ރަޝިއާއި ޔޫކުރެއިންއިން ކުރިޔަށް ގެންދާ މަޝްވަރާތަކުގެ ދެވަނު ބުރު ފެށިގެން މިހާރު ކުރިޔަށް އެބަދެއެވެ.
މީޑިއާތަކުން ރިޕޯޓު ކުރަމުންދާ ގޮތުގައި، މިފަހަރުގެ މަޝްވަރާތައް ފެށިގެން ކުރިޔަށްދަނީ ޔޫކުރެއިންއާއި އިންވެގެން އޮންނަ ބެލަރޫސްގެ ހުޅަނގު ދެކުނު ސަރަހައްދެއް ކަމުގައިވާ ބްރެސްޓްގައެވެ.
މިމަޝްވަރާތައް ކުރިޔަށް މިދަނީ ދެގައުމުގެ ދެމެދުގައި ބޭއްވުނު ވާހަކަތައް މިހަފްތާގެ ހޯމަދުވަހު، ބެލަރޫސްގެ ބޯޑަރު ސަރަހައްދުގައި ބޭއްވިފައިވަނިކޮށެވެ. އަދި މިވާހަކަތަކުގައި، ވާހަކަތައް އިތުރަށް ކުރިޔަށް ގެންދިއުމަށް އެއްބަސްވުން ފިޔަވާ އިތުރު އެހެން އެއްވެސް ކަމަކަށް އެއްބަސް ވެވިފައެއް ނުވެއެވެ.
ޔޫކުރެއިންގެ ފަރާތުން މި ވާހަކަތަކުގައި ބައިވެރިވެވަޑައި ގަންނަވަމުން ގެންދަވާ ޑަވީޑު ރަކްހަމިއާ ވިދާޅުވެފައިވާ ގޮތުގައި، މި ފަަހަރުގެ ވާހަކަތަކުގައި އެގައުމުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އެހެން ކަންކަމާ ގުޅޭގޮތުން ވާހަކަތައް ފެށުމުގެ ކުރިން، އިންސާނީ އެހީ ފޯރުކޮށްދޭނެ ޚާއްސަ މަގެއް ހުޅުވުމާއި ގުޅޭގޮތުން ކަމުގައެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނީ މި ވާހަަތަކުންވެސް އަދަޔާ ޚިލާފު ނަތީޖާއެއް ނިނުމެދާނެކަމާމެދު މާބޮޑު އުއްމީދެއް ނެތްކަމުގައެވެ.
ފުރަތަމަ ބުރުގެ ވާހަކަތަކުގެ ކުރިން ޔޫކުރެއިން ބުނެފައިވަނީ، އެގައުމުން ބޭނުންވަނީ ހަމަލާ ބަދަލުކުރުން ހުއްޓުމަކަށް ގެނައުމަށާއި، ރަޝިއާގެ ހުރިހާ ސިފައިން އެގައުމުން ފޭބުމަށް ކަމަށެވެ. ރަޝިއާގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާ އިސް ނެގޯޝިއޭޓަރ ވިދާޅުވެފައިވަނީ، އެގައުމުން ބޭނުންވަނީ، ދެފަރާތުގެ މަސްލަހަތު ހުރި ކަންކަމުގައި އެއްބަސްވުމަކަށް އައުމަށް ކަމުގައެވެ.
އެހެންނަމަވެސް ވާހަކަތަކުގެ ކުރިން ޔޫކުރެއިން ބުނެފައިވަނީ، މިވާހަކަތަކުން އާދަޔާ ޚިލާފު ބޮޑު ބަދަލެއް ފެނިގެން ހިގައިދާނެކަމަށް އެގައުމުން އުއްމީދެއް ނުކުރެއެވެ.
ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ ހަމަލާތަކަށް މިހާރު 8 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ރަޝިއާއިން މިހާރުވަނީ ޔޫކުރެއިންގެ ޕޯޓު ސިޓީއެއް ކަމުގައިވާ ޚާސޮން އެގައުމުގެ އަސްކަރިއްޔާގެ ބާރުގެދަށަށް ގެނެސްފައެވެ.
އެހެންނަމަވެސް، ރަޝިއާއިން 2014ވަނަ އަހަރު އެގައުމުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ޔޫކުރެއިންގެ ކްރައިމިއާއާއި ކައިރިގައި އޮންނަ މި ސިޓީ ރަޝިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގޮސްފައިވި ނަމަވެސް، ޔޫކުރެއިންގެ އުތުރުން، އެގައުމުގެ ވެރިރަށް ކީވް އަދިވެސް ރަޝިއާއަށް ހިފިފައެއް ނުވެއެވެ. އަދި އުތުރުގެ ގިނަ ސަރަހައްދުތަކުގައި ޔޫކުރެއިންގެ ސިފައިންދަނީ ރަޝިއާގެ ސިފައިންނަށް ވަރުގަދަ ރައްދު ހަމަލާތައް ދެމުންނެވެ.
ރަޝިއާއިން ޔޫކުރެއިންއަށް އެރުމާއި ގުޅިގެން، ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުން އެގައުމާ ދެކޮޅަށް އަޅާފައިވާ ހަރުކަށި އިގުތިސާދީ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާގެ އިގުތިސާދަށް ދަނީ ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރަޝިއާގެ ސެންޓްރަލް ބޭންކުން މިހާރުވަނީ އެ ބޭންކުގެ އިންޓަރެސްޓް ރޭޓް ދެގުނަގޮށް، އިންޓަރެސްޓް ރޭޓް %9.5 އިން %20 އަށް މަތި ކޮށްފައެވެ.
ކޮމެންޓު ފޮނުވާ