12 ކިލޯގެ ޑްރަގާ ގުޅުން ހުރި މީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.
ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިންގި އެ އޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ނ. ވެލިދޫ / މަރިޔާޒް، މުޙައްމަދު ޢަބްދުއްލަޠީފް (30އ) އާއި، އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ (37އ) ގެ އިތުރުން ބަނގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ކަވްސަރު އަލަމް (30އ) އެވެ. އެ އޮޕަރޭޝަނުގައި، މާލޭގެ ގެއަކާއި ހުޅުމާލޭގެ ގެސްޓު ހައުސްއެއްގެ އިތުރުން ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ.
މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު މުޙައްމަދު ޢަބްދުއްލަޠީފަށް ދީފައިވެއެވެ. އަދި ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއާއި ކަވްސަރު އަލަމް ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތުދީފައިވެއެވެ.
މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެކެވެ. އަދި އޭނާއަކީ މީގެކުރިންވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާއާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ. އަދި އެ މައްސަލަ މިހާރުވަނީ ކޯޓުގައެވެ. މީގެ އިތުރުން، އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. މުޙައްމަދު ޢަބްދުއްލަޠީފަކީ ވެސް ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.
މަސްތުވާތަކެތީގެ މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ