ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދިޔަ ނަމަވެސް ސްޓެލްކޯއިން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އަގު ބޮޑު ނުކުރާނެކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފެލެމުންދާ ދިއުމާއި ގުޅިގެން ރާއްޖެއިންވެސް ތެޔޮ އަޅައިގެން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުން އަގުބޮޑު ކުރުމަށް ނިންމާފައިވާތީ ސްޓެލްކޯއިން ކަރަންޓުގެ އަގު ބޮޑުކޮށްފާނެތޯ އާންމުންގެ ސުވާލުތަކެއް ކުރިމަތި ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޝަރީފް ވިދާޅުވީ ތެލުގެ އަގު ބޮޑުވަމުން ދިޔަ ނަމަވެސް ސްޓެލްކޯއިން ފޮރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ އަގު ބޮޑު ކުރުމަށް ނިންމާފައި ނުވާކަމަށެވެ. ސަރުކާރުންވަނީ ފްލެޓް ރޭޓެއްގައި ސްޓެލްކޯ އަށް ތެޔޮ ފޯރުކޮށް ދިނުމުގެ އިންތިޒާމު ހަމަޖައްސާފައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ސްޓެލްކޯއަކީ މާލެ ސަރަހައްދާއި ރާއްޖޭގެ ބައެއް ރަށްތަކުގައިވެސް ކަރަންޓުގެ ޚިދުމަތް ދެމުންދާ ކުންފުންޏެވެ.
ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ސްޓެެލްކޯއިން ދޭ ކަރަންޓުގެ ޚިދުމަތުގެ އަގު ބޮޑު ނުކުރާނެ، ފްލެޓް ރޭޓެއްގައި ސްޓެލްކޯ އަށް ތެޔޮ ފޯރުކޮށް ދިނުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސައި ދީފަ.
– ޝަރީފް ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުންވެސް ޕެޓްރޯލް ވިއްކާއަގު ވަނީ ބޮޑުކޮށްފައެވެ. މިގޮތުން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 12.98 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 13.04 ރުފިޔާއަށްކަމަށެވެ.
ޖަނަވަރީ 21ވަނަ ދުވަހުވެސް އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައެވެ. އެއިރު ބޮޑުކުރީ ޕެޓްރޯލް ލީޓަރެއް 12.06 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 12.44 ރުފިޔާއަށެވެ. އެހެންކަމުން މިފަހަރު އަގު ބޮޑުކުރުމާއިއެކު ޕެޓްރޯލް ލީޓަރަކުން 0.98 ލާރި އަދި ޑީސަލް ލީޓަރަކުން 0.60 ލާރި ވަނީ ބޮޑުވެފައެވެ.
ކޮމެންޓު ފޮނުވާ