ޔޫކުރެއިންގެ އެންމެ ބޮޑު ނިއުކުކިއަރ ޕަވަރް ޕްލާންޓު ކަމުގައިވާ، ޒެޕޮރިޒްހިއާ ނިއުކުލިއަރ ޕަވަރ ޕްލާންޓް ރަޝިއާއިން ހިފައިފިއެވެ. މި ނިއުކުލިއަރ ޕަވަރ ޕްލާންޓް ރަޝިއާގެ ބާރުގެދަށް ގެނެސްފައިވަނީ، މި ޕަވަރ ޕްލާންޓަށް ރަޝިއާއިން ހަމަލާދީ އެތަނުގެ ބައެއް ބްލޮކްތަކުގައި އަލިފާން ރޯވެ، އަދި ޕަވަރ ޕްލާންޓުން ރޭޑިއޭޝަން ބޭރު ވެދާނެކަމުގެ ބިރު ހީވެގެން ގޮސްފައި ވަނިކޮށެވެ.
އެހެންނަމަވެސް، މީޑިއާތަކުން ފަހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަލިފާން ނިއްވާ ފަރާތްކުން ފަހުންވަނީ، މި ޕްލާންޓުގައި ރޯވި އަލިފާން ނިއްވާލާފައެވެ. އަދި ނިއުކުލިއަރ ހަކަތައާބެހޭ ބައިނަލްއަގުވާމީ މުވައްސަސާ، އައިއީއޭއިން ފަހުންވަނީ، މި ޕްލާންޓުން އަދި މިހާތަނަށް ނިއުކުލިއަރ ރޭޑިއޭޝަން ބޭރުވެފައި ނުވާކަމަށް ބުނެފައެވެ.
މި ނިއުކުލިއަރ ޕަވަރ ޕްލާންޓަކީ ޔޫރަޕްގައި ހުރި އެންމެ ބޮޑު ނިއުލކުލިއަރ ޕަވަރ ޕްލާންޓެވެ. އަދި މިއީ ޔޫކުރެއިންގެ އާބާދީގެ %25އަށް ހަކަތައް ފޯރުކޮށްދޭ ޕަވަރ ޕްލާންޓުވެސްމެއެވެ. މި ނިއުލިއަރ ޕަވަރ ޕްލާންޓު ރަޝިއާ ސިފައިންގެ ބާރުގެދަށަށް ދިއުމާއެކު، މި ޕަވަރ ޕްލާންޓު އޮޕަރޭޓް ކުރަމުންދާ ފަރާތުން ބުނެފައިވަނީ، މުވައްޒަފުން ތިބީ ބަޑިން ބިރުދައްކާފައި ކަމުގައެވެ.
ޒެޕޮރިޒްހިއާ ނިއުކުލިއަރ ޕަވަރ ޕްލާންޓަށް ރަޝިއާގެ އަސްކަރިއްޔާއިން ހަމަލާދީ އެ ޕަވަރ ޕްލާންޓުގައި އަލިފާން ރޯވުމާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ވަނީ މި ހަމަލާ ކުށްވެރިކޮށް، މިއީ ހަގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ހަނގުރާމައިގެ ހާލަތުގައިވެސް، ނިއުކުލިއަރ ޕަވަރ ޕްލާންޓުތަކަށް ހަމަލާ ދިނުމަކީ މަނާކަމެކެވެ.
ނިއުކުލިައރ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މި ޕަވަރ ޕްލާންޓުގެ ނިއުކުލިއަރ ރިއެކްޓަރ ގޮވައިފިނަމަ، 1986ވަނަ އަހަރު އޭރުގެ ޔުއެސްއެސްއާރުގައި، މިހާރުގެ ޔޫކުރެއިންގައި ހިގާފައިވާ ނިއުކުލިއަރ އެކްސިޑެންޓަށްވުރެ 10 ގުނަ ބާރު ގަދަ ގޮވުމެއް މި ޕްލާންޓުގައި ގޮވާނެއެވެ.
އަދި އޭގެ ނަތީޖާއެއްގެ ގޮތުން ބޭރުވާ ރޭޑިއޭގެ ޝަންގެ އަސަރު ރަޝިއާވެސް ހިމެނޭގޮތުން، ޔޫރަޕް ބޮޑު ބަޔަކަށް ކުރާނެކަމަށްވެސް ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
2011ވަނަ އަހަރު ޖަޕާނުގެ ފުކުޝީމާއަށް އައި ވަރުގަދަ ބިންހެލުމަށްފަހު އައި ސުނާމީގައި، ފުކުޝީމާގެ އައްސޭރިފަށުގައި ހުރި ނިއުކުލިއަރ ޕްލާންޓުތައް ގޮވާ، ހިނގި ނިއުކުލިއަރ އެކްސިޑެންޓުގެ ނަތީޖާއެއްގެ ގޮތުން ރޭޑިއޭޝަން ބޭރުވެ، މި ޕްލާންޓު ހުރި ސަރަހައްދުގެ 30 ކިލޯމީޓަރުގެ ސަރަހައްދަކުން ވަގުތުން މީހުން ހުސްކުރަން ޖެހުނެވެ. އަދި އެ ހާދިސާއަށް 10 އަހަރު ފުރިގެން ދިޔައިރު، މި ޕްލާންޓު ހުރި ސަރަހައްދުގެ ވަށައިގެންވާ ސަރަހައްދު ތަކަކީ އަދިވެސް މީހުން އާބާދުކުރުން ޖަޕާން ސަރުކާރުން މަނާކޮށްފައިވާ ސަރަހައްދުތައް ވެއެވެ.
ކޮމެންޓު ފޮނުވާ