ރަޝިއާގެ އަސްކަރިއްޔާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކުން ސަލާމަތްވުމަށް، ފާއިތުވެދިޔަ 10 ދުވަހުގެ ތެރޭގައި 1.5 މިލިއަން މީހުން ޔޫކުރެއިން ދޫކޮށް، ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ގައުމުތަކަށް ހިޖުރަ ކޮށްފައިވާކަމަށް ޔޫއެންގެ ހައިކޮމިޝަނަރ ފޯރ ރެފިއުޖީސް ފިލިއްޕޯ ގްރާންޑި ވިދާޅުވެއްޖެއެވެ.
އަދި މިހަގުރާމައިގެ ސަބަބުން މިހާރު އުފެދިފައިވާ ރެފިއުޖީ ކާރިސާއަކީ، ދުނިޔޭގެ ދަވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަފްގައި އުފެދިގެން ގޮސްފައިވާ އެންމެބޮޑު ރެފިއުޖީ ކާރިސާ ކަމުގައިވެސް ފިލިއްޕޯ ވަނީ ވިދާޅުވެފައެވެ.
ހަގުރާމައިން ސަލާމަތްވުމަށް އެތައްހާސް ބަޔަކު ކޮންމެ ދުވަހަވެސް ޔޫކުރެއިން ދޫކޮށް އަވައްޓެރި ގައުމުތަކަށް ހިޖުރަ ކުރަމުން ދާއިރު، ޔޫކުރެއިންއާއި އިންވެގެންވާ ގައުމުތަކުން ދަނީ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ރެފިއުޖީން ހިޖުރަށް ކޮށްފައިވަނީ އަވައްޓެރި ޕޮލޭންޑަށެވެ. މިގޮތުން މި މާރޗްމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އެގައުމަށް ޔޫކުރެއިންގެ 672,000 މީހުން ރެފިއުޖީންގެ ގޮތުގައި ވަނީ ހިޖުރަ ކޮށްފައެވެ. އަދި މީގެ އިތުރުން ބައެއް މީހުން ޖާމަރނިއަށާއި، ޔޫކުރެއިންއާއި އިންވެގެން އޮންނަ މޯލްޑޯވާއަށްވެސް ދަނީ ހިޖުރަ ކުރަމުންނެވެ.
ޔޫކުރެއިން ދޫކޮށްދާ ރެފިއުޖީންނަށް ޔުއެންއިންނާއި އަދި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުންވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ހަނގުރާމާގައި މިހާތަނަށް 1.5 މިލިއަން މީހުން ރެފިއުޖީންނަށް ވެފައި ވާއިރު، މި ހަނގުރާމާގައި މިހާތަނަށް އާންމުންގެ 350 މީހުން މަރުވެފައިވާ ކަމަށްވެސް ޔޫއެންއިން ވަނީ ބުނެފައެވެ.
ޔޫއެން ހައިކޮމިޝަނަރ ފޯރ ހިއުމަން ރައިސްޓްސް (OHCHR) އިން ބުނެފައިވާ ގޮތުގައި، އާންމުންގެ މީހުން ވަރުވެފައިވަނީ، ރޮކެޓްތަކުންނާއި މިސައިލްތަކުން ގިނަ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން ކަމުގައެވެ.
ޔޫއެން ހައިކޮމިޝަނަރ ފޯރ ހިއުމަން ރައިސްޓްސްއިން ބުނެފައިވާ ގޮތުގައި، މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން މި ހަނގުރާމާގައި މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދަކީ 350 މީހުންކަމުގައި ބެލެވިފައިވި ނަމަވެސް، މިއަދަދު މިއަށްވުރެ މަތިވާނެކަމަށް ބެލެވެއެވެ. ސަބަބަކީ އެންމެ ބޮޑަށް ހަގުރާމަ ހިގަމުންދާ ސަރަހައްދުތަކުން އެންމެ ފުރިހަމަ ސާފު މައުލޫމާތު ލިބެމުން ނުދާތީއެވެ.