އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިޚާބުގައި، ޑެޕިއުޓީ ލީޑަރުންގެ މަޤާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ވޯޓު އެއްވަރުވި އަލުން ބޭއްވި އިންތިޚާބު ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކާމިޔާބު ކޮށްފިއެވެ.
އޭނާ މިއިންތިޚާބު ކާމިޔަބު ކުރީ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބާއި ވާދަކޮށެވެ. މިއަދު މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކުރިއަށް ދިޔަ މިވޯޓުގައި 65 މެމްބަރުން ހިމެނޭ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ 63 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ހުސެއިން ޝަހީމް މިއިންތިޚާބު ކާމިޔާބު ކުރެއްވީ 38 މެމްބަރުންގެ ވޯޓުންނެވެ.
މިއިންތިޚާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ. މިއިންތިޚާބު ހުސެއިން ކާމިޔާބު ކުރެއްވީ 13 ވޯޓުގެ ތަފާތުންނެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިޚާބުގައި، އާލީ އާޒިމްއާއި ވާދަކޮށް އެމްޑީޕީގެ ޕީޖީ ލީޑަރުކަން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ކާމިޔާބުކޮށްފައެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުގެ އިންތިޚާބު އަސްލަމް ކާމިޔާބު ކުރައްވާފައި ވަނީ ޕީޖީ ގުރޫޕުގެ 40 މެމްބަރުންގެ ވޯޓު ހޯއްދަވައިގެންނެވެ. އަސްލަމްއާއި ވާދަކުރެއްވި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ލިބިފައިވަނީ 25 ވޯޓެވެ. ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ހޮވިފައިވަނީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންއެވެ.
ކޮމެންޓު ފޮނުވާ