ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ފޮނުވާލުމަށް އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން މުޅި ރާއްޖޭގައި ހިންގާ ކެމްޕެއިންގެ ޚާއްސަ ހަރަކާތެއް މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
"ނޭވާހޮޅިއަށް" މިނަމުގައި މިމަހުގެ 25 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިހަރަކާތަކީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ ބޮޑު އެއްވުމެއް ކަމުގައި އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. މިއެއްވުމަށް ވާންޖެހޭ ތައްޔާރީތައް އިދިކޮޅު ކޯލިޝަނުން ދަނީ ވަމުންނެވެ. އަދި މި ހަރަކާތާއި ގުޅޭ ޚާއްސަ ވީޑިއޯއެއްވެސް ވަނީ އާންމުކޮށްފައެވެ.
މާލޭގައި މިމަހުގެ 25 ވަނަ ދުވަހު ޚާއްސަ ހަރަކާތެއް ބާއްވާއިރު މިހަރަކާތާއި ގުޅޭ ތަފްސީލްތައް ކުރިއަށް ދުވަސްތަކުގައި ދޭނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި އިދިކޮޅުން އަތޮޅު ތެރޭގައި ހިންގާ ކެމްޕެއިންގައި މިހަފްތާގެ ހުކުރު ދުވަހު އދ.މަހިބަދޫގައި ޚާއްސަ އެއްވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މިހަރަކާތުގައި ޕީޕީއެމްގެ ރައީސް ޔާމީނާއި، އެޕާޓީގެ ލީޑާރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި ތިބި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ޤާނޫނަށް ހެދުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި ޗެނަލް-13ގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގުޅުން އޮތް ޤައުމީ ހަރަކާތެއްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ފުލް ކޮންޓްރޯލް އޮތުމުން ޤާނޫނު ހެދިދާނެކަމަށާއި، ނަމަވެސް ދިވެހި ފަސްގަނޑުގައި އިންޑިއާގެ އަސްކައްރިއްޔާ ތިބުމަކީ ދިވެހި ރައްޔިތުން ޖާގަ ދޭނެކަމެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލްގެ ނަމުގައި ބިލެއް މިހާރު އެވަނީ ޑްރާފްޓް ވެސް ކޮށްފައެވެ. އެ ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް އޮތީ ހިމަނާފައެެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އިންޑިއާއަށް އެކަނި ބަރޯސާވެ، އިންޑިއާގެ ސިފައިން ރާއްޖޭގައި ބައިތިއްބައިގެން ރާއްޖޭގެ ބޯޑަރު ބަލަހައްޓާކަމަށް ދައްކާ ވާހަކަތަކީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫންކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތައްވެސް މިވަސީލަތްތަކާއި، މިތަޖުރިބާހުރި ޤައުމުތައް ހުރިއިރު، އެހެން ޤައުމުތަކާއިއެކު މިގުޅުން ނުބާއްވަނީ ކީއްވެތޯ މިއަދު ސުވާލު އުފެދޭކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާގެ މަސައްކަތްތެރިންނަށް އެއްވެސް ގޮތަކަށް ހުރަހެއް އޮތް ހަރަކާތެއް ނޫންކަމަށެވެ. މިހަރަތަކާރަކީ ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާ ތިބުމުން ދިވެހިންގެ މިނިވަންކަމަށް ހިންގާ ހަރަކާތެއްކަމަށެވެ. މިހަރަކާތުގެ ސަބަބުން އިންޑިއާ މަސައްކަތްތެރިން ބުރުގަންނަ ކަމަށް މިހާރު މާގަދަޔަށް ވާހަކަ ދައްކަނީ މިހަރަކާތް ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތިގެންކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މިހާތަނަށްވެސް މިހަރަކާތް ހުއްޓުމަށް ސަރުކާރުން އެކި ގޮތްގޮތުން މަސައްކަތް ކުރިކަމަށެވެ. އެގޮތުން މަތުމަތިންވެސް މީހުން ހައްޔަރުކޮށް، އިންޑިއާ ޓީޝާޓު ލައިގެން ހުރުމުން ޓީޝާޓު އިރާލައިވެސް ކަންތައް ކުރިކަމަށވެެ. ނަމަވެސް މިހަރަކާތެއް ނުހުއްޓުވުނުކަމަށެވެ. މިހަރަކާތް ހުއްޓުވޭނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން މިފަސްގަނޑުން ފޭބުމުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ