ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމުގައި ހިންގަމުން އަންނަ އުދުވާންއާއި ދެކޮޅުހަދާ، އަދި މި އުދުވާންއަށް ޔޫކުރެއިންގެ އަވައްޓެރި ބަލަރޫސްއިން އެހީތެރިކަން ފޯރުކޮށްދިފައިވާތީ، މި ދެގައުމުގައި ވާރލްޑް ބޭންކުން ހިންގަމުންއައި ހުރިހާ ޕްރޮގްރާމްތަކެއް ވަގުތުން ހުއްޓާލާފައިވާކަން އެ ބޭންކުން ހާމަ ކޮށްފިއެވެ.
ވާރލްޑް ބޭންކުން ބުނެފައިވަނީ، މި ވިފިޔަވަޅުތަކަކީ، "ރަޝިއާއިން ޔޫކުރެއިންގެ ރައްޔިތުންނާ ދެކޮޅަށް'" ހިންގަމުންދާ އުދުވާން ބަލައިގަންނަން ބޭނުން ނުވާތީ އަޅާފައިވާ ފިޔަވަޅެއް ކަމުގައެވެ.
ދުނިޔޭގެ އެތައް ގައުމެއްގައި އެތައް ޕްރޮގްރާމެއް ހިންގަމުން އަންނަ ބޭންކުން ނެރުނު ބަޔާކުގައި ބުނެފައިވަނީ، 2014ވަނަ އަހަރުން ފެށިގެން ރަޝިއާގައި ކުރާ އެއްވެސް އިންވެސްޓަމަންޓަކަށް އެބޭންކުން ލޯން ދުކޮށްފައި ނުވާކަމަށެވެ. މިއީ 2014ވަނަ އަހަރު ރަޝިއާއިން ޔޫކުރެއިންގެ ކްރައިމިއާ ސަރަހައްދަކީ ރަޝިއާގެ ބައެއްކަމަށް ކަނޑައެޅުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅެއް ކަމުގައިވެސް ވާރލްޑް ބޭންކުން ބުނެފައި ވެއެވެ.
އަދި މީގެ އިތުރުން، 2020ވަނަ އަހަރުން ފެށިގެން ބެލަރޫސްއަށް އެއްވެސް ލޯނެއް ދޫކޮށްފައި ނުވާކަމަށްވެސް ވާރލްޑް ބޭންކުން ބުނެފައި ވެއެވެ. ވާރލްޑް ބޭންކުން ބެލަރޫސްއާއި ދެކޮޅަށް 2020ވަނަ އަހަރުންފެށިގެން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ، އެގައުމުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ޔޫއެންއިން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން، ޔޫރަޕާއި ހުޅަނގުގެ ގިނަ ގައުމުތަކުން ދަނީ ރަޝިއާއި ދެކޮޅަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން އަޅަމުންދާ އިގްތިސާދީގޮތުން ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ރަޝިއާގެ ފްލައިޓްތަކަށާއި އަދި ކަނޑު އުލަނދުތަކަށް ޔުރަޕްގެ ވަޔާއި އަދި ކަނޑުގެ ސަރަހައްދު އެކީ ކަހަލަގޮތަކަށް މިހާރުވަނީ ބަންދު ކުރެވިފައެވެ.
އަދި މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރަޝިއާގެ އިގްތިސާދަށް ނޭދެވޭ އަސަރުކޮށް، އެގައުމުގެ ފައިސާގެ އަގުވަނީ %30 ދަށަށް ގޮސްފައެވެ. އަދި ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހު އެކަނިވެސް ރަޝިއާގެ އިގްތިސާދުން ވަނީ %5 ކުޑަ (ކޮންޓްރެކްޓް) ވެގެން ގޮސްފައެވެ.
އަދި ރަޝިއާގެ ބޭންކިން ސެކްޓަރ ދުނިޔެއާއި ގުޅުން ކަޑުވާލުމުގެ ގޮތުން، ރަޝިއާގެ ގިނަ ބޭންކުތައް މިހާރުވަނީ، ފައިސާ ޓްރާންސްފަރ ކުރުމަށް ދުނިޔޭގައި ބޭނުންކުރެވެމުން އަންނަ ސްވިފްޓް ނެޓްވާރކުން ބޭރުކޮށްފައެވެ.