯޑަރާއި ކައިރީގައި އޮންނަ ސިޓީއަކަށް ވެގެން ދާތީއެވެ. ނަތީޖާއެއްގެ ގޮތުން، ޔޫކުރެއިންގެ ވެރި ރަށަށް ވާސިލްވުމަށް ރަޝިއާގެ ފައުޖުތަކަށް ކަޑައްތު ކުރަންޖެހޭ ރާސްތާ ވަރަށް ބޮޑަށް ކުރުވެގެން ދެއެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ދޭންފެށި އުދުވާނީ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ އެތައް ގައުމަކުން މިހާރުވަނީ ރަޝިއާއާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި ބެލަރޫސްއިން ރަޝިއާއަށް އެހީތެރި ވެދީފައި ވާތީ، މި ފިޔަވަޅުތަކުގެ ތެރޭގައި ގިނަ ގައުމުތަކުން ބެލަރޫސްވެސް ހިމަނާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.