ޔޫކުރެއިންގައި ހުރި، ޒެޕޮރިޒްހިއާ ނިއުކުލިއަރ ޕަވަރ ޕްލާންޓުގައި އަލިފާން ރޯވެފައިވާކަމަށް މި ނިއުކުލިއަރ ޕަވަރ ޕްލާންޓުގެ ކައިރީގައި އޮންނަ އެނަރގޯޑާ ޓައުންގެ މޭޔަރ ޑިމިޓްރޯ އޯރލޯވް ވިދާޅުވެއްޖެއެވެ.
ޔޫކުރެއިންގައި ހުންނަ މި ޕަވަރ ޕްލާންޓަކީ ޔޫރަޕްގައި ހުންނަ އެންމެ ބޮޑު ޕަވަރ ޕްލާންޓެވެ.
"މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް!!!، ދުޝްމަނުންގެ ފަރާތުން ހުއްޓުމެއްނެތި ޔޫރަޕްގައި ހުރި އެންމެ ބޮޑު ޕަވަރ ޕްލާންޓުގެ އިމާރާތަށާއި އަދި ބުލޮކުތަކަށް ދެމުންދާ ހަމަލާތާކާއި ގުޅިގެން ޒެޕޮރިޒްހިއާ ނިއުކުލިއަރ ޕަވަރ ޕްލާންޓުގައި ވަނީ އަލިފާން ރޯވެފަ!!،" އޯރލޯވް އޭނާގެ ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައި ވެއެވެ.
"އަހަރެން އެދެން ޒެޕޮރިޒްހިއާ ނިއުކުލިއަރ ޕަވަރ ޕްލާންޓަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް، ވަގުތުން ހުއްޓާލުމަށް"، ވީޑިއޯ މެސެޖުގައި އެނަރގޯޑާ ޓައުންގެ މޭޔަރ ޑިމިޓްރޯ އޯރލޯވް ވިދާޅުވެފައި ވެއެވެ.
މި ނިއުކުލިއަރ ޕަވަރ ޕްލާންޓުގައި ރޯވެފައިވަނީ، ރޭގަޑުގެ ވަގުތުގައި ކަމަށްވުމާއެކު، އަދި މި ޕަވަރ ޕްލާންޓަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން، ޕްލާންޓުގައި ރޯވެފައިވާ އަލިފާން ނިއްވާލުމުގައި ދަތިތަކާއި ކުރިމަތިވަމުން ދާކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ނިއުކުލިައރ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މި ޕަވަރ ޕްލާންޓުގެ ނިއުކުލިއަރ ރިއެކްޓަރ ގޮވައިފިނަމަ، 1986ވަނަ އަހަރު އޭރުގެ ޔުއެސްއެސްއާރުގައި، މިހާރުގެ ޔޫކުރެއިންގައި ހިގާފައިވާ ނިއުކުލިއަރ އެކްސިޑެންޓަށްވުރެ 10 ގުނަ ބާރު ގަދަ ގޮވުމެއް މި ޕްލާންޓުގައި ގޮވާނެއެވެ.
އަދި އޭގެ ނަތީޖާއެއްގެ ގޮތުން ބޭރުވާ ރޭޑިއޭގެ ޝަންގެ އަސަރު ރަޝިއާވެސް ހިމެނޭގޮތުން، ޔޫރަޕް ބޮޑު ބަޔަކަށް ކުރާނެކަމަށްވެސް ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
2011ވަނަ އަހަރު ޖަޕާނުގެ ފުކުޝީމާއަށް އައި ވަރުގަދަ ބިންހެލުމަށްފަހު އައި ސުނާމީގައި، ފުކުޝީމާގެ އައްސޭރިފަށުގައި ހުރި ނިއުކުލިއަރ ޕްލާންޓުތައް ގޮވާ، ހިނގި ނިއުކުލިއަރ އެކްސިޑެންޓުގެ ނަތީޖާއެއްގެ ގޮތުން ރޭޑިއޭޝަން ބޭރުވެ، މި ޕްލާންޓު ހުރި ސަރަހައްދުގެ 30 ކިލޯމީޓަރުގެ ސަރަހައްދަކުން ވަގުތުން މީހުން ހުސްކުރަން ޖެހުނެވެ. އަދި އެ ހާދިސާއަށް 10 އަހަރު ފުރިގެން ދިޔައިރު، މި ޕްލާންޓު ހުރި ސަރަހައްދުގެ ވަށައިގެންވާ ސަރަހައްދު ތަކަކީ އަދިވެސް މީހުން އާބާދުކުރުން ޖަޕާން ސަރުކާރުން މަނާކޮށްފައިވާ ސަރަހައްދުތައް ވެއެވެ.
ކޮމެންޓު ފޮނުވާ