އެމީހެއްގެ ބައިވެރިޔާ އެމީހަކަށް ބޭވަފާތެރިވެދާނެކަން ޤަބޫލުކުރަން ވަރަށް އުނދަގޫވާނެއެވެ. އެހެން ނަމަވެސް މިއީ މުޖުތަމައުގައި ބޮޑުވެ، ދިރިއުޅުމަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރުވާ މައްސަލައެކެވެ.
ދިރާސާތަކުން ދައްކާގޮތުގައި ކައިވެނިކޮށްގެން އުޅޭ މީހުންގެ ތެރެއިން 20-25 އިންސައްތަ މީހުން އިތުރު މީހަކާ ނަފްސާނީ ގޮތުންނާއި ޖިންސީ ގޮތުން ގުޅުން ބާއްވައެވެ. 40 އިންސައްތަ މީހުން ޖިންސީ ގުޅުމެއް ނުބޭއްވި ނަމަވެސް އިތުރުމީހަކާ ގަޔާވެ ގުޅުން ބާއްވައެވެ. އަދި 99 އިންސައްތަ މީހުން މިފަދަ ގުޅުމެއް ބޭއްވުމަށް ވިސްނުން ގެންގުޅެއެވެ. ނޫނީ ޝައުޤުވެރިވެއެވެ. މީގެ ތެރެއިންވެސް ގޭގައިތިބޭ 38 އިންސައްތަ އަންހެނުން މިފަދަ ގުޅުންތައް ބާއްވަނީ ގާތް މީހުން ނުވަތަ އަވަށްޓެރިންނާއެކު ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.
މިހާހިސާބަށް މިކަން ގޮސްފައިވުމުން މައްސަލަތަކާ ބެހޭގޮތުން ވާހަކަދެއްކުން ވަރަށް މުހިންމެވެ. މިފަދަ ކަންކަމަށް މަގުފަހި ވާގޮތެއް ދެނެގަނެ އެފަދަ ކަމެއް ހިނގާނަމަ ބައިވެރިޔާގެ ފަރާތުން ފެނިގެންދާނެ ކަންތައްތައް އެނގިފައި އޮތުމަކީ މިކަން ކުރީކޮޅުގައި ދެނެގަތުމަށް ވަރަށް މުހިންމު ކަމެކެވެ.
އެކުގައިއުޅޭ ރަހުމަތްތެރިންނަކީ މިފަދަ ކަންކަމުގައި މަޝްއޫލުވެ އުޅޭ، އެކަމަށް ބާރުދޭފަދަ ވާހަކަތައް ދައްކާބައެއްނަމަ ވަރަށް ގިނަ ފަހަރަށް މިއީ ކުށެއްކަމަށް ޤަބުލުނުކުރެވި ބައިވެރިޔާއަށް ބޭވަފާތެރިވެވެއެވެ. އަދި އެންމެ ގިނަ ފަހަރަށް ލޯބީގެ ގުޅުން ބޭއްވެނީ އެކުގައި މަސައްކަތްކުރާ މީހުނާއެކުގައެވެ.
މިފަދަ މާހައުލެއްގައި ބައިވެރިޔާ ބޭވަފާތެރިވާކަން ދެނެގަތުމަށް އެމީހުންގެ ފަރާތުން ފެންނަ އަމަލުތަކާ ދޭތެރޭ ވިސްނާށެވެ.