އެންޓަރޓެއިންމަންޓް ދާއިރާގައި މަޝްހޫރު ދެ ޕްލެޓްފޯމް ކަމުގައިވާ މަޝްހޫރު ނެޓްފްލިކްސްއާއި އަދި ޓިކްޓޮކް ރަޝިއާގަ ސްޓްރީމްކުރުން ހުއްޓަމަކަށް ގެނައުމަށް ނިންމާފައި ވާކަން އިއުލާން ކޮށްފިއެވެ.
ރަޝިއާއިން ފާއިތުވެދިޔަ ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ޔޫކުރެއިންއަށް އަރާ ދޭންފެށި އުދުވާނީ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ ބޮޑެތި މަޝްހޫރު އެތައް ވިފަރާތިތަކާއި ކުންފުނިތަކުން ދަނީ ރަޝިއާގައި ހިންގަމުން އައިސްފައިވާ ވިޔަފާރިތަކާއި އެހެނިހެން އޮޕަރޭޝަންތައްވެސް ހުއްޓުމަކަށް ގެންނަމުންނެވެ.
ދުނިޔޭގެ މިވަގުތު އެންމެ ބޮޑު އެއް ސްޓްރީމިން ޕްލެޓްފޯމްކަމުގައިވާ ނެޓްފްލިކސްއިން ކުރިންވަނީ، ރަޝިއާގައި ކުރިޔަށް ރޭވިފައި ހުރި ހުރިހާ ޕްރޮޖެކްޓުތަކެއް ހުއްޓުމަކަށް ގެންނާނޭކަން އިއުލާން ކޮށްފައެވެ. އެހެންނަމަވެސް އެކުންފުނިންވެސް އެންމެ ފަހުންވަނީ ރަޝިއާގެ މިހާރުގެ ހާލަތަށް ބަލާ، އެގައުމުގައި ދެމުންއައި ސްޓްރީމް ކުރުމުގެ ޚިދުމަތްވެސް މިހާރު ހުއްޓާލުމަށް ނިންމާފައިވާކަން ހާމަ ކޮށްފައެވެ.
ނެޓްފްލިކްސްގެ އިތުރުން، މަޝްހޫރު ޓިކްޓޮކުންވެސް ވަނީ މި ޕްލެޓްފޯމުގެ ލައިވް ސްޓްރީމްއާއި އަދި އެ ޕްލެޓްފޯމުގެ ވީޑިއޯ ސާރވިސްގައި ހިމެނޭ ކޮންޓެންޓްތައްވެސް ރަޝިއާގައި ގެނެސްދިނުން ހުއްޓުމަކަށް ގެނައުމަށް ނިންމާފައިވާކަން ހާމަ ކޮށްފައެވެ. ޓިކްޓޮކުން ހާމަ ކޮށްފައިވާ ގޮތުގައި، "ފޭކް ނިއުސް"ތައް ގެނެސްދޭކަމަށް ރަޝިއާ ސަރުކާރުން ދެކޭ ކޮންމެ މީހަކަށް އަދި މީޑިއާތަކުގެ މުވައްޒިފުންނަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ފާއިތުވެދިޔަ ހަފްތާގައި ރަޝިއާގައި ފާސްކޮށްފައިވާ ގާނޫނުގެ ސަބަބުން އެގައުމުގައި އެ ޕްލެޓްފޯރމަށް އިތުރަށް މަސައްކަތް ކުރެވެން ނެތްކަމުގައެވެ.
ރަޝިއާއިން ޔޫކުރެއިންއަށް އެރުމާއި ގުޅިގެން ދުނިޔޭގެ ގިނަ އަދަދެއްގެ ބޮޑެތި ކުންފުނިތަކުންވަނީ ރަޝިއާގައި ހިންގަމުން އައި ވިޔަފާރިތައް ހުއްޓާލާފައެވެ. މީގެތެރޭގައި ކާރު އުފައްދާ ބޮޑެތި ކުންފުނިތައް ކަމުގައިވާ ޓޮޔޯޓާއާއި މަޒްޑާ ހިމެނޭއިރު، މުޅި ދުނިޔޭގައި ފަރނީޗަރު ވިޔަފާރި ކުރާ އިކިއެއަރއާއި، އަދި މާސްޓަރ ކާޑާއި ވިސާރ ކާޑުގެ ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުނިވެސް ހިމެއެވެ. އަދި ބައިނަލްއަގުވާމީ ގިނަ މީޑިއާތަކުންވެސް ވަނީ ރަޝިއާގައި ހިންގަމުން އައި އޮފީސްތައް ބަންދު ކޮށްފައެވެ.