ކޯވިޑް-19ގެ ހާލަތުގައި ރާއްޖެއާއި އެންމެ އަވަށްޓެރި އިންޑިއާގެ ވަރަށް ގިނަ ދީލަތި އެހީތަކެއް ލިބިފައި ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ވީޑިޔޯ މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޑިއާގެ ވަރަށް ގިނަ ދީލަތި އެހީތަކެއް، މިދިޔަ ދެ އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ލިބިފައިވާކަމަށެވެ. ރާއްޖެއިން ބޭސްފަރުވާއަށް ދާން ބޭނުންވާ ދިވެހިންނަށް ފަސޭހައިން އިންޑިއާއަށް ދެވޭނެގޮތްވެސް އެ ޤައުމުން ހަމަޖައްސައިދީފައިވާކަމަށާއި، މިއީ ކޯވިޑުގެ ތެރޭގައި އެހެން އެއްވެސް ޤައުމަކަށް އިންޑިއާއިން ނުދޭ ފުރުޞަތެއްކަމަށެވެ.
އެންމެ ގިނަ ޢަދަދަކަށް ކޯވިޑް ވެކްސިން ރާއްޖެއަށް ހަދިޔާކުރީ އިންޑިޔާ. އިޤްތިޞާދީ ގެއްލުން ކުޑަކުރުމަށް، 250 މިލިއަން ޑޮލަރުގެ ބޮންޑު އިންޑިއާއިން ވަނީ ގަނެފައި. ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ، ވަރަށް ގިނަ ސާމާނު ހަދިޔާކުރި. ފަތުރުވެރިކަން މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި، ރާއްޖެއަށް ޓްރެވަލް ކޮރިޑޯއެއް ހުޅުވައިދިން.
– ރައީސް ވިދާޅުވިއެވެ.
ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެންނައިރު، މި އަހަރުގެ ތެރޭގައި އެންމެ ހަލުވިކޮށް އިޤްތިޞާދު ކުރިއަރާނެ ކަމަށް، ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ފަސް ޤައުމުގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖެވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ޙަޤީޤީ ސިއްރަކީ ކޯވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރާއްޖޭގެ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެފަދައިން، އިޤްތިޞާދު އަލުން ކޮޅަށްޖެހުމުގައި، ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތައް ހިތްވަރާއި ޢަޒުމާއެކު، ވަރުބަލިވުމެއްނެތި ކުރި މަސައްކަތް. އެ ބުރަ މަސައްކަތަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ކޯވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވި ޞިއްޙީ ދާއިރާގެ އެންމެހައި ޚިދުމަތްތެރިން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީ. ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި، ދިވެހި ސިފައިންނާއި، ދިވެހި ފުލުހުންނާއި، އެހެން މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތް ކުރައްވާ ދަރުމަވެރިން ކުރެއްވި މިންނެތް މަސައްކަތް.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެ ހުރިހާ ބޭފުޅުންނަށްވެސް، ރާއްޖޭގެ ރައްޔިތުންގެ ނަމުގަޔާއި، އެމަނިކުފާނުގެ އަމިއްލަ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ. ހަމަ މިއާއެކު، ކޯވިޑާ ދެކޮޅަށް ރާއްޖެއިން ކުރި މަސައްކަތުގައި ރަޙްމަތްތެރި ޤައުމުތަކުން ވެދިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެ ހުރިހާ ޤައުމުތަކަށްވެސް ދިވެހި ރައްޔިތުންގެ ނަމުގައި ވަނީ ޝުކުރު ދަންނަވާފައެވެ. އޭގެ ތެރޭގައި އިންޑިއާ، ޖަޕާން، އެމެރިކާ، ޔޫ.އޭ.އީ، ޗައިނާ، ބަނގްލަދޭޝް އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި، އ.ދ.ގެ ބައެއް އިދާރާތަކުން ވެދިން އެހީތެރިކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ