ރައީސް ޒެލެންސްކީ ހަނގުރާމާގައި މަރުވެއްޖެނަމަ، ސަރުކާރު ދަމަހައްޓާނޭ ގޮތުގެ ޕްލޭނެއް ހަދާފަ އެބައޮތް: ބްލިންކަން

ރައީސް ޒެލެންސްކީ ހަނގުރާމާގައި މަރުވެއްޖެނަމަ، ސަރުކާރު ދަމަހައްޓާނޭ ގޮތުގެ ޕްލޭނެއް ހަދާފަ އެބައޮތް: ބްލިންކަން

Author
ހުސެއިން
06 މާރޗް 2022 10:00
0

ޔޫކުރެއިންގައި މިހާރު ހިގަމުންދާ ނުރައްކާތެރި ހަގުރާމައިގައި އެގައުމުގެ ރައީސް ޒެލެންސްކީ މަރުވެއްޖެނަމަ، ސަރުކާރު ދަމަހައްޓާނޭ ގޮތުގެ ޕްލޭންއެއް ޔޫކުރެއިންގެ ސަރުކާރުން އެކުލަވާލާފަ އެބައޮތް ކަމުގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވިދާޅުވެއްޖެއެވެ.

ބްލިންކަން މިހެން ވިދާޅުވެފައިވަނީ ސީބީއެސް ނިއުސްގެ "ފޭސް ދަ ނޭޝަން" ޕްރޮގްރާމަށް މި ހަފްތާގެ އާދީއްތަ ދުވަހު ދެއްވި އިންޓަރވިއުއެއްގައެވެ.

"ޔޫކުރެއިންގައި އެބައޮތް ޕްލޭންއެއް ހަދާފަ، އެގައުމުގެ ސަރުކާރު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އޮތް ޕްލޭނެއް، އެހެންނަމަވެސް އޭގެ ތަފްސީލްތަކަށް ދާކަށް އަހަރެން ނެތިން،" ބްލިންކަން ވިދާޅުވެފައި ވެއެވެ.

އަދި އިންޓަވިއުގައި ބްލިންކަންވަނީ، މިކާރިސާގައި ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ދައްކަވަމުން ގެންދަވާ ލީޑަރޝިޕަށް ވަަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

"ރައީސް ޒެލެންސްކީ ދައްކަވަމުން ގެންދަވާ ލީޑަރޝިޕް، އަދި ޔޫކުރެއިންގެ މުޅި ސަރުކާރު ދައްކަވަމުން ގެންދަވާ ލީޑަޝިޕު އެއީ އާދަޔާއި ޚިލާފު ހިތްވަރެއް. ޔޫކުރެއިންގެ ރައްޔިތުންނަށް ލިބިގެންދާ ހިތްވަރަކީ މި ލީޑަރޝިޕްގެ ސަބަބުން ލިބިގެން ގޮސްފައިވާ ހިތްވަރެއް،" ބްލިންކަން ވިދާޅުވެފައި ވެއެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށުމާއެކު ޔޫކުރެއިންގެ ރައީސް ވިދާޅުވެފައިވަނި ރަޝިއާގެ އެންމެ އިސް އަމާޒަކީ އޭނާ ކަމަށާއި، އަދި ދެވަނަ އަމާޒަކަށް ހަދާފައިވަނީ  އޭނާގެ އާއިލާ ކަމުގައެވެ. އަދި އެމެރިކާއިންވަނީ އޭނާއަށް އެމެރިކާގައި ރައްކާތެރިކަން ދިނުމަށްވެސް ހުށަހަޅާފައެވެ.

އެހެންނަމަވެސް، ޒެލެންސްކީވަނީ، ހަނގުރާމާއިގެ ހާލަތުގައި ޔޫކުރެއިން ދޫކޮށް ވަޑައި ނުގަންނަވާނޭކަމަށް ވިދާޅުވެ، ރަޝިއާގެ އަސްކަރިއްޔާއާއި ހަގުރާމަކުރުމަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ.

"ހަގުރާމަ މިއޮތީ މިތާގަ. އަހަރެން ބޭނުމީ ހަތިޔާރު، ފިލައިގެން ދާކަށް ނޫން"

އެގައުމު ދޫކޮށް އެމެރިކާއަށް ދިއުމަށް ވޮޝިންގޓަން ދިން ދައުވަތު ގަބޫލު ނުކުރައްވާ ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވިކަމަށް، މައުލޫމާތު އެނގިހުރި އެމެރިކާގެ އިންޓެލިޖަންސް އޮފިޝަލަކާ ހަވާލާދީ އެސޯޝިއޭޓް ޕްރެސްއިން ރިޕޯޓު ކޮށްފައި ވެއެވެ.

އެމެރިކާގެ ވޮޝިންގޓަން ޕޯސްޓުންވެސް، ޔޫކުރެއިންއާއި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޔޫކުރެއިން ދޫކޮށް ދިއުމަށް ޒެލެންސްކީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ އޮތީ ތައްޔާރަށެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާންއާއި ދެކޮޅަށް ޒެލެންސްކީ ދައްކަވާފައިވާ ހިތްވަރަށް ސޯޝަލް މީޑިއާގައިވަނީ އޭނާއަށް ގިނަބަޔަކު ތައުރީފް ކޮށްފައެވެ.

ކުރިން، ހެއްވާ މަޖާބައި ކުޅެމުންއައި ފިލްމީ ތަރިއެއް ކަމުގައިވާ ޒެލެންސްކީ މިހާތަނަށް ވިދާޅުވަމުން ގެންދަވާފައިވަނީ، އެންމެ ފަހު ނޭވައާއި ހަމައަށްވެސް ރަޝިއާއާއި ދެކޮޅަށް ހަގުރާމަ ކުރައްވާނެ ކަމަށެވެ.

ކަލޭމެން އަހަރެމެންނަށް ހަމަލާދީފިނަމަ ކަލޭމެންނަށް ފެނިގެންދާނީ އަހަރެމެންގެ މޫނުތައް، އަހަރެމެން ފުރަގަހެއް ނުދޭނަން.

ޒެލެންސްކީ މީގެކުރިން ވިދާޅުވެފައި ވެއެވެ.

ޒެލެންސްކީވަނީ، އޭނާ ގައުމު ދޫކޮށް ފިލާފައި ނުވާކަން ޔަގީން ކޮށްދިނުމުގެ ގޮތުން، ހަގުރާމަ ފެށުނު ހަފްތާގައި އަރިސް ބޭފުޅުންނާއެކު ވެރިރަށުގައި ކޮށްފައިވާ ވީޑިއޯއެއް ފޭސްބުކުގައި އާންމު ކޮށްފައެވެ.

"އަރެމެން މިތިބީ މިތަނުގައި،" ޒެލެންސްކީ ވިދާޅުވެފައި ވެއެވެ. "އަހަރެމެން ތިބޭނީ މި ގޮތުގައި".

ގައުމު ދޫކޮށް ފިއްލަވާ ވަޑައި ނުގަންނަވާކަން ޔަގީން ކޮށްދިނުމުގެ ގޮތުން، ޔޫކުރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ މިހަފްތާގައިވެސް އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ވީޑިއޯއެއް އާންމު ކުރައްވާފައި ވެއެވެ. މި ވީޑިއޯގައި ޒެލެންސްކީ ވިދާޅުވެފައިވަނީ އޭނާ އަދިވެސް ހުންނެވީ ވެރިރަށް ކީވްގައި ކަމަށާއި، ގައުމު ދޫކުރައްވާ ފިއްލަވާ ވަޑައި ނުގަންނަވާ ކަމުގައެވެ.

"ކޮންމެ ދެދުވަހަކުން އެއްދުވަހު، މައުލޫމާތު އެބަ ފެތުރޭ އަހަރެން ކޮންމެވެސް ތަނަކަށް ފިލާފައިވާ ކަމުގެ– ޔޫކުރެއިން ދޫކޮށް، ކީވް ދޫކޮށް، އޮފީސް ދޫކޮށް ހިގައްޖެ ކަމުގެ، މިހީރީ ފެންނަން، އަހަރެން މިހިރީ އަހަރެންގެ އޮފީހުގައި، އެންޑްރީ ބޮރިސޮވިޗް (ޒެލެންސްކީގެ ޗީފް އޮފް ސްޓާފް)ވެސް މިހިރީ މިތާގައި. އެއްވެސް މީހަކު އެއްވެސް ތަނަކަށް ފިލައިގެން ގޮސްފައެއް ނުވޭ. އަހަރެމެން މިތިބީ މަސައްކަތުގައި،" މި ވީޑިއޯގައި ޒެލެންސްކީ ވިދާޅުވެފައި ވެއެވެ.

"އަހަރެމެން ވަރަށް ބޭނުންވޭ ޖޮގިންއަށް ދާން، އެހެންނަމަވެސް މިހާރަކު ވަގުތެއް ނުވޭ، ކާޑިއޯ އެކްސެޒައިޒްތައް ހަދާކަށް ވަގުތެއް ނުވޭ،" މަޖަލަށް ވާގޮތަށް ޒެލެންސްކީ ވިދާޅުވިއެވެ. "މިތިބީ މަސައްކަތުގައި، ކުރިޔަށް ޔޫކުރެއިން."

ޒެލެންސްކީގެ އަންބަކާއި ދެކުދިން ތިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.