ހަނގުރާމައަށް ގޮސް، ހާލުގައި ޖެހުނު ދިވެހި އާއިލާއެއް ރާއްޖެ ގެނެސްފި

ހަނގުރާމައަށް ގޮސް، ހާލުގައި ޖެހުނު ދިވެހި އާއިލާއެއް ރާއްޖެ ގެނެސްފި

ބޭރުގެ ޤައުމުތަކަށް ހަނގުރާމައަށް ދިޔަ ދިވެހި އާއިލާތަކުގެ ތެރެއިން، ހާލުގައި ޖެހިފައިވާ އާއިލާތައް ރާއްޖެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާލުގައި ޖެހިފައިވާ ދެވެހި އާއިލާއެއް ރާއްޖެއަށް ގެނެއްފިއެވެ.

ހޯމް މިނިސްޓްރީން ބުނެފައިވަނީ މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދަތުރުކޮށްފައިވާ ދިވެހި ފިރިހެނުންނާއެކު ދަތުރުކުރި އެމީހުންގެ އަނބިންނާއި އެފަދަ އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިން، ހަނގުރާމާގައި ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕުތަކާއި އެފަދަ އެހެންތަންތަނުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ޙާލަތަށް ގޮސްފައިވާ ކަމުގެ ޝަކުވާ އެފަދަ ފަރާތްތައް ނިސްބަތްވާ އާއިލާތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި ސަރުކާރުގެ ކަމާގުޅުންހުރި ތަފާތު އިދާރާތަކަށް ކުރަމުންދާތީ، އަދި މިފަދަ މައްސަލަތަކަށް އެކަށީގެންވާ ޙައްލެއް ހޯދުމަކީ ސަރުކާރުގެ ރިޔާސީ ވަޢުދަކަށް ވާތީ ވޭތުވެދިޔަ ދުވަސްތަކުގައި މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށެވެ.

އެގޮތުން، ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ރާއްޖެއައިސް އެއްވެސް ބާވަތެއްގެ ޖިނާޢީ ތަކުލީފެއް އުފުލުމެއްނެތި ނުވަތަ ކަމާގުޅުންހުރި ރިހެބިލިޓޭޓިވް ޕްރޮގްރާމެއްގައި ބައިވެރިނުވެ އެފަދަ ފަރާތްތައް މީގެ ކުރިން މުޖުތަމަޢަށް ދޫވެފައިވާކަން ފާހަގަކުރެވި، އެ މައްސަލަ ނިމުމަކަށް ގެނައުމަށާއި، މިފަދަ ޙާލަތްތަކުގައި ވިކްޓިމައިޒްވާ އަންހެނުންނާއި ކުޑަކުދިންނަށް ބޭނުންވާ ދީނީ، އިޖުތިމާއީ އަދި ނަފްސާނީ ފަރުވާ ދެވޭނެހެން ޤާނޫނުތަކާއި ޤަވާޢިދުތައް އިސްލާހުކޮށް އެކަމަށް ބޭނުންވާ މަރުކަޒުތަކާއި ވަސީލަތްތައް ޤާއިމުކޮށް އެ ނިޒާމު ހިންގާނެ މީހުން ތަމްރީނުކުރުމުގެ މަސައްކަތް ވަނީ ކުރެވިފައިކަމަށެވެ.

މިމަސައްކަތް ކުރެވިފައިވަނީ އަދި މިހާރުވެސް ކުރެވެމުންދަނީ ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކާއި، ބައިންލްއަޤުވާމީ އެހީތެރިކަމާއި ލަފަޔާއި އިރުޝާދު އެކަށީގެންވާ މިންވަރަށް ލިބިގެން، އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ހަމަތަކަށް ރިއާޔަތްކޮށްގެންކަމަށވެެ.

ފަދައިން، ދިވެހިރައްޔިތުންގެ ތެރެއިން ބަޔަކު ރާއްޖެއިންބޭރުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ދަރަޖަޔަށް ގޮސްފައިވާތީ، އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން އަނބުރާ ދިވެހިރާއްޖެއަށްގެނެސް ޒިންމާދާރު ދިވެހިންގެ ގޮތުގައި އަލުންއަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތް ކުރެވި، އޭގެތެރެއިން ފުރަތަމަ އާއިލާ މިއަދުވަނީ ރާއްޖެއަށް ގެނެވިފައެވެ. މިއާއިލާގައި ހިމެނެނީ ދިވެހި އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ 4 ދަރިންނެވެ.

ކުޑަކުދިންނާއި އަނިޔާއަށް ހުށަހެޅިފައިވާ އަންހެނުންނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާޙަދާތަކުން ޚާއްސަ ސަލާމަތާއި ރައްކާތެރިކަން ދީފައިވާ ބަޔަކަށް ވާހިނދު، އެފަދަ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަކޮށް ޒާތީމައުލޫމާތު އާންމުކޮށް ފެތުރުމަކީ އެފަދަ ފަރާތްތަކުގެ އިންސާނީ ކަރާމަތަށް އުނިކަންލިބޭ، ޤާނޫނީގޮތުން މަނާކުރެވިފައިވާ، އަދި އެފަރާތްތައް އަލުންއަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭ ކަމެއްކަމުގައި ވާތީ، ޒިންމާދާރުކަމާއެކު މިކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މިމަސައްކަތުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ދިވެހިރާއްޖޭގެ ދާޚިލީސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދިވެހިރައްޔިތުންގެ އަސާސީ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށާއި، އެކިސަބަބުތަކާހުރެ މުޖުތަމަޢުން ހަވާސާވެފައިވާ ފަރާތްތައް ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން، އިސްލާހުކޮށް ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނައުން ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ތީ ބޮޑު ފަސާދައެއް. ތިބަޔަކު ގެންނާނެ ކަމެއްނެތް. ތިއުޅެނީ ބޮޑުންގެ މީހުނަތއް ގެންނަން.

Leave a Reply

Your email address will not be published. Required fields are marked *