ޔޫއެންގެ ޖެނީވާގައި ކުރިޔަށްދާ ޔޫއެން ހިއުމަންރައިޓްސް ކައުންސިލް ބައްދަލުވުމުގައި، ރަޝިއާގެ ފޮރިންގ މިނިސްޓަރ ސާގޭ ލާވްރޯވް ވީޑިއޯ ލިންކް މެދުވެރިކޮށް ވާހަކަ ދައްކަވަން ފެއްޓެވުމާއެކު، 40 ގައުމަކުން 100 އަށްވުރެ ގިނަ ޑިޕްލޮމޭޓުން ހޯލު ދޫކޮށް ހިގައްޖެއެވެ.
ޑިޕްލޮމޭޓުން ހޯލް ދޫކޮށް ގޮސްފައިވަނީ، ރަޝިއާއިން ޔޫކްރެއިންއަށް އަރާ އެގައުމާއި ދެކޮޅަށް މިހާރު ކުރިޔަށްގެންދާ އުދުވާންއާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ.
މިއަދު ކުރިޔަށްދިޔަ ބައްދަލުވުމުން ބޮއިކޮޓް ކޮށްފައިވާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާންގެ އިތުރުން ޔޫރަޕިއަން ޔޫނިއަންވެސް ހިމެނެއެވެ. ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުތަކުން މި ހޯލް ދޫކޮށް ވަޑައިގަތުމާއެކު، ރަޝިއާގެ ފޮރިންގ މިނިސްޓަރ ވާހަކަ ދައްކަވާފައިވަނީ، މުޅިންހެން ކަހަލަ ގޮތަކަށް ހުސްކޮށް ހޯލެއްގައި ވީޑިއޯލިންކު މެދުވެރިކޮށްވެ.
ރަޝިއާގެ ފޮރިންގ މިނިސްޓަރ ސާގޭ ލާވްރޯވްއަށް މިޖަލްސާއަށް ވަޑައި ނުގެންނެވުނީ، ދުނިޔޭގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދުތައް އެގައުމުގެ ފްލައިޓްތަކަށް ބަންދު ކޮށްފައި އޮތުމާއި ގުޅިގެން، ގައުމުން ބޭރަށް އޭނާއަށް ދުރު ކުރެވޭގޮތް ނުވުމާއި ގުޅިގެންނެވެ.
ރަޝިއާގެ ފޮރިންގ މިނިސްޓަރ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގެންދެވިއިރު، ހޯލުގައި ތިބެފައިވަނީ، ރަޝިއާއިން ޔޫއެންއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖެނީވާގައި ހުންނަވާ ސަފީރުގެ ގެނެޑީ ގަޓިލޯވްގެ އިތުރުން ސީރިއާ، ޗައިނާ އަދި ވެނެޒުއޭލާގެ މަންދޫބެވެ.
މި ވޯކްއައުޓުގެ އިސްކޮށް ހުންނެވި، ޔޫކުރެއިންއިން ޔޫއެންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވަނީ ހޯލު ދޫކުރައްވާ ވަޑައިގެންނެވި ހުރިހާ މަންދޫބުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާފައެވެ.
U.S. Ambassadors @USAmbGVA Crocker and @USAmbHRC Taylor were proud to join @UKRinUNOG and colleagues from around the globe in today’s dramatic walkout from the Human Rights Council to protest Lavrov’s appalling attempt to justify Russia’s brutal and unprovoked attack on Ukraine. pic.twitter.com/Lovr0TtqiH
— U.S. Mission Geneva (@usmissiongeneva) March 1, 2022
ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަ ދައްކަވަމުން، ރަޝިއާގެ ފޮރިންގ މިނިސްޓަރ ލާވްރޯވްވަނީ، އެގައުމުން ޔޫކުރެއިންއާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާ ދިފާއުކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި އޭނާވަނީ ޔޫކުރެއިން އިން ނިއުކުލިއަރ ހަތިޔާރު އުފައްދަން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް، އަދި ޔޫކުރެއިންގައި ދިރިއުޅެމުންދާ ރަޝިއާއަށް ނިސްބަތްވާ ފަރާތްތަކާމެދު އިންސާނިއްޔަތާއި ޚިލާފް އަމަލްތައް ހިންގަމުންދާކަމަށްވެސް ތުހުމަތު ކޮށްފައެވެ.
ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމުތަކުން މިހާރުވަނީ އެކި ބާވަތުގެ ދަތިކުރުމުގެ ފިޔަވަޅުތައް އެގައުމާ ދެކޮޅަށް އަޅާފައެވެ.
ކޮމެންޓު ފޮނުވާ