އާރަށުގެ މައްސަލައިގައި ހެކި ހުށަހަޅަން ރައީސް ޔާމީނަށް 5 ދުވަސް

އާރަށުގެ މައްސަލައިގައި ހެކި ހުށަހަޅަން ރައީސް ޔާމީނަށް 5 ދުވަސް

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2022 11:12
0

ވ.އަތޮޅު އާރަށް ކުއްޔައްދިނުމުގެ މުޢާމަލާތާ ގުޅޭ ފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ހެކި ހުށަހެޅުމަށް 5 ދުވަހުގެ މުއްދަތެއް ދީފިއެވެ.

އާރަށުގެ މައްސަލާގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށްކުރީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، މިމައްސަލާގައި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑު އެހުމުގައި ރައީސް ޔާމީނާއި، ޔޫސުމް ނައީމްގެ ފަރާތްޕުޅުންވެސް އެދިފައިވަނީ މިމައްސަލައާއި ގުޅުންހުރި މުހިންމު ލިޔުންތަކެއް ލިބިފައި ނުވާތީ އިތުރު މުއްދަތެއް ދިނުމަށެވެ. މިމައްސަލާގައި ޤާޟީ ވަނީ ދެފަރާތުން އެދުނު ގޮތަށް މިމައްސަލައިގެ ހެކި ހުށަހެޅުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

މިއަދުގެ އަޑުއެހުމުގައިވެސް ރައީސް ޔާމީންގެ ޤާނޫނީ ޓީމުންވަނީ މިމައްސަލަ ލައިވް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިވަޑައިގެންފައެވެ. ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މިމައްސަލައިގެ އިބްތިދާއީ ބައި ނިމި ޝަރީއަތް ފެށުމުން، މައްސަލަ ލައިވް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

މިމައްސަލައިގައި ދެން އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. ވ.އަތޮޅު އާރަށް ކުއްޔައްދިނުމުގެ މުޢާމަލާތާ ގުޅޭ ފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާއަށް ރައީސް ޔާމީން ވަނީ އިންކާރު ކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ދައުލަތުން ދެއްކެވި ވާހަކަތަކާއި، ދެ ދައުވާއަށްވެސް އިންކާރު ކުރައްވާކަމަށް ވިދާޅުވެފައެވެ. މިމައްސަލާގައި ދައުވާ އުފުލާފައިވާ ޔޫސުފް ނައީމުވެސް ވަނީ ދައުވާ ސާފު ނުވާކަމަށް ވިދާޅުވެފައެވެ.

އާރަށުގެ މައްސަލައިގެ އިތުރުން ރ.ފުއްގިރި ކުއްޔަށްދޫކުށްގެން ލިބުނު 1.3 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.