ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެންނެވި ގޮތަށް ރާއްޖެ ވަޑައި ނުގެން އިނގިރޭސި ވިލާތުގައިހުންނަވާތަ މިހާރު ވަނީ އަހަރެއްވެފައެވެ. އަލީ ވަހީދުގެ މައްޗަށް އުފުލާފައިވަ ދައުވާތަކާއި ގުޅިގެން ބޭއްވުމަށް މަސައްކަތް ކުރި ޝަރީއަތްތައް އޭނާ ހާޒިރުނުވުމުން ވަނީ ކެންސަލް ކޮށްފައެވެ.
ފުލުހުން މިއަދު ވިދާޅުވީ އަލީ ވަހީދު ހައްޔަރު ކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރުމާއި ގުޅިގެން ޕްރޮސެކިއުޓާރ ޖެނެރަލ އޮފީހާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށެވެ.
އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ގޯނާގެ މައްސަލައިގެ ޝަރީއަތަށް ކޯޓުގައި ފަށައިފައިވަނިކޮށެވެ. ބޭސް ފަރުވާއަށް އަލީ ވަހީދު ފުރަން ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ ޖާމިނުވުމުންނެވެ. އަސްހަދު ޖާމިނުވެފައިވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނައިސްފިނަމަ ޒިންމާ އަސްހަދު ނަގާ ގޮތަށެވެ. އަލީ ވަހީދު ރާއްޖެ ނައުމާއި ގުޅިގެން ޖަމިނުވި އަސްހަދު ވަނީ 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުން ވަކި ކުރައްވާފައެވެ.
އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ، އޭނާގެ މައްޗަށް ޖިންސީ ގޯނާގެ 6 ދަޢުވާއެއް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނިކޮށެވެ. އަދި އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތައް ކޯޓުތަކުގައި ފަށާފައިވަނިކޮށް އިނގިރޭސިވިލާތުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕްރޮސިކިއުޓަރ ޖެނަރަލާއި، ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުންނެވެ.
ކޮމެންޓު ފޮނުވާ