ޔޫކުރެއިން ދޫކޮށް ފިއްލަވާ ވަަޑައި ނުގަންނަވާކަން އަނެއްކާވެސް ޒެލެންސްކީ ޔަގީން ކޮށްދީފި

ޔޫކުރެއިން ދޫކޮށް ފިއްލަވާ ވަަޑައި ނުގަންނަވާކަން އަނެއްކާވެސް ޒެލެންސްކީ ޔަގީން ކޮށްދީފި

Author
ހުސެއިން
05 މާރޗް 2022 04:02
0

ގައުމު ދޫކޮށް ފިއްލަވާ ވަޑައި ނުގަންނަވާކަން ޔަގީން ކޮށްދިނުމުގެ ގޮތުން، ޔޫކުރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ އަނެއްކާވެސް އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ވީޑިއޯއެއް އާންމު ކުރައްވައިފިއެވެ. މި ވީޑިއޯގައި ޒެލެންސްކީ ވިދާޅުވެފައިވަނީ އޭނާ އަދިވެސް ހުންނެވީ ވެރިރަށް ކީވްގައި ކަމަށާއި، ގައުމު ދޫކުރައްވާ ފިއްލަވާ ވަޑައި ނުގަންނަވާ ކަމުގައެވެ.

"ކޮންމެ ދެދުވަހަކުން އެއްދުވަހު، މައުލޫމާތު އެބަ ފެތުރޭ އަހަރެން ކޮންމެވެސް ތަނަކަށް ފިލާފައިވާ ކަމުގެ– ޔޫކުރެއިން ދޫކޮށް، ކީވް ދޫކޮށް، އޮފީސް ދޫކޮށް ހިގައްޖެ ކަމުގެ، މިހީރީ ފެންނަން، އަހަރެން މިހިރީ އަހަރެންގެ އޮފީހުގައި، އެންޑްރީ ބޮރިސޮވިޗް (ޒެލެންސްކީގެ ޗީފް އޮފް ސްޓާފް)ވެސް މިހިރީ މިތާގައި. އެއްވެސް މީހަކު އެއްވެސް ތަނަކަށް ފިލައިގެން ގޮސްފައެއް ނުވޭ. އަހަރެމެން މިތިބީ މަސައްކަތުގައި،" މި ވީޑިއޯގައި ޒެލެންސްކީ ވިދާޅުވެފައި ވެއެވެ.

"އަހަރެމެން ވަރަށް ބޭނުންވޭ ޖޮގިންއަށް ދާން، އެހެންނަމަވެސް މިހާރަކު ވަގުތެއް ނުވޭ، ކާޑިއޯ އެކްސެޒައިޒްތައް ހަދާކަށް ވަގުތެއް ނުވޭ،" މަޖަލަށް ވާގޮތަށް ޒެލެންސްކީ ވިދާޅުވިއެވެ. "މިތިބީ މަސައްކަތުގައި، ކުރިޔަށް ޔޫކުރެއިން."

ރަޝިއާއިން ޔޫކުރެއިންއަށް އަރާ ހަގުރާމަ ފެށުމާއެކުވެސް ޔޫކުރެއިން ދޫކޮށް ޒެލެންސްކީ ފިއްލަވާ ވަޑައިގެންފައި ވާކަމުގެ އަޑުތައް ފެތުރުނެވެ. އެފަހަރުވެސް އޭނާވަނީ ޔޫކުރެއިން ރިޔާސީ ގަނޑުވަރު ކައިރީގައި ހުންނަވާ އަމިއްލަ ވީޑިއޯއެއް ފެސްބުކުގައި އާންމު ކުރައްވާފައެވެ.

ރަޝިއާ ސިފައިން ޔޫކުރެއިންއަށް އަރާ، އެގައުމުގެ ވެރިރަށް ކީވް ހިފުމަށް، އެސިޓީއަށް ހަމަލާ ދޭން ފެށުމާއެކު، އެގައުމު ދޫކޮށް ދިއުމަށް އެމެރިކާއިން ރައީސް ޒެލެންސްކީއަށް ދިން ދައުވަތު ގަބޫލު ނުކޮށް އަބުރާ ރައްދުކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ކުރިން ރިޕޯޓު ކޮށްފައި ވެއެވެ.

"ހަގުރާމަ މިއޮތީ މިތާގަ. އަހަރެން ބޭނުމީ ހަތިޔާރު، ފިލައިގެން ދާކަށް ނޫން"

އެގައުމު ދޫކޮށް އެމެރިކާއަށް ދިއުމަށް ވޮޝިންގޓަން ދިން ދައުވަތު ގަބޫލު ނުކުރައްވާ ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވިކަމަށް، މައުލޫމާތު އެނގިހުރި އެމެރިކާގެ އިންޓެލިޖަންސް އޮފިޝަލަކާ ހަވާލާދީ އެސޯޝިއޭޓް ޕްރެސްއިން ރިޕޯޓު ކޮށްފައި ވެއެވެ.

އެމެރިކާގެ ވޮޝިންގޓަން ޕޯސްޓުންވެސް، ޔޫކުރެއިންއާއި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޔޫކުރެއިން ދޫކޮށް ދިއުމަށް ޒެލެންސްކީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ އޮތީ ތައްޔާރަށެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާންއާއި ދެކޮޅަށް ޒެލެންސްކީ ދައްކަވާފައިވާ ހިތްވަރަށް ސޯޝަލް މީޑިއާގައިވަނީ އޭނާއަށް ގިނަބަޔަކު ތައުރީފް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.