ރަޝިއާއިން ޔޫކުރެއިގައި ކުރަމުންދާ ހަގުރާމާގައި އަނިޔާވެ، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބި ޔޫކުރެއިންގެ ސިފައިންގެ ގާތަށް ވަޑައިގެން، އެގައުމުގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ، އެޑްމިޓް ކޮށްފައި ތިބި އެގައުމުގެ ސިފައިންނަށް ޝަރަފްގެ މެޑަލް (ޑެފެންޑާސް އޮފް ޔޫކުރެއިންގެ މެޑަލް) އަރުވައިފިއެވެ.
ޔޫކުރެއިން ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި، އެޑްމިކޮށްފައި ތިބި ސިފައިންނަށް ޔޫކުރެއިންގެ ސަރުކާރުން މި އެރުވި މެޑަލަކީ ޔޫކުރެއިންގެ ދިފާޢުގައި އެގައުމުގެ އެ ސިފައިން ދައްކަވާފައިވާ ހިތްވަރާއި އަދި ވެފައިވާ ގުރުބާނީގެ އަގު ވަޒަން ކުރުމުގެ ގޮތުން އަރުވާފައި ޝަރަފްގެ އައްޑަނައެއް ކަމުގައެވެ. އަދި މި ޒިޔާރަތުގައި މި ސިފައިންނަށް އަވަސް ފަރުވާއަކަށް އުއްމީދު ކުރާކަމަށް ޒެލެންސްކީ ވިދާޅުވެފައިވާ ކަމަށްވެސް ޔޫކުރެއިންގެ ސަރުކާރުން ހާމަ ކޮށްފައި ވެއެވެ.
"އަހަރެން އުއްމީދު ކުރަނީ ތިޔަ ސިފައިންނަށް ލިބިގެންދާނެ އެންމެ ބޮޑު ޝަރަފަކަށް ވެގެން ދާނީ، މި ހަނގުރާމަ ކާމިޔާބު ކުރެވުން ކަމަށް،" ޒެލްންސްކީ ވިދާޅުވިކަމަށް ޔޫކުރެއިންގެ ޑިފެންސް މިނިސްޓްރީން ހާމަ ކޮށްފައި ވެއެވެ.
Президент України Володимир Зеленський відвідав у госпіталі поранених захисників України ????????
???? «Хлопці, швидше одужуйте. Вірю: найкращим подарунком до вашої виписки буде наша спільна перемога!» – зазначив @ZelenskyyUa pic.twitter.com/lHYZJHWvp8
— Defence of Ukraine (@DefenceU) March 13, 2022
އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ޔޫކުރެއިން ސިފައިންގެ ހާލު ބައްލަވާ ލެއްވުމަށް ޒެކެންސްކީ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވަފައި މިވަނީ ރަޝިއާއިން އެގައުމަށް އުދުވާނީ ހަމަލާތައް ދެމުންދާތާ 18 ވަަނަ ދުވަހުއެވެ. އަދި މިހާރު ރަޝިއާ ސިފައިން މަސައްކަތް ކުރަމުންދަނީ، ޔޫކުރެއިންގެ ސިޓީތައް ކަމުގައިވާ މަރިއުޕޯލްއާއި އެސިޓީއާއި 15 މޭލު ދުރުން އޮންނަ ޔޫކުރެއިންގެ ވެރިރަށް ކީވް ހިސޯރު ކުރުމަށެވެ.
އެހެންނަމަވެސް، ޒެލެންސްކީ އެންމެ ފަހުން ދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ، ރަޝިއާގެ އިސްތިއުމާރީ ބާރަށް އެގައުމު ހިފުމަކީ ކުރެވޭނެ ކަމެއް ނޫންކަމުގައެވެ.
"ރަޝިއާގެ އަދުއްވުންނަށް އަހަރެމެންގެ ގައުމު އިސްތިއުމާރު ނުކުރެވޭނެ. އެމީހުންގެ ކިބައަކު އެ ކުޅަދާނެ ކަމެއް ނެތް. އެމީހުންގެ ކިބައިގައި އެހިތްވަރެއް ނެތް،" މި ހަފްތާގެ ހޮނިހިރު ދުވަހު ގައުމާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވެފައި ވެއެވެ.
ފާއިތުވި ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނި ހަމަލާ ދޭންފެށިފަހު، ޔޫކުރެއިންގެ 1،300 ސިފައިން މަރުވެފައިވާ ކަމުގައި ޔޫކުރެއިންގެ ރައީސް ލޮޑޮމިރު ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޔޫކުރެއިންގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފް ހާމަ ކުރައްވާފައިވާ ގޮތުގައި، މިހާތަނަށް ރަޝިއާ ސިފައިންގެ 11،000 ސިފައިންވަނީ މަރުވެފައެވެ. އެހެންނަަމަވެސް ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި މަރުވެފައިވާ ރަޝިއާ ސިފައިންގެ އަދަދު 12،000 އަށް އަރައެވެ.
މި މާރޗްމަހުގެ 2 ވަނަ ދުވަހުގެ ފަހުން، ރަޝިއާއިން އެގައުމުގެ ސިފައިން މަރުވެފައިވާ އަދަދު ހާމަ ކޮށްފައެއް ނުވެއެވެ. އެދުވަހު ރަޝިއާގެ އަސްކަރިއްޔާގެ ފަރާތުން މޭޖަރ ޖެނެރަލް އިގޯރ ކޮނަޝެންކޯވް ވިދާޅުވެފައިވާ ގޮތުގައި ރަޝިއާގެ ސިފައިންގެ ތެރެއިން މަރުވެފައި ވަނީ 500 ވަރަކަށް ސިފައިން ކަމުގައެވެ.
އެމެރިކާ ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި ދެފާރަތުންވެސް މަރުވެފައިވާ ސިފައިންގެ އަދަދާއި ގުޅޭގޮތުން ހާމަކުރަމުންދަނީ އެންމެ ސައްޙަ މައުލޫމާތެއް ނޫނެނެވެ. އަދި އެމެރިކާއިން ހާމަ ކޮށްފައިވާ ގޮތުގައި، މި ހަގުރާމާގައި މިހާތަނަށް ޔޫކުރެއިންގެ 2،000 އައި 4،000 އާއި ދެމެދުގެ އަދަދެއްގެ ސިފައިވަނީ މަރުވެފައެވެ. އަދި އެމެރިކާގެ އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި، ހަގުރާމާގައި ރަޝިއާ ސިފައިންގެ 5،000 އާއި 6،000 އާއި ދެމެދުގެ އަދަދެއްގެ ސިފައިންވަނީ މަރުވެފައެވެ.
ރަޝިއާއިން ސިފައިން ޔޫކުރެއިންގެ ވެރިރަށާއި ދިމާލަށް ކުރިޔަށް ޖެހެމުން ދާއިރު، ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ، އެގައުމުގެ ވެރިރަށް ރަޝިއާ ސިފައިންގެ ބާރުގެ ދަށަށް ދިޔަ ނުދިނުމަށް މަރުވަންދެން ހަގުރާމަ ކުރައްވާނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ