އެމެރިކާގެ ރައިސް ޖޯ ބައިޑްން

އެމެރިކާއިން ރަޝިއާގެ ގޭހާއި ތެޔޮ ގަތުން ހުއްޓާލުމަށް ނިންމައިފި

އެމެރިކާއިން ރަޝިއާގެ ގޭހާއި ތެޔޮ ގަތުން ހުއްޓާލުމަށް ނިންމައިފި

އެމެރިކާއިން ރަޝިއާގެ ގޭހާއި ތެޔޮ ގަތުން ހުއްޓާލުމަށް ނިންމައިފިކަން އެމެރިކާގެ ރައީސް ޖޯ ބައިޑްން އިއުލާން ކުރައްވައިފި އެވެ. ބައިޑްން ވިދާޅުވި ގޮތުގައި އެމެރިކާއިން ރަޝިއާގެ ތެލާއި ގޭސް އިމްޕޯޓުކުރުން ހުއްޓާލުމަށް ނިންމީ، ރަޝިއާގެ ރައީސް ލާޑިމިރް ޕުޓިން ޔޫކުރެއިންގައި ހިންގާ ޖަރީމާތައް ހުއްޓުމަކަށް ގެނައުމުގެ މަގުސަދުގައި ކަމުގައެވެ.

އަދި ބައިޑްން ވިދާޅުވި ގޮތުގައި މި ފިޔަވަޅުގެ ބޭނުމަކީ ރަޝިއާގެ އިގްތިސާދުގެ ލޭނާރަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ކަމުގައެވެ.

"އަހަރެމެން މި މަނާކުރަނީ ރަޝިއާގެ ތެލާއި ގޭސް އަދި ހަކަތައިގެ އެއްވެސް ބާވަތެއް އެމެރިކާއަށް އިމްޕޯރޓު ކުރުން. އޭގެ މާނައަކީ، މިއަށްފަހުގަ އެމެރިކާގެ ޕޯޓުތަކުން ރަޝިއާގެ ތެޔޮ ބަލައެއް ނުގަންނަނާނެ. އަދި އެމެރިކާގެ ރައްޔިތުން، ޕުޓިންގެ ހަނގުރާމައިގެ މެޝިނަރީއަށް ވީހާވެސް ބޮޑު ގެއްލުމެއް ދޭނެ،" ބައިޑްން ވިދާޅުވެފައި ވެއެވެ.

ރަޝިއާގެ ރައީސްގެ އަމުރަށް އެގައުމުގެ އަސްކަރިއްޔާ ފާއިތުވި ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ޔޫކުރެއިންއަށް އަރާ އެގައުމަށް އުދުވާނީ ހަމަލާ ދޭން ފެށުމާއި ގުޅިގެން، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުންނާއި އަދި ޔޫކުރެއިން ސަރުކާރުންވެސް ދަނީ ޔޫރަޕާއި އެމެރިކާއިން ރަޝިއާގެ ތެލާއި ހަކަތަ ގަތުން ހުއްޓާލުމަށް ގޮވާލަމުންނެވެ.

އެހެންނަމަވެސް، ހުޅަނގުގެ ގައުމުތަކާއި އަދި ޚާއްސަކޮށް ޔޫރަޕްގެ ގައުމުތަކަކީ އެގައުމުތަކަށް ބޭނުންވާ ހަކަތައްއަށް ރަޝިއާގެ ތެލާއި ގޭހަށް ވަރަށް ބޮޑަށް ބަރޯސާ ވާންޖެހޭ ގައުމުތަކަކަށް ވުމާއި ގުޅިގެން، މިގައުމުތަކުން އަންނަނީ މިފަދަ ފިޔަވަޅެއް އެޅުމަށް ފަސް ޖެހެމުންނެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޚާއްސަ ގޮތެއްގައި، ރަޝިއާގެ ހަކަތަ ލިބުން މެދު ކެނޑިއްޖެނަމަ، ޔޫރަޕްގެ ގައުމުތަކަށް ގޭހާއި ތެޔޮ ހެޔޮ އަގުގައި އެތެރެ ކުރެވޭނެ އެހެން މަގުތަކެއް އަދި ފަހިވެފައި ނެތުމެވެ.

ޔޫރަޕަށް ބޭނުންވާ ޖުމްލަ ހަކަތައިގެ %40 އަކީ ރަޝިއާއިން ފޯރު ކޮށްދޭ ހަކަތައެވެ.

އެމެރިކާއަކީ ޔޫރަޕާއި އެއްވަރަށް ރަޝިއާގެ ތެލާއި ގޭހަށް ބަރޯސާވާ ގައުމެއް ނޫނެވެ. މިގޮތުން 2021 ވަނަ އަހަރު އެމެރިކާއަށް އެވްރެޖްކޮށް ދުވާލަކު ރަޝިއާއިން އެތެރެ ކޮށްފައި ވަނީ 290،000 ފީފާގެ ތެލެވެ. އެމެރިކަން ފިއުލް ޕެޓްރޯކެމިކަލް މެނުފެންޗަރަރސް (AFPM) ޓްރޭޑް އެސޯސިއޭޝަންއިން ހާމަ ކޮށްފައިވާ ގޮތުގައި މިއީ އެމެރިކާއަށް ބޭނުންވާ ތެލާއި ހަކަތައިގެ %3 އެވެ.

އެހެންނަމަވެސް، ޔޫރަޕްގައި ބޭނުންކުރާ ގުދުރަތީ ގޭހުގެ %35 އަކީ ރަޝިއާއިން ސަޕްލައި ކޮށްދޭ ހަކަތައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *