ޕުޓިންގެ ޚުދުމުހުތާރުކަމުގެ ސަބަބުން، ދުނިޔެއިން ދަނީ ބާކީވަމުން: ބައިޑަން

ޕުޓިންގެ ޚުދުމުހުތާރުކަމުގެ ސަބަބުން، ދުނިޔެއިން ދަނީ ބާކީވަމުން: ބައިޑަން

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2022 02:58
0

ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި ރަޝީޔާގެ ރައީސް ވުލަޑުމީރް ޕުޓިންގެ ޚުދުމުހުތާރު ކަމުގެ ސަބަބުން މުޅި ދުނިޔެއިން ރަޝީޔާ ދަނީ ބާކީވެ އެކަހެރިވަމުން ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެމެރިކާގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައި ތަޤްރީރުކުރައްވަމުން ބައިޑަން ވިދާޅުވީ ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔެއިން އެ ޤައުމު ބާކީވުން ނޫން ކަމެއް ނުވާނެކަމަށާއި ހަނގުރާމައިގެ ސަބަބުން ރަޝިޔާ ބަލިކަށިވެ ދުނިޔޭގެ އެހެން ޤައުމުތައް އިތުރަށް ވަރުގަދަވާނެކަމަށެވެ.

ޔޫކްރެއިނުގައި ކުރައި ހަނގުރާމައަކީ މިނިވަންކަމާއި ޚުދުމުހުތާރުކަމާ ދެމެދުކުރަމުންދާ ހަނގުރާމައެއްކަމަށް ސިފަކުރައްވަމުން ބައިޑަން ވިދާޅުވީ ދިމީޤްރާޠީ ހަމަތައް ގެންގުޅޭ ފަރާތްތަކަށް އަބަދުވެސް ކާމިޔާބު ލިބޭނެކަމަށެވެ. މީގެ ހަތް ދުވަސްކުރިން ރަޝިޔާއިން ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަމަޖެހުމަށް ލޮޅުންއެރި ނަމަވެސް މުޅި ދުނިޔެއިންވެސް ދައްކަމުންދަނީ އެއްބައިވަންތަކަންކަމަށް ބައިޑަން ވިދާޅުވިއެވެ.

އެހެންކަމުން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމައެއް އިޢުލާނުކުރައްވާފައިވާ ޕުޓިންނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވަނީ އޭނާ ތައްޔާރުވެވަޑައިގެން ހުންނެވި ޙާލަތަކާ ނޫންކަމަށްވެސް ބައިޑަން ވިދާޅުވިއެވެ. އެ ގޮތުން ބައިޑަން ވިދާޅުވީ ޕުޓިން ހީކުރެއްވީ ޔޫކްރެއިނަށް ރަޝިޔާގެ ފައުޖުތައް ޙަމަލާ ދިނުމަށްފަހު އޭނާ ބޭނުންފުޅުވައި ކަންކަން ވަރަށް ފަސޭހަކަމާއެކު ޙާޞިލްކުރެއްވޭނެކަމަށާއި ދުނިޔެއިން އަޅާނުލައި އޮންނާނެކަމަށެވެ. ނަމަވެސް ކަންހިނގަމުންދަނީ އެހެން ނޫންކަމަށާއި ޕުޓިންނަށް ބޮޑު ހައިރާންކަމަކާއި ދެކޮޅުވެރިކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިއާ އިން ގެންދަނީ ޔޫކްރެއިނަށް މިސައިލާއި ރޮކެޓު ހަމަލާތައް ދެމުންނެވެ. އަދި ޓޭންކާއި ބަރު ހަތިޔާރުތަކާއެކު އެއްގަމު މަގުން ރަޝިއާ ސިފައިން ވަނީ ޔޫކްރެއިނަށް އަރައިފައެވެ. މި ހަނގުރާމައިގައި ރަޝިއާ ސިފައިން ވަނީ ޔޫކްރެއިންގެ ބައެއް ސަރަހައްދުތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ހައުސް ޗެމްބާގައި ދެންމެ ވާހަކަ ދައްކަވަމުން ޖޯއި ބައިޑެން ވިދާޅުވީ ޔޫރަޕަށް އެމެރިކާ ސިފައިން ފޮނުވި ނަމަވެސް ޔޫކްރެއިނާއި ރަޝިއާގެ އަސްކަރިއްޔާއާ ދެމެދު ހިނގާ ކުރިމަތިލުންތަކުގައި އެ ސިފައިން ބައިވެރި ނުވާނެ ކަމަށެވެ. އެކަމަކު، ނޭޓޯގެ ގައުމުތައް ހިމާޔަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބައިޑެން ވިދާޅުވި ގޮތުގައި ރަޝިއާގެ ރައީސް ލަޑިމިއަ ޕޫޓިން ވަނީ ހަނގުރާމައިގައި ޖަރީމާތައް ހިންގަވައިފައެވެ. އަދި އޭގެ އަގު ޕޫޓިން ދައްކަވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.