މިސަރުކާރުން ވެރިކަމަށް ވެފައިވާ އެންމެ މުހިންމު އެއްވައުދުގެ ތެރޭގައި ހިމެނޭ ވަޒީފާގެ ބިރު ދެއްކުމުގެ ވައުދު މިސަރުކާރުގެ ސަމާލުކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ގެންވައިފިއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ އެތެރޭގެ އިންތިޚާބަކާ ގުޅުވައިގެން ސިޔާސީ މަޤާމެއްގައި ވަޒީފާ އަދާކުރަމުންދިޔަ މީހަކު، ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިއްޔެ ވައްޑެ ވަނީ މަޖިލީހަށް މައްސަލައެއްވެސް ހުށަހަޅާފައެވެ. 2018 ވަނަ އަހަރުގެ ވެރިކަމަށް އައުމަށް އެމްޑީޕީން ވެފައިވަ ވައުދުތަކުގެ ތެރެއިން އެއް ވައުދަކީ ވަޒީފާގެ ބިރުވެރިކަން ފިލުވުމުގެ ވައުދެވެ.
ނަމަވެސް މިއަދާއި ހަމައަށްވެސް އެކަން ފިލައި ނުދާތީއާއި، އަދި އަމިއްލަ ޕާޓީގެ އިންތިޚާބަކާއި ކުރިމަތިވުމުން، ޕާޓީ ތެރޭގައި އޮތް ވާދަވެރިކަމުގެ ތެރެއިން ބަރުއޮތް ފަރާތުން ވަޒީފާތަކަށް ނުފޫޒު ފޯރުވައި، ވަޒީފާތަކުން ބައެއް ބޭފުޅުން ވަކިކުރަމުންދާތީ ވައްޑެ ވަނީ 2018ގައި ވެރިކަމަށް އައުމަށް ކުރި ކެމްޕެއިން ބެނާއެއް ހިއްސާކޮށް، ވަޒީފާގެ ބިރު ފިލުވަންޖެހޭކަމަށް ވިދާޅުވެ އެކަން ހަދާންކޮށް ދީފައެވެ.
ވަޒީފާގެ ބިރުވެރިކަން ފިލުވާލަން ޖެހޭ! pic.twitter.com/kZtsWSJVIw
— Waddey (@waddey_) March 1, 2022
އިންތިޚާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މިސަރުކާރުން އެއްވެސް ހާލެއްގައި ޤަބޫލުކުރާ، އަދި އަމަލުކޮށްފައިވާ ގޮތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ. އަދި، އެ ފަދަ އަމަލުތަކަކީ މި ސަރުކާރުން އަބަދުމެ ކުށްވެރިކުރާ، މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންތައްތަކެއް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އަދި، އެ މީހަކު ބޭނުންވާ ފަރާތަކަށް ތާޢީދުކުރުމާއި ވޯޓުލުމަކީ ކޮންމެ ފަރުދަކަށް، އަދި ސަރުކާރުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް ވެސް، އޮތް ޙައްޤަކަށް ވީ ހިނދު، އެ ޙައްޤަށް އެއްވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް އަމަލެއް ދިމާވެފައިވާނަމަ ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.