މަނީ ލޯންޑަރ ކުރާ ސްކީމެއް ނުހިންގާކަމަށާއި، މައްސަލަ ބަލަށޭ ކިޔައިގެން މިހުން ބިރު ގަންނަވަނީކަމަށް މަރަދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ ރާއްޖޭގައި ބޮޑު ފްރޯޑެއް ހިންގާކަމުގެ ތުހުމަތުގައި އަލްހާންގެ ކުންފުނީގެ އެކައުންޓްތައް ފްރީޒް ކޮށް އެ މައްސަލަ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ބަލަން ނިންމުމުންނެވެ. އަލްހާން ވިދާޅުވީ، މަނީ ލޯންޑަރ ކުރާ ސްކީމެއް މިހާތަނަށް ހިންގާފައި ނުވާނެކަމަށެވެ. އަދި މައްސަލަ ބަލަށޭ ކިޔައިގެން މިހުން ބިރު ގަންނަވަނީ ނޫންތޯ ވިދާޅުވެ އަލްހާން ވަނީ ސުވާލު ކުރައްވާފައެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަރުކަޒީ ބޭންކު، އެމްއެމްއޭގެ އެތެރޭގައި އުފައްދާފައި އޮންނަ ޚާއްޞަ ޔުނިޓެކެވެ.
ފްރީޒްކޮށްފައިވަނީ އަލްހާން ފަހުމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ ނަމަކަށް ކިޔާ ކުންފުނީގެ އެކައުންތެވެ. ރާއްޖޭގައި ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނެ އެމްއެމްއޭއިން ވަނީ އާންމުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. މިއީ ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި، އއިން އިންވެސްޓުކޮށް، ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދޭނެ ކަމަށް ބުނެ ހިންގާ ސްކީމެކެވެ.
އަލްހާންގެ ކުންފުނީގެ އެކައުންޓް ފްރިޒްކުރުމާއި ގުޅިގެން އެކުންފުނިން ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ނުސީދާކޮށް އެކުންފުންޏަށް އަމާޒުކޮށް އެކުންފުނިން ފްރޯޑެއް ހަދަމުންދާ ކަމަށް ދޭހަވާގޮތަށް، އެކުންފުނި ބަދުނާމުވާގޮތަށް ބަޔާންނެރެ ގުޑްވިލް ހަލަކުކޮށްލާ، އަގުވައްޓާލާ އިތުބާރު ގެއްލޭ ގޮތަށް ނެރުނު އަންޕްރޮފެޝަނަލް ބަޔާނެއްކަމަށާއި، އެކަން ކުށްވެރިކުރާކަމަށެވެ.
އެމްއެމްއޭއިން ރޭ ނެރުނު ބަޔާނުގައި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ ޢާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސްބުކާއި ޓެލެގްރާމްފަދަ ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމްއެއްގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބެމުން އަންނަކަމަށެވެ.
މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، ޢާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށްކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.