ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅޭގޮތުން، ތުރުކީގައި ބޭއްވިގެންދިޔަ ރަޝިއާއި ޔޫކުރެއިންގެ ޚާރިޖީވަޒީރުންގެ ބައްދަލުވުމުން ކުރިއެރުމެއް ލިބިގެން ގޮސްފައި ނުވާކަމުގައި ޔޫކުރެއިންގެ ޚާރިޖީ ވަޒީރު ޑިމިޓްރޯ ކުލެބާ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި، 24 ގަޑިއިރަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި ގުޅޭގޮތުން އޭނާ މަޝްވަރާ ކުރެއްވި ކަމަށާއި، އެހެންނަމަވެސް، ކުރިއެރުން ނުލިބި، މި ބައްދަލުވުމުގައި ރަޝިއާގެ ޚާރިޖީ ވަޒީރުވަނީ އެގައުމުން ހިންގަމުންދާ އުދުވާން ދިފާޢު ކުރައްވާފައެވެ. އަދި، ރަޝިއާގެ ހަމަލާތައް ކުރިޔަށްދަނީ ޕްލޭން ކުރެވިފައިވާ ގޮތަށް ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސާރގޭ ލާވްރޯވް ވިދާޅުވެފައިވާކަމަށްވެސް މި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުލެބާ ވިދާޅުވެފައި ވެއެވެ.
ރަޝިއާގެ ޚާރިޖީ ވަޒީރާއި ޔޫކުރެއިންގެ ޚާރިޖީ ވަޒީރު ތުރުކީގައި މިއަދު ބޭއްވި މި ބައްދަލުވުމަކީ، ފާއިތުވެދިޔަމަހުގެ 24ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިފަހުން، ދެގައުމުގެ މެދުގައި ބޭއްވިގެންދިޔަ މިފެންވަރުގެ ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުމަށްފަހު، ޔޫކުރެއިންގެ ކުލެބާ ވިދާޅުވެފައިވަނީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅޭގޮތުން އެއްވެސް ޔަގީންކަމެއް ރަޝިއާގެ ލާވްރޯވްގެ ފަރާތުން ލިބިގެން ނުދިޔަ ކަމުގައެވެ.
ޔޫކުރެއިންގައި މިހާރު ކުރެވެމުންދާ ހަގުރާމާގައި، ރަޝިއާއިން ހިސާރު ކޮށްފައިވާ އެގައުމުގެ ޕޯޓު ސިޓީއެއް ކަމުގައި މަރިއުޕޯލްގައި ހައްޔަރުވެގައިވާ އެތައްހާސް ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ވަނީ ފޯރުކޮށްދޭން ޖެހިފައެވެ.
"ބެލެވޭގޮތުގައި، ނިންމުމެއް ނިންމުމަށް ރަޝިއާގެ އެހެން ފަރާތްތަކުން އާ ބަސް ބޭނުންވޭ،" ރަޝިއާގެ ރައީސް ޕުޓިންއަށް އިޝާރާތް ކުރައްވަމުން ކުލެބާ ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިބައްދަލުވުން ދިޔައީ އުދަގޫ ބައްދަލުވުމެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ