ހަގުރާމައާއި ދެކޮޅަށް ރަޝިއާގައި މުޒާހިރާކޮށްގެން 3،500 މީހުން ހައްޔރު ކޮށްފި

ހަގުރާމައާއި ދެކޮޅަށް ރަޝިއާގައި މުޒާހިރާކޮށްގެން 3،500 މީހުން ހައްޔރު ކޮށްފި

Author
ހުސެއިން
06 މާރޗް 2022 09:26
0

ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންގެ އަމުރަށް އެގައުމުގެ ސިފައިން ޔޫކުރެއިންއަށް އަރާ ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ރަޝިއާގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްދިޔަ މުޒާހިރާތަކުގައި 3،500 މީހުން ހައްޔަރު ކޮށްފައި ވާހަކަމަށް، ރަޝިއާގެ އޮތޯރިޓީތަކުން ފޯރުކޮށްދިން މައުލޫމާތުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ރަޝިއާގެ އިންޓީރިއަރ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ހަގުރާމައާއި ދެކޮޅަށް މުޒާހިރާކޮށްގެން، މޮސްކޯއިން 1،700 މީހުން ހައްޔަރު ކޮށްފައިވާއިރު، ސެއިންޓް ޕީޓަރސްބާރގްއިން 750 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި ރަޝިއާގެ އެހެން ހިސާބުތަކުން ވަނީ 1،061 މީހުން ހައްޔަރު ކޮށްފައި ވެއެވެ.

ރަޝިއާގައި ހިގާ މުޒާހިރާތަކުގެ މައުލޫމާތު ބަލަހައްޓާ އޯވީޑީ- އިންފޯ ޕްރޮޓެސްޓް މޮނިޓަރިން ގުރޫޕުން ހާމަކޮށްފައިވާ ގޮތުގައި، މުޒާހިރާތަކުގައި 49 ސިޓީއަކުން 2،578 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ގުރޫޕުންވަނީ ރެކޯޑު ކޮށްފައެވެ.

ރަޝިއާއިން މީގެ 11 ދުވަސްކުރިން ޔޫކުރެއިންއަށް ހަމަލާ ދޭން ފެށިފަހުން އެގައުމުގެ އެކި ކަންކޮޅުތަކުގައި ދަނީ މި ހަގުރާމައާއި ދެކޮޅަށް މުޒާހިރާ ކުރަމުންނެވެ. އަދި މި މުޒާހިރާތައް ރަޝިއާގެ ފުލުހުންދަނީ ވަރަށް އަނިޔާވެރިކޮށް ރޫޅާލަމުންވެސް މެއެވެ.

ޔޫކުރެއިންއަށް އަރާ، ރަޝިއާގެ އަސްކަރިއްޔާއިން އެގައުމަށް ދޭ ހަނގުރާމައިގެ ޚަބަރުތައް ރަޝިއާގެ އާންމު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން ހުއްޓުމަކަށް ގެނައުމުގެ ގޮތުން، ފާއިތުވެދުޔަ ހަފްތާގައި ރަޝިއާގެ ގާނޫނުހަދާ މަޖިލިސް، ޑޫމާއިން ވަނީ، "ފޭކް ޚަބަރުތައް" ބްރޯސްޓްކާސްޓު ކުރާ މީޑިއާތަކުގެ މުވައްޒިފުންނަށް ޖަލު ހުކުމް އަންނަ ގާނޫނެއް ފާސްކޮށްފައެވެ.

މި ގާނޫނު ޑޫމާއިން ފާސްކުރުމާއި ގުޅިގެން، ޔޫކުރެއިންއަށް ރަޝިއާގެ އަސްކަރިއްޔާއިން ދެމުންދާ އުދުވާނީ ހަމަލާތައް ރިޕޯޓުކޮށްގެ 15 އަހަރުދުވަހުގެ ޖަލު ހުކުމް އައުމުގެ ނުރައްކާ އޮތުމާއި ގުޅިގެން، ދުނިޔޭގެ ބޮޑެތި ގިނަ މީޑިއާތަކުން ވަނީ ރަޝިއާގައި ބްރޯޑްކާސްޓު ކުރުން ހުއްޓާލާފައެވެ. މިގޮތުން މިހާތަނަށް، ރަޝިއާގައި ހުރި އޮފީސްތައް ބަންދު ކުރުމަށް ނިންމާފައިވާ ނޫސް މީޑިއާތަކުގެ ތެރޭގައި ސީބީއެސްއާއި، ސީއެންއެންގެ އިތުރުން ބީބީސީވެސް ހިމެނެއެވެ. މިގޮތުން ސީއެންއެންއިން މިހާރުވަނީ، ރަޝިއާބަހުން އެ ސްޓޭޝަނުން ރަޝިއާގައި ބްރޯޑްކާސްކުރުން ހުއްޓާލަން ނިންމާފައެވެ.

މީގެއިތުރުން، ރަޝިއާއިން ޔޫކުރެއިންއަށް އަރާ، އެގައުމަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން، ރަޝިއާ ސަރުކާރުގެ އެއްވެސް އިސްތިހާރެއް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ގެނެސްދިނުން، ފޭސްބުކުގެ މައި ކުންފުނި ކަމުގައިވާ މެޓަ ޕްލެޓްފޯމް އިންކް އިންނާއި ޓުވިޓަރއިން ވަނީ ހުއްޓާލާފައެވެ.

ޓުވިޓަރއިން ބުނެފައިވަނީ އެ ކުންފުނިން ރަޝިއާއި ޔޫކުރެއިންގައި އިސްތިހާރުތައް ނުދައްކާނެ ކަމަށާއި، އަދި ރަޝިއާއި ޔޫކުރެއިންގައި އިސްތިހާރު ދެކުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އޭގެ ބޭނުމެއް ކަމުގައި ޓުވިޓަރއިން ބުނެފައިވަނީ މިގޮތަށް ދައްކާ އިސްތހާރުތަކުން، ސޯޝަލް ނެޓްވާރކުގައި ފަތުރާ އާންމު ސަލާމަތާއި ގުޅުންހުރި މައުލޫމާތުތަކަށް ދޭ ސަމާލުކަން ކުޑަވެދާނެތީއެވެ.

ފޭސްބުގެ މައި ކުންފުނި މެޓަރގެ ސެކިއުރިޓީ ޕޮލިސީ ހެޑް ނަތަނިއެލް ގްލެއިޝަރ ވިދާޅުވި ގޮތުގައި، ރަޝިއާގެ ސްޓޭޓް މީޑިއާގައި އަދިވެސް ޚާއްސަ ލޭބަލެއް ފެންނާން ހުނާނެ ކަމުގައެވެ. އަދި މި ބަދަލުތައް މިހާރު ގެންނާން ފަށާފައިވާ ކަމުގައާއި އަންނަ ހަފްތާ ބަނދުގައި މިބަދަލުތައް އައިސް ނިމޭނެ ކަމަށެވެ.

މި ޕްލެޓްފޯމްތަކުން ރަޝިއާގެ ސަރުކާރުގެ ޚަބަރުތަކާއި އިސްތިހާރުތައް ސެންސަރުކުރުމާއި ގުޅިގެން ރަޝިއާއިން މިހާރުވަނީ ފޭސްބުކްއާއި އަދި ޓުވިޓަރ އެގައުމުގައި ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.