އައްޑޫ ޕޮލިސް އެކަޑަމީ މިމަހު 27 ގައި ހުޅުވަނީ

އައްޑޫ ޕޮލިސް އެކަޑަމީ މިމަހު 27 ގައި ހުޅުވަނީ

އައްޑޫގައި ޤާއިމުކުރާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓް، މިމަހުގެ 27 ވަނަ ދުވަހު ހުޅުވުމަށް ނިންމައިފިއެވެ.

މީގެ ކުރިންވެސް މިތަން ހުޅުވުމަށް އެކި ތާރީޚުތަކެއް ދިން ނަމަވެސް، ކޯވިޑާއެކު ޕްރޮޖެކްޓުގެ މަސައްކަތަށް ވަރަށް ބޮޑެތި ލަސްވުންތަކެއް ވަނީ އައިސްފައެވެ. އެގޮތުން މަސައްކަތް ނިންމުމަށް ބޭނުންވާ މަސައްކަތު މީހުން ނުގެނެވި ގިނަ ދުވަސްތަކެއް ވެގެން ދިޔައިރު، މަސައްކަތް ކުރުމަށް ގެނައި މީހުންގެ ތެރޭގައިވެސް ކޯވިޑް ކޭސްތަކެއް ފެނުމުން މަސައްކަތް ކުރިއަށް ގެންދިއުން ހުއްޓިގެން ދިޔައެވެ.

ކަމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އައްޑޫގައި ގާއިމްކޮށްފައިވާ ޕޮލިސް އެކަޑަމީގެ ހުރިހާ މަސައްކަތްތަކެއް ނިމި މިމަހުގެ 27 ވަނަ ދުވަހު ޚާއްސަ ރަސްމިއްޔަތަކާއިއެކު އެކަޑަމީ ހުޅުވުމަށް ހަމަޖެހިފައިވާކަމަށެވެ.

ރާއްޖޭގެ ތަންފީޒީ އިދާރާތަކަށް ހާއްސަ ކުރެވިގެން ހަދާ މިތަނުގައި، 340 މީހުންނަށް އެއްފަހަރާ މިތަނުގައި ތިބެގެން ތަމްރީނު ފުރިހަމަކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިތަނުގައި ސިއްޙީ ފަރުވާދޭނެ ތަންތަނާއި ކުޅިވަރާއި ތަމްރީނުތަކަށް، 800 މީހުންގެ ޖާގައިގެ ޖިމްނޭޒިއަމްއަކާއި، ބާސްކެޓު، ޓެނިސް އަދި ފުޓްބޯޅަ ގްރައުންޑަކާއިިއެކު، 400 މީޓަރުގެ ދުވާ ޓްރެކެއް ހިމެނެއެވެ. އަދި ހެލިކޮޕްޓަރު ޖެއްސުމަށް ހެލިޕޭޑެއްވެސް އޮންނާނެއެވެ. މީގެ އިތުރުން ކިޔަވައި ދިނުމަށް 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ކުލާސް ރޫމްތައް ހުންނާނެއެވެ.

އައްޑޫ ސިޓީގައި ޤާއިމްކުރާ ޕޮލިސް އެކެޑަމީގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. މަޝްރޫއުގެ ނިމޭއިރު މަޝްރޫއަށް 40 އާއި 42 މިލިއަން ޑޮލަރާ ދެމެދު ޙަރަދުވާނެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މިތަން ނިމުމަށްފަހު މިތަނުގެ ހުރިހާކަމެއް ފުލުހުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، މިތަނުގެ ފައިދާ މުޅި އައްޑޫ ސިޓީ އަދި ރާއްޖޭގެ ތަންފީޒީ ހުރިހާ އިދާރާއަކަށް ލިބިގެން ދާނެއެވެ. މިއީ ރާއްޖޭގައިވެސް ޤާއިމު ކުރެވޭ މިފަދަ އެންމެ ބޮޑު ތަމްރީނު މަރުކަޒެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *