ފާއިތުވެދިޔަ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ ދޭން ފެށިފަހުން މިހާތަނަށް އެގައުމުގެ 280 ސްކޫލު އަދި ތައުލުމީ ބިނާއެއް ބިމާއި ހަމަ ކޮށްފައިވާ ކަމަށް ޔޫކުރެއިންގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.
"ދުޝްމަނުންވަނީ އެއްވެސް ބެލުމެއް ނެތި، ކިންޑަރގާޑްންތަކާއި، ސްކޫލްތަކާއި، ވޮކޭޝަނަލް ސްކޫލްތަކާއި ކޮލެޖުތަކާއި، ޔުނިވަސިޓީތައް ބިމާއި ހަމަކޮށްލާފަ،" ޝެރްހީ ޝަރލެޓް ވިދާޅުވެފައި ވެއެވެ.
"އެހެންނަމަވެސް، އެންމެ ވޭންދެނިވި ގެއްލުމަކީ، ދުޝްމަނުންގެ ހަމަލާތަކުން އަހަރެމެންގެ ރައްޔިތުން މަރުވަމުން ދިއުން."
ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމުގައި ހިންގަމުންދާ އުދުވާންގައި މިހާތަނަށް އާންމު ރައްޔިތުންގެ އެތައް ސަތޭކަ މީހަކު މަރުވެ، 2 މިލިއަނަށްވުރެ ގިނަ މީހުންވަނީ އެގައުމު ދޫކޮށް އަވައްޓެރި ގައުމުތަކަށް ހިޖުރަ ކޮށްފައެވެ.
އަދި ޔޫކުރެއިންގެ ވެރިރަށް ހިފުމަށް ރަޝިއާއިން ދެމުންދާ ހަމަލާތަކުގައި އެގައުމުގެ އަސްކަރިއްޔާއިންވަނީ ޔޫކުރެއިންގެ ޕޯޓު ސިޓީއެއް ކަމުގައިވާ މަރިއުޕޯލް ވަށާލާފަައެވެ. ރަޝިއާގެ އަސްކަރިއްޔާއިން މި ސިޓީއަށް ދެމުންދާ ހަމަލާތަކުގައި އިއްޔެވަނީ މިސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ހަމަލާ ދީފައެވެ. މި ހަމަލާގައި 3 މީހަކުވަނީ މަރުވެފައެވެ.
ރަޝިއާގެ އަސްކަރިއްޔާއިން މަރިއުޕޯލްގެ ހޮސްޕިޓަލަށް ދިން ހަމަލާއަކީ ހަގުރާމައިގެ ޖަރީމާއެއްކަމުގައި ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެފައި ވާއިރު، ދުނިޔޭގެ ގައުމުތަކުންދަނީ ރަޝިއާގެ މިހަމަލާ ކުށްވެރި ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ